ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި

Fri, 19 Apr 2024 01:07 PM

View on this article on Raajje.mv

ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި

މުއުމިނުންގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކަށް ރައްކާތެރިވެ، ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.



މުއުމިނުންގެ ސިފަތައް މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ކާމިޔާބު މުއުމިނުންގެ ސިފަތަކަކީ ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ، އެ ނަމާދުގައި މަޑުމޮޅިވެ، އެނަމާދު ﷲ ގަބޫލުކުރައްވާނޭ ކަމުގެ އުންމީދުގައި ތިބެ އެކަލާނގެ އަޒާބަށް ބިރުވެތިވެ ނަމާދުގައި ޚުޝޫޢަތްތެރިވާ މީހުން ކަމަށެވެ. މުއުމިނުންގެ ދެވަނަ ސިފައެއް ކަމުގައި ގެންނަވާފައިވަނީ، މުޅި ދުނިޔެއަށް މިހާރު ޖެހިފައިވާ އަދި އެކަމަކުން ޝިފާލިބުން އުނދަގޫ ބޮޑު ބައްޔެއްގެ ގޮތުގައި ސިފަކުރެވޭ ކަމެއްގެ ވާހަކަ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެއީ ބޭކާރު ވާހަކަތަކާއި، ބޭކާރު ކަންތަކުން ދުރުވުމުގެ ވާހަކަ ކަމަށެވެ.

ޚުތުބާގައި ބުނީ އަހަރެމެންގެ ތެރެއިން ގިނަބަޔަކު މީސްމީޑިއާ އާއި ޚަބަރު ފަތުރާ ވަސީލަތްތަކުގައި ލިޔެ، ދައްކާ ބޭކާރު ވާހަކަތަކާއި، ހަގީގަތާ ދުރު ކަންކަމުގައި މަޝްޣޫލުވެއުޅުމަކީ ދެރަކަމެއް ކަމަށެވެ. އަދި ހަގީގަތެއްކަމުގައި ވިޔަސް، ކޮންމެ ވާހަކައަކީ ފަތުރަން ޖެހޭ ވާހަކައެއް ނޫން ކަމަށާއި، ތިބާ ލިޔެ، ބުނެއުޅޭ، ކޮންމެ ޖުމްލައަކީ ގިޔާމަތް ދުވަހު އެއާ މެދު ސުވާލުވެވޭނެ ޖުމްލައެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެހެންކަމުން ތިބާ ބުނެއުޅޭ ވާހަކަތައް ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ކާމިޔާބުގެ އަހުލުވެރިން ސިފަކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. މާނައީ: "مُؤْمِنُން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ. އަދި އެއުރެންނީ، ބޭކާރު ވާހަކަތަކާއި، ކަންތަކުން ދުރުހެލިވެތިބޭ މީހުންނެވެ. އަދި އެއުރެންނީ، ޒަކާތް ދޭމީހުންނެވެ. އަދި އެއުރެންނީ، އެއުރެންގެ فَرُجُ ތަކަށް ރައްކާތެރިވާމީހުންނެވެ. އެއުރެންގެ އަނބިންގެމައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންގެމައްޗަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ (އެކަމުގައި) މަލާމާތް ލިބިގެންނުވާ މީހުންނެވެ. ފަހެ، އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ (ހުއްދަވެގެންވާ سَرَحَدُّ) ފަހަނަޅައިދާ މީހުންނެވެ. އަދި އެއުރެންނީ އެއުރެންގެ أَمَانَة ތަކަށާއި އެއުރެންގެ عَهْدُ ތަކަށް ރައްކާތެރިވާ މީހުންނެވެ. އަދި އެއުރެންނީ އެއުރެންގެ ނަމާދުތަކުގެ މައްޗަށް ރައްކާތެރިވާ މީހުންނެވެ. (ހެޔޮކަން) ވާރުތަވާ މީހުންނީ، ހަމައެއުރެންނެވެ. އެއުރެންނީ، فِرْدَوْسُ އޭކިޔުނު ސުވަރުގެ ވާރުތަވާ މީހުންނެވެ. އެއުރެން އެތާނގައި ދެމިތިބޭހުށްޓެވެ
ހުކުރު ޚުތުބާ

