ނިއުޕޯޓް ހިންގި ބިން ސަރުކާރުން އަތުލީ ރަނގަޅަށްކަމަށް ސްޕްރީމް ކޯޓުންވެސް ނިންމައިފި

Wed, 24 Apr 2024 05:54 PM

View on this article on Raajje.mv

ނިއުޕޯޓް ހިންގި ބިން ސަރުކާރުން އަތުލީ ރަނގަޅަށްކަމަށް ސްޕްރީމް ކޯޓުންވެސް ނިންމައިފި

ބްރިޖްވިއު ޕްލެޓްފޯމްގައި ނިއުޕޯޓް ވިއު ހިންގި ތަން ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ބުދަ ދުވަހު ހުކުމްކޮށްފިއެވެ.



މިތަން ނިއު ޕޯޓް ހިންގާ ސްޓްރާޑާ ކުންފުންޏަށް ދޫކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރުއެވެ. އޭރު ހައުސިންގ މިނިސްޓަރަކަށް ހުންނެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒެވެ. ގާތްގަނޑަކަށް 10،000 އަކަފޫޓުގެ ބިމެއް ސްޓާރާޑާ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނީ ޕްލެޓްފޯމާއި ރެސްޓޯރަންޓާއި ކުޑަކުދިން ކުޅޭނެ ސަރަހަދެއްގެ އިތުރުން ޕާކިން ޒޯން ހަދާގޮތަށެވެ. އޭގެފަހުން 2019 ވަނަ އަހަރު ސަރުކާރުން އެއްބަސްވުން ބާތިލްކޮށް އެތަން އަތުލިއެވެ. އަދި ނުދައްކާ ހުރި ކުލީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ހޯދުމަށާއި އެތަން ހުސްކުރުމުގެ އަމުރަކަށް ދައުލަތުން ކޯޓަށް ހުށަހެޅުމުން އެ ފައިސާ ދެއްކުމަށާއި އެތަން ހުސްކުރަން ސިވިލް ކޯޓުން އަމުރުކުރިއެވެ. އެ މައްސަލަ ސްޓްރާޑާއިން އިސްތިއުނާފް ކުރުމުން 2021 ވަނަ އަހަރު ހައި ކޯޓުން ވެސް އެ ހުކުމަށް ތާއީދުކުރިއެވެ.

އެ މައްސަލަ ސްޓްރާޑާއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ބުދަ ދުވަހު ކުރި ހުކުމުގައި ވަނީ އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކާފައި ނުވާކަން އެ ކުންފުނީގެ ބަހުން ވެސް އެނގޭ ކަމަށެވެ. އެއްބަސްވުން ބާތިލް ކުރުމުގެ ކުރިން، ސްޓްރާޑާއަށް ދޫކުރި ބިމުން ބައެއް ދައުލަތަށް ނަގާފައިވާތީ ސަރުކާރުން އެ ކުންފުންޏަށް ބަދަލު ދޭންޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏަސް އެ ބަދަލު ނަގައިދެވޭނެ ހަމައެއް ނުދެއްކޭ ކަމަށް ހުކުމުގައިވެއެވެ.

އެކަންކަން ފާހަގަކޮށް، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ހައި ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުޖޫނެވެ.

ބްރިޖް ވިއު ޕްލެޓްފޯރމް ސަރަހައްދުގައި ސްޓްރާޑާ ކުންފުނިން ހުޅުވާފައިވާ ނިއުޕޯރޓްގެ ކުއްޔާއި ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ސްޓްރާޑާ ކުންފުނީގެ މައްޗަށް ހައިކޯޓުން ހުކުމްކުރީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.

 



More from Raajje.mv