ފުލުހުންގެ ލޯގޯ ބޭނުންކޮށްގެން ސްކޭމް ކޯލުތަކެއް ދަނީ ކުރަމުން، ސަމާލުވޭ

Mon, 06 May 2024 09:22 AM

View on this article on Raajje.mv

ފުލުހުންގެ ލޯގޯ ބޭނުންކޮށްގެން ސްކޭމް ކޯލުތަކެއް ދަނީ ކުރަމުން، ސަމާލުވޭ

ދިވެހި ފުލުހުންގެ ޚިދުމަތުގެ ލޯގޯ ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އެކި ނަންބަރުތަކުން ވަޓްސްއެޕް މެދުވެރިކޮށް އެކި މީހުންނަށް ސްކޭމް ކޯލުތައް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.



ފުލުހުން ބުނީ، ފުލުހުންގެ ޚިދުމަތުގެ ލޯގޯ ބޭނުންކޮށްފައިވާ ރާއްޖެއިން ބޭރުގެ އެކި ނަންބަރުތަކުން ވަޓްސްއެޕް މެދުވެރިކޮށް އެކި މީހުންނަށް ގުޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރަކުން ނުގުޅާނެ ކަމަށެވެ. އަދި މިފަދަ ކޯލުތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ސްކޭމްގެ މައްސަލަ ފެންމަތިވަމުންދާއިރު، މަކަރާއި ހީލަތުން ބައެއް މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވެއެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލަތައް ރިކޯޑު ކުރަން ފެށީއްސުރެ 31 ޖެނުއަރީ 2024 ގެ ނިޔަލަށް އާންމުންގެ އަތުން ގެއްލުނު ފައިސާގެ އަދަދު ގާތްގަނޑަކަށް 57.8 މިލިއަނަށް ވުރެ އިތުރު ކަމަށެވެ.

މީގެ އިތުރުން އޮންލައިންކޮށް ވިޔަފާރި ކުރާއިރު ވެސް އިތުރަށް ސަމާލުވާންޖެހެއެވެ. އެއީ އޮންލައިން މެދުވެރިކޮށް ގަންނަ އަގުބޮޑެތި އެއްޗެހި ފައިސާ ދެއްކި ނަމަވެސް ތަކެތި ޑެލިވަރ ނުކޮށްދޭ މައްސަލަ ބޮޑެވެ.



More from Raajje.mv