މުއުމިނުންގެ ތިންވަނަ ސިފައަށް އިޝާރާތްކޮށް ޚުތުބާގައި ބުނީ އެއީ މުދަލުގެ ޒަކާތް ދައްކާ މީހުން ކަމަށެވެ. އަދި ހަތަރުވަނަ ސިފައެއްކަމުގައި އަންގަވާފައިވަނީ، ލަދުވެތި ގުނަވަނަށް ރައްކާތެރިވުމުގެ ވާހަކަ ކަމަށެވެ. އެ ގުނަވަނަށް ރައްކާތެރިވުމަކީ ޒިނޭފަދަ ބޮޑެތި ފާފަތަކުންނާއި ފާހިޝް ކަންތައްތަކުން ދުރުހެލިވުން ކަމަށާއި، ފާޙިޝް ވާހަކަތައް ދެއްކުމާއި އެފަދަ މަންޒަރުތައް ބެލުން ވެސް ވާނީ ފުރިހަމަގޮތުގައި ލަދުވެތި ގުނަވަނަށް ރައްކާތެރިނުވުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ މުއުމިނުންގެ ކިބައިގައި ހުންނަންޖެހޭ ފަސްވަނަ ސިފައެއްކަމުގައި އަންގަވާފައިވަނީ، އަމާނާތްތަކަށާއި އަހުދުތަކަށް ރައްކާތެރިވުން ކަމަށެވެ. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް ކޮންމެވެސް ސިފައެއްގައި އަމާނާތެއް ހަވާލުވެފައިވާ މީހެއް ކަމަށާއި، އަމާނާތަކީ ހަމައެކަނި ތިބާގެ އަތަށް މީހަކު ރައްކާކުރަންދޭ ފައިސާއެއް އެކަންޏެއް ނޫން ކަމަށެވެ. އަމާނާތުގެ ވައްތަރުތައް ވަރަށްވެސް ގިނަކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެންމެ މުހިއްމު އަމާނާތަކީ އަހަރެމެންނާ ﷲ ޙަވާލުކުރައްވާފައިވާ އެކަލާނގެ ފަރުޟުތައް ކަމަށާއި، ފަރުޟު ފަސް ނަމާދާއި، ޒަކާތާއި ރޯދައާއި ހައްޖު ކަމަށެވެ. ދެވަނަ ވައްތަރަކީ އަޅުތަކުންނާއި ގުޅިފައިވާ ހައްގުތައް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އޭގެ ތެރޭގައި ވަޒީފާއެއްގައި އުޅޭނަމަ ވަޒީފާގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމާއި، މީސްތަކުންގެ މުދަލަށާއި ސިއްރުތަކަށް ރައްކާތެރިވުމަކީ ވެސް އަމާނާތެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން މުއުމިނުންގެ ކިބައިގައި ހުންނަންޖެހޭ ހަވަނަ ސިފައެއްކަމުގައި އަންގަވާފައިވަނީ، ނަމާދު ތަކަށް ރައްކާތެރިވުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ ފަސް ނަމާދު އޭގެ ވަގުތުގައި އަދާކުރަންޖެހޭ ކަމަށެވެ. އަދި ނަމާދުގެ ވާހަކަ ތަކުރާރުވުމުން އެނގެނީ ނަމާދަށް ދެވިފައިވާ އަހައްމިއްޔަތުކަން ކަމަށާއި، ބަޔާންވެދިޔަ ހަ ކަންތަކަށް ރައްކާތެރިވެއްޖެ މީހަކީ ފަލާޙާއި ކާމިޔާބު ލިބިއްޖެ މީހެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އެފަދަ މީހުންނަކީ ސުވަރުގޭގެ ވާރުތަވެރިން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.



More from Raajje.mv