މަންފާއަށް ވޯޓުލާ މައްސަލަ ބޮޑު، މި ޓްރެންޑް ބަދަލުކުރުމަށް ގާނޫނުން ހައްލު ހޯދަންޖެހޭ: ހަބީބު

Wed, 24 Apr 2024 01:46 PM

View on this article on Raajje.mv

މަންފާއަށް ވޯޓުލާ މައްސަލަ ބޮޑު، މި ޓްރެންޑް ބަދަލުކުރުމަށް ގާނޫނުން ހައްލު ހޯދަންޖެހޭ: ހަބީބު

މަންފާއެއް ލިބޭ ގޮތަށް ވޯޓުލާ މައްސަލަ ބޮޑު ކަމަށާއި، މި ޓްރެންޑް ބަދަލުކުރުމަށް ގާނޫނުން ހައްލު ހޯދަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.



ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ހަބީބު ވިދާޅުވީ ފައިސާއަށް ނުވަތަ ލިބޭނެ މަންފާއަކަށް ބެލުމަށްފަހު ވޯޓުލާ މައްސަލަ ވަރަށް ބޮޑު ކަމަށާއި، މި ޓްރެންޑް ވަރަށް ބޮޑަށް ފެތުރެމުންދާ ކަމަށެވެ. އަދި މަންފާއެއް ނުލިބޭ ކަމަށްވާނަމަ ވޯޓުލާން ނުދާނެ ކަމަށް ވެސް ބައެއް މީހުން ބުނާ ކަމަށް ހަބީބު ވިދާޅުވިއެވެ.

20 ވަނަ ރައްޔިތުން މަޖިލީހަށް އިޝާރާތް ކުރައްވައި ހަބީބު ވިދާޅުވީ އިންތިޚާބުވީ ވަރަށް ޒުވާން ކެންޑިޑޭޓުން ކަމަށާއި، ރައްޔިތުންގެ ވިސްނުމާއި، ދިވެހި ގައުމުގެ މިސްރާބާއި، ވޯޓުލުމުގައި ރައްޔިތުންގެ ޑިމާންޑާއި، އެ ޓްރެންޑް އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އެހެންކަމުން މިމައްސަލައަށް ސަމާލުވެ، ގާނޫނީ ގޮތުން މިމައްސަލަ ހައްލު ކުރަންޖެހޭ ކަމަށް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އިންތިޚާބުތަކާއި ދިމާކޮށް ރަށްރަށަށް ބޮޑެތި އެހީތައް ފޮނުވަމުންދާ މައްސަލަތައް ވެސް ފެންމަތިވަމުންދާ ކަމަށެވެ. ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މިކަހަލަ ކަންކަން ހިނގާއިރު، މިމައްސަލަތައް ކަމާގުޅުންހުރި އިދާރާތަކާއި، މުއައްސަސާތަކުން ވަގުތުން ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމަށް ހަބީބު ވިދާޅުވިއެވެ.

މީގެ އިތުރުން ހަބީބު ވިދާޅުވީ ބައެއް ކެންޑިޑޭޓުން އިންތިޚާބުތަކާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އަޑު ފެތުރުނު ނަމަވެސް އަނެއް ބައި ކެންޑިޑޭޓުންނާއި ގުޅޭގޮތުން އެފަދަ ވާހަކަތައް އަޑު ނީވޭ ކަމަށެވެ. މިމައްސަލަ ހައްލުކުރުމުގައި ކެންޑިޑޭޓުންގެ ފަރާތުން ވެސް އެއްބާރުލުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި 20 ވަނަ ރައްޔިތުން މަޖިލީހަށް ހޮވިވަޑައިގަތީ ވަރަށް ޒުވާން މެންބަރުން ކޮޅެއް. އެހެންވީމަ އެބޭފުޅުންގެ ވިސްނުންފުޅު ހުންނަންވާނެ ދިވެހި ގައުމު މިހާރު ދާ މިސްރާބު ހަގީގަތުގައި ވޯޓުލާ މީހުންނަށް މިހީވަނީ އެމީހުން ވޯޓުލާން ޖެހެނީ ހަމަ ކޮންމެވެސް އެއްޗެއް ދީގެންނޭ. ކޮންމެވެސް މާއްދީ މަންފާއެއް މާލީ މަންފާއެއް އޮންނަންޖެހޭ ވޯޓުލުމުގައި މިކަން އެބަޖެހޭ ކަނޑުވާލަންޖެހޭ އެނގޭތޯ. އެހެންނޫނިއްޔާ އެންމެ ފައިސާ ގިނަ މީހާ ނުންތޯ މަޖިލީހަށް ހޮވޭނީ. އެއީ ގޯހެއްނުންތޯ. އަޅުގަނޑަށް މުޅިން ގަބޫލެއް ވެސް ނުކުރެވޭ އެނގޭތޯ. އެއީ ސޯޝަލް މީޑިއާގައި އަޅުގަނޑަށް ވެސް ޓެގްކޮށްފައި ބައެއް ބޭފުޅުން މިހާރު ވެސް އިލެކްޝަން ކޮމިޝަންގައި އުޅޭ ކަމަށް ހީކޮށް ކަންނެންގެ އެ ކުރަނީ. އެބަހުރޭ ސައިކަލުތަކާއި މިވެނި އެއްޗެހިތަކެއް ފަށަށް ފޮނުވަނީ އެއްނުންހޭ. އެކަމާމެދު ކީއްވެގެންހޭ އަޅާނުލާ މިތިބެނީ. އެހެންވީމަ އެކަހަލަ އެހީވިޔަސް އަދި ނުހޮވިވެސް އެބަދޭ. ދެން ބައެއް ފަހަރަށް އިންތިޚާބާއި ދިމާކޮށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މިކަންކަން ވަންޏާ ހަގީގަތުގައި މިކަންކަމަކީ ވެސް ހަމަ މި ވަގުތުން ބަލާ ފިޔަވަޅު އަޅާންޖެހޭ ކަންކަން.
އީސީގެ ކުރީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު

ރައްޔިތުންގެ މަޖިލީހަށް އަލިއަޅުއްވާލައްވައި ހަބީބު ވިދާޅުވީ އެމަޖިލީހުގައި ތިއްބަވާނެ މެންބަރުން ކަނޑައަޅާނީ ރައްޔިތުން ކަމަށާއި، ގޮތް ނިންމަން ތިބީ ވެސް ރައްޔިތުން ކަމަށެވެ. ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރާނެ މީހަކު ހޮވާއިރު، ހޮވަންޖެހޭނީ އެފެންވަރުގެ މީހެއް ކަމަށް ހަބީބު ވިދާޅުވިއެވެ. އަދި ވިދާޅުވީ ފެންވަރަށް ނުބަލައި، ލިބޭ މަންފާއަށް ބެލުމަށްފަހު ވޯޓުލާނަމަ އެއީ ގައުމަށް ދެވޭ ދެރައެއް ކަމަށެވެ.

ހަބީބު ވިދާޅުވީ މެންބަރުން މަޖިލީހަށް އިންތިޚާބު ކުރަނީ ވިޔަފާރި ހިންގަން ނޫން ކަމަށާއި، އެއީ ގާނޫނު ހަދައި، ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރަން އިންތިޚާބު ކުރާ މެންބަރުން ކަމަށެވެ. އަދި ވިދާޅުވީ މިމައްސަލަ ހައްލުކުރުމުގެ ގޮތުން މިހާރަށް ވުރެ ބޮޑަށް އާއްމު ރައްޔިތުން ހޭލުންތެރިކުރަންޖެހޭ ކަމަށެވެ.



More from Raajje.mv