އީރާނަށް ޖާސޫސް ކޮށްދިިނުމުގެ ކުށުގައި ޔަހޫދީންގެ ބަޔަކު ހައްޔަރުކޮށްފި

Tue, 22 Oct 2024 06:36 PM

View on this article on PSM News

އީރާނަށް ޖާސޫސް ކޮށްދިިނުމުގެ ކުށުގައި ޔަހޫދީންގެ ބަޔަކު ހައްޔަރުކޮށްފި

އީރާނުގެ ޖާސޫސީ އިދާރާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ތުހުމަތުގައި ޒަޔަނިސްޓު އިސްރާއީލުގެ ރައްޔިތުންތަކެއް ހައްޔަރު ކޮށްފިއެވެ. އީރާނަށް ޖާސޫސް ކޮށްދިނުމުގެ ތުހުމަތުގައި ހަތް މީހުން ހައްޔަރު ކޮށްފައިވާއިރު, އޭގެ ތެރޭގައި ޔަހޫދީންގެ މުހިންމު ރަށެއް ކަމުގައިވާ ޚައިފާ ރައްޔިތަކު ހިމެނޭ ކަމުގައި ޔަހޫދީންގެ ދާޚިލީ ސަލާމަތާ ބެހޭ އިދާރާއާއި ފުލުހުން ބުންޏެވެ. ހައްޔަރު ކޮށްފައިވާ ހަތް މީހުންނަކީ ވެސް, އިސްރާއީލުގެ އުތުރުގެ ރަށްތަކުގައި ދިރިއުޅޭ މީހުންނެވެ.

ޔަހޫދީންގެ ދާޚިލީ ސަލާމަތާ ބެހޭ އިދާރާ, ޝަބާކުން ބުނީ, ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒުތަކާއި ހަކަތަ އުފައްދާ އިންޖީނުގެތަކާ ގުޅޭ މަޢުލޫމާތު އެ މީހުން އީރާނަށް ފޯރުކޮށްދެމުން ގޮސްފައިވާ ކަމުގައެވެ. މިއީ, ޔަހޫދީންގެ ދާޚިލީ ސަލާމަތަަށް މިހާތަނަށް ކުރިމަތިވި އެންމެ ނުރައްކާތެރި އެއް ހާދިސާ ކަމުގައި ޔަހޫދީ ފުލުހުންގެ އޮފިޝަލަކު ސިފަކުރިއެވެ. ”އެ މީހުންގެ ޖާސޫސީ ހަރަކާތްތަކާ ގުޅިގެން އިސްރާއީލުގެ ދައުލަތުގެ ސަލާމަތަށް ވަނީ ނުރައްކާވެފައި,“ ޝަބާކުގެ އިސް އޮފިޝަލަކު ބުންޏެވެ.

މި ތުހުމަތުތަކާ ގުޅޭ ގޮތުން އީރާނުން ވަކި އެއްޗެއް ހާމަކޮށްފައެއް ނެތެވެ. ޔަހޫދީން ބުނީ, ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ދެ ކުޑަކުދިން ހިމެނޭ ކަމުގައެވެ. އަދި, އީރާނުގެ ޖާސޫސީ އިދާރާގެ ދެ އޮފިޝަލަކާ އެ މީހުންނާ ގުޅުން އޮތް ކަމުގައެވެ. އެ މީހުންގެ ޒިންމާއަކީ, ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒުތައް ކައިރިއަށް ގޮސް, އެ ތަންތަނާ ގުޅޭ މަޢުލޫމާތު އެއްކޮށް, އީރާނުގެ ޖާސޫސީ އިދާރާގެ އޮފިޝަލުންނާ ހިއްސާ ކުރުން ކަމުގައި ވެސް ޔަހޫދީން ބުންޏެވެ.

އީރާނުގެ ޖާސޫސުން މަޢުލޫމާތު އެއްކޮށްފައިވާ ތަންތަނުގެ ތެރޭގައި އިސްރާއީލުގެ އުތުރުގައި އޮތް ޚުޟަޔިރާގައި އޮންނަ އިންޖީނުގެއަކާއި, އެ ސަރަޙައްދުގައި އޮންނަ ޔަހޫދީ ފައުޖުގެ ވައިގެ ސިފައިންގެ މަރުކަޒުތަކާއި, ކަނޑުގެ ސިފައިންގެ ބަނދަރުތަކާއި މަރުކަޒުތައް ހިމެނޭ ކަމުގައި ވެސް ޔަހޫދީން ބުންޏެވެ. އިސްރާއީލުގެ ރަށްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޤާއިމު ކޮށްފައިވާ އަޔަން ޑޯމް ވައިގެ ދިފާޢީ ނިޒާމާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް, އެ މީހުން އީރާނާ ހިއްސާ ކޮށްފައިވާ ކަމުގައި ވެސް ޔަހޫދީން ބުންޏެވެ. ޖާސޫސް ކޮށްދިނުމުގެ ބަދަލުގައި އީރާނުން އެ މީހުންނަށް ގިނަ އަދަދެއްގެ ފައިސާ ދީފައިވާ ކަމަށް ވެސް ޔަހޫދީ ތުހުމަތު ކުރެއެވެ.

އީރާނަށް ޖާސޫސް ކޮށްދިނުމުގެ ކުށުގައި ޔަހޫދީ ފައުުޖުން އިސްރާއީލުގެ ރައްޔިތުންތަކެއް ހައްޔަރު ކޮށްފައި ވަނީ, އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދިނުމަށް ޔަހޫދީ ފައުޖުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އީރާނަށް ޙަމަލާ ދޭން ޔަހޫދީން ތައްޔާރުވަމުން މި ދަނީ, ޒަޔަނިސްޓު ދައުލަތަށް އީރާނުން ދީފައިވާ ޙަމަލާތަކެއްގެ ބަދަލު ހިފުމުގެ ގޮތުންނެވެ. އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާ ދީފައި ވަނީ, ފަލަސްޠީނާއި ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެންނެވެ. އަދި, ޖުލައި 31ވަނަ ދުވަހު އީރާނުގެ ވެރިރަށް ތަހްރާނަށް ނިރުބަވެރި ޙަމަލާއެއް ދިނުމުން, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

އޮކްޓޫބަރު 1ވަނަ ދުވަހު އައިއާރްޖީސީން ދިން ޙަމަލާތަކުގައި 180އެއްހާ ބެލިސްޓިކް މިސައިލް ބޭނުން ކުރިއެވެ. އޭގެ ތެރެއިން ގިނަ މިސައިލްތައް ދިފާޢު ކުރަން ޔަހޫދީން ވަނީ ނުކުޅެދިފައެވެ. އަދި, ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެމެރިކާއިން މެދުއިރުމައްޗަށް ފޮނުވާފައިވާ އަސްކަރީ މަނަވަރުތަކާއި މަތިންދާބޯޓުތައް ބޭނުންކޮށްގެން ވެސް އޭގެ ތެރެއިން ގިނަ މިސައިލްތައް ދިފާޢު ކުރެވިފައެއް ނުވެއެވެ. އައިއާރްޖީސީގެ ޙަމަލާތަކުގައި ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް, އެ ގެއްލުންތަކުގެ ތަފުސީލު ހާމަކުރަން ޔަހޫދީން ދަނީ ދެކޮޅު ހަދަމުންނެވެ.





More from PSM News