އިންޑިޔާ-ޗައިނާ ސަރަޙައްދީ ރޮނގުގެ މައްސަލަތައް ޙައްލު ކުރަން އެއްބަސްވުމެއް

Tue, 22 Oct 2024 07:05 PM

View on this article on PSM News

އިންޑިޔާ-ޗައިނާ ސަރަޙައްދީ ރޮނގުގެ މައްސަލަތައް ޙައްލު ކުރަން އެއްބަސްވުމެއް

އިންޑިޔާއާއި ޗައިނާ ގުޅޭ ސަރަޙައްދީ ރޮނގު ބެލެހެއްޓުމާ ގުޅޭ ގޮތުން ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ދެބަސްވުންތައް ޙައްލު ކުރަން އެއްބަސްވުމެއް އެކުލަަވައިލައިފިއެވެ. މި ކަން ހާމަކޮށްފައި ވަނީ އިންޑިޔާގެ ޚާރިޖީ ވުޒާރާއިންނެވެ. މިއާ އެކު, ސަރަޙައްދީ ރޮނގު ބެލެހެއްޓުމާ ގުޅޭ ގޮތުން ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތައް ޙައްލު ކުރުމަށް ހަތަރު އަހަރަށް ފަހު މި ވަނީ ހަރުދަނާ މަސައްކަތްތަކެއް ފަށާފައެވެ.

ސަރަޙައްދީ ރޮނގު ބެލެހެއްޓުމުގެ ކަންކަން ސުލްޙަވެރިކަމާ އެކު ކުރިއަށް ގެންދިޔުމަށް ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވިފައި މި ވަނީ, އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ދެމެދު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެ ދެ ބޭފުޅުން ބައްދަލު ކުރައްވަން ހަމަޖެހިފައި ވަނީ އޮކްޓޫބަރު 22ން 24އަށް ރަޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބްރިކްސްގެ މެންބަރު ޤައުމުތަކުގެ ބައްދަލުވުމުގެ ހަވާސާގައެވެ.

ހިމާލަޔާގެ ހުޅަނގުގެ ސަރަޙައްދުގައި އިންޑިޔާއާއި ޗައިނާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި 2020ވަނަ އަހަރު ދެ ފަރާތުގެ ސިފައިންގެ މެދުގައި ޙަމަލާ ބަދަލުކޮށްފައިވެއެވެ. އިންޑިޔާއާއި ޕާކިސްތާނަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ދެ ޤައުމެވެ. އަދި, އެއީ ނިއުކްލިޔަރ ދެ ބާރެވެ. އެ ދެ ޤައުމުގެ ސިފައިންގެ މެދުގައި ހިިނގި ޙަމަލާ ބަދަލު ކުރުންތަކުގައި އިންޑިޔާގެ 20 ސިފައިންނާއި ޗައިނާގެ ހަތަރު ސިފައިން މަރުވިއެވެ. އެ ހާދިސާއާ ގުޅިގެން ސަރަޙައްދީ ރޮނގު ކައިރީގައި މަސްރަޙު އޮތީ ހޫނުވެފައެވެ.

އެ ހާދިސާއާ ގުޅިގެން ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ލައްދާކުގައި ފޯރިމެރުމުގެ މަސައްކަތް ދެ ޤައުމުގެ އަސްކަރިއްޔާއިން ވެސް ވަނީ މެދުކަނޑައިލާފައެވެ. ފޯރިމެރުން މެދުކަނޑައިލާފައި ވަނީ އިތުރު ޙަމަލާ ބަދަލު ކުރުންތަކަށް ފުރުޞަތު ނުދިނުމުގެ ގޮތުންނެވެ. އެއަށް ފަހު, ދެ ޤައުމުން ވެސް ސަރަޙައްދީ ރޮނގު ކައިރިއަށް އިތުރު ސިފައިން ޖަމާ ކޮށްފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

”ސަރަޙައްދީ ރޮނގުގައި ފޯރުމެރުމުގެ މަސައްކަތް ފެށުމަށް އަޅުގަނޑުމެންނަށް ވަނީ އެއްބަސްވުމަކަށް އާދެވިފައި, އަދި 2020ވަނަ އަހަރުގެ ކުރިން އޮތް ހާލަތައް ވަނީ ރުޖޫއަވެވިފައި. ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލައަށް ވަނީ ޙައްލެއް ހޯދިފައި،“ އިންޑިޔާގެ ޚާރިޖީ ވަޒީރު ސުބްރަމަނިޔަމް ޖެއިޝަންކަރު ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ދެ ފަރާތުގެ އަސްކަރިއްޔާގެ މެދުގައި ކުރިމަތިލުންތަކެއް ހިނގުމުގެ ފުރުޞަތު ނުދިނުމަށް ފިޔަވަޅުތަކެއް އެޅުމަށް ވެސް ދެ ޤައުމުން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި, މިލްކުވެރިކަމާ މެދު ސުވާލު އުފެދިފައިވާ ސަރަޙައްދުތަކުގައި ފޯރިމެރުމުގައި ދެ ފަރާތުގެ ސިފައިންނާ ބައްދަލުނުވާނެ ގޮތަކަށް ވަކި ތާވަލެއްގެ ދަށުން އެ މަސައްކަތް ކުރިއަށް ގެންދިޔުން ހިމެނެއެވެ. އަދި, ލައްދާކު ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް ވެސް އެއްބަސްވެފައިވެއެވެ. މި ކަމާ ގުޅޭ ގޮތުން ޗައިނާއިން ވަކި އެއްޗެއް ހާމަކޮށްފައެއް ނެތެވެ.





More from PSM News