ހާފިޒުކަމުގެ އިމްތިހާނުގައި ބައިވެރިވާން ހުޅުވާލައިފި

Wed, 16 Oct 2024 12:42 AM

View on this article on Sun Online

ހާފިޒުކަމުގެ އިމްތިހާނުގައި ބައިވެރިވާން ހުޅުވާލައިފި

ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)އިން ހާފިޒުކަމުގެ އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.



މިއަހަރުގެ ޖުލައި މަހުގެ ނުވައެއްގައި އިސްލާމިކް މިނިސްޓްރީން ވަނީ އައިޔޫއެމަށް ހާފިޒުން ތަމްރީނުކުރުމުގެ ހުއްދަ ދީފައެވެ.

ހާފިޒުކަމުގެ އިމްތިހާނަށް ފުރުސަތު ހުޅުވައިލުމާ ގުޅިގެން އައިޔޫއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ، ހާފިޒުކަމުގެ އިމްތިހާނުގެ ހުއްދަ ލިބުމާއެކު، އެ ޔުނިވަސިޓީން އެ ކަމަށް ޓަކައި އެކުލަވައިލަންޖެހޭ ގަވާއިދުތައް ހަދައި، އެ ޔުނިވަސިޓީގެ އެކެޑަމިކް ބޯޑުން އެ ގަވާއިދުތައް ފާސް ވެސް ކޮށްފައިވާ ކަމަށެވެ.

އައިޔޫއެމުން ބުނީ، ފާސްކޮށްފައިވާ އުސޫލާ އެއްގޮތަށް އިމްތިހާނުތައް ކުރިޔަށްދާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ހާފިޒުން ތަމްރީނުކުރާ ކޮމިޓީއެއް އެކުލަވާލައިފައެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:

  • އުސްތާޒް އިބްރާހީމް ޒުހައިރު
  • އުސްތާޒް އިބްރާހީމް ރަމްޒީ (ރައީސް)
  • އުސްތާޒް އަލީ އިބްރާހީމް ދީދީ
  • އުސްތާޒް ހަސަން މުހައްމަދު އަބްދުލް ހަމީދު އަލް ކުރުދީ
  • އުސްތާޒާ ސަލްވާ މުހައްމަދު ލަތީފް

ކުއްލިއްޔާ އޮފް ގުރުއާން އެންޑް ސުންނާގެ ޑީން މުޙައްމަދު މަންސޫރު އާދަމް ވިދާޅުވީ އައިޔޫއެމްގައި ކިޔަވަމުންދާ ދަރިވަރަކު ގުރުއާން ހިތުދަސްކުރި ނަމަވެސް، ހާފިޒު ކަމުގެ ސަނަދު ލިބެން އޮންނަނީ ގުރުއާނާބެހޭ މަރުކަޒުން ކަމަށެވެ. އެހެން ނަމަވެސް މިހާރު އިސްލާމިކް ޔުނިވަސިޓީގެ ހާފިޒުން ތަމްރީނުކުރާ ކޮމިޓީއަށް އެ ސަނަދު ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހާފިޒުން ތަމްރީނުކުރާ ކޮމިޓީގެ ރައީސް އުސްތާޒް އިބްރާހީމް ރަމްޒީ ވިދާޅުވީ އިމްތިހާނު ކުރުމަށް ހަމަޖައްސާފައިވާ ގަޑިތަކަށްވުރެ އިތުރަށް ވެސް ބައިވެރިންނަށް ފުރުސަތު ދީފައިވާ ކަމަށެވެ.

އިމްތިހާން ކުރެވޭ ގަޑިތައް:

  • ހެނދުނު - 09:00 އިން 12:00އަށް
  • މެންދުރު ފަހު - 13:00 އިން 15:00އަށް
  • ރޭގަނޑު - 20:00 އިން 22:00އަށް

މި އިމްތިހާނުގައި ބއިވެރިވުމަށް އެދޭ ފޯމު އައިޔޫއެމްގެ ރިސެޕްޝަނުންނާއި، ވެބްސައިޓުން ލިބެން ހުންނާނެއެވެ.



More from Sun Online