އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތައް ހިމެނޭ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ ދެ މަގާމަކަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދުދާއިރާގެ މެންބަރު އަސްމާ ރަޝީދުއާއި ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސައުދާ އިންތިޚާބުވެއްޖެއެވެ.
މިހާރު ޖެނީވާގައި ކުރިއަށްދާ އައިޕީޔޫގެ 149 ވަނަ އެސެމްބްލީގައި އަސްމާ އިންތިޚާބުކޮށްފައިވަނީ އައިޕީޔޫގެ ހައި-ލެވެލް އެޑްވައިޒަރީ ގްރޫޕް އޮން ކައުންޓަރިން ޓެރަރިޒަމް އެންޑް ވަޔޮލެންޓް އެކްސްޓްރީމިޒަމްގެ އޭޝިޔާ ޕެސިފިކް ސަރަޙައްދު ތަމްސީލް ކުރެއްވުމަށެވެ. އަދި ސައުދާ ހޮވައިފައިވަނީ ޔަންގް ޕާލަމެންޓޭރިއަންސް ފޯރަމްގައި އޭޝިޔާ ޕެސިފިކް ސަރަޙައްދު ތަމްސީލް ކުރެއްވުމަށެވެ.
އެ ދެ މަގާމަކީ ވެސް އޭޝިޔާ ޕެސިފިކް ސަރަހައްދުގެ އަންހެން މެންބަރުންނަށް ހުޅުވާލި ދެ މަގާމެކެވެ.
ޔަންގް ޕާލަމެންޓޭރިއަންސް ފޯރަމްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާނޫނުހަދާ މަޖިލިސްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ވަކާލާތުކުރުމަށް އައިޕީޔޫގައި އުފައްދާފައިވާ ޚާއްޞަ ޕްލެޓްފޯމެކެވެ.
ގާނޫނުހަދާ މަޖިލިސްތަކުގެ ޖުމްލަ މެންބަރުންގެ ތެރެއިން ޒުވާނުންގެ ނިސްބަތަކީ ތިން އިންސައްތައަށްވުރެ ކުޑަ އަދަދަކަށްވާތީ، ގާނޫނުހަދާ މަޖިލިސް ތެރޭގައާއި ދުނިޔޭގެ މައިދާނުގައިވެސް ސިޔާސީ ނިންމުންތައް ނިންމުމުގައި އެމީހުންގެ އަޑު އިއްވުމުގައި މި ފޯރަމްއިން އިސް ދައުރެއް އަދާކުރެއެވެ.
ހައި-ލެވެލް އެޑްވައިޒަރީ ގްރޫޕް އޮން ކައުންޓަރިން ޓެރަރިޒަމް އެންޑް ވަޔޮލެންޓް އެކްސްޓްރީމިޒަމްއަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި އަނިޔާވެރި ހަރުކަށި ފިކުރު ހުއްޓުވުމަށް ގާނޫނު ހަދާ މަޖިލިސްތަކުން ކުރާ މަސައްކަތްތަކަށް އެހީތެރިވެދީ، އެފަދަ މައްސަލަތަކަށް ހައްލު ހޯދުމަށް ސިޔާސަތުތަކާއި ފިޔަވަޅުތަކާ ބެހޭގޮތުން ގާނޫނުހަދާ މަޖިލިސްތަކަށް ލަފާދިނުމަށް އައިޕީޔޫގައި އުފައްދާފައިވާ ގްރޫޕެކެވެ.
މީގެކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ އައިޕީޔޫގެ އެކި މަގާމުތައް އަދާކުރައްވާފައެވެ. މަޖިލިސް އައިޕީޔޫގެ މެންބަރަކަށްވީ 2005 ވަނަ އަހަރުގައެވެ.