ހޫނު މޫސުމާ ދިމާކޮށް މާލޭގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި

Fri, 18 Oct 2024 10:12 PM

View on this article on PSM News

ހޫނު މޫސުމާ ދިމާކޮށް މާލޭގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި

ހޫނު މޫސުމާ ދިމާކޮށް މާލެ ސަރަހައްދުގެ ކަރަންޓު ވިއުގާ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.

ސްޓެލްކޯއިން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭގެ މަތިވަމުންދާ ޑިމާންޑާއި އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށާއި ޕީކް ސީޒަން ނުވަތަ ހޫނު މޫސުމަށް ތައްޔާރުވުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން މަޖީދީމަގާއި ސޯސަންމަގު ގުޅޭ ކަންމަތީގައި ޤާއިމްކޮށްފައިވާ ސަބްސްޓޭޝަނުގެ ކެޕޭސިޓީ އިތުރު ކުރުމަށް އެތަނުގައި ހުރި 630 ކޭވީއޭގެ ޓްރާންސްފޯމަރު އެތަނުން ވަނީ ނަގާފައެވެ. އަދި އޭގެ ބަދަލުގައި 1500 ކޭވީއޭގެ ޓްރާންސްފޯމަރެއް އެތަނުގައި ބެހެއްޓިފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

މީގެ އިތުރުން މާލޭގައި އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ޚިިދުމަތް ފޯރުކޮށްދިނުމަށް ޑިސްޓްރިބިއުޝަން ވިއުގަގެ ކެޕޭސިޓިީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް މިއަހަރުގެ ބަކީ އޮތް ދުވަސްތަކުގައި ކުރަން ހަމަޖެހިފައިވާ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން މާލެ ސަރަހައްދުގައި ކަރަންޓު ޑިމާންޑާއި އެއްވަރަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާއިރު، ދާދި ފަހުން ވަނީ 150 މެގަވޯޓު އިންޖީނުގެއެއް އެޅުމަށް ބޭނުންވާ ދިރާސާތައް ހެދުމަށް ޗައިނާގެ ޓީބީއީއޭ ގުރޫޕާއި ހަވާލުކޮށްފައެވެ.

މި މަސައްކަތުގެ ދަށުން މައިގަނޑު 2 ކަމެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އެއީ 150 މެގަވޮޓުގެ އިންޖީނުގެ އެޅުމަށް ހަދަންޖެހޭ ދިރާސާތައް ހެދުމާއި ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިނެއް އެޅުމެވެ.

ސްޓެލްކޯއިން ވިދާޅުވީ، 150 މެގަވޮޓުގެ އިންޖީނުގެ އަޅާނީ ތިލަފުށީގައި ކަމަށާއި، ޢަމަލީ މަސައްކަތް ކުރާނީވެސް ޗައިނާގެ ޓީބީއީއޭ ކުންފުނިން ކަމަށެވެ. އަދި މި އިންޖީނުގެތަކުގައި ބޭނުންކުރާނީ ތެލާއި ގޭސް ބޭނުންކޮށްގެން ކަރަންޓު އުފައްދާ ޖެނެރޭޓަރުތަކެއް ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.

މި އިންޖީނުގެއިން މާލެއާއި ހުޅުމާލެއާއި ވިލިމާލެއާއި ތިލަފުށީގެ އިތުރުން ގުޅީފަޅަށްވެސް ކަރަންޓު ފޯރުކޮށްދޭނެކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.





More from PSM News