ސިންވާރުގެ ފަހު ނޭވާ ދޫކޮށްލެއްވީ ހިތްވަރުގަދަ ކަމާ އެކު މިނިވަން ކަމުގެ ޖިހާދުގައި

Fri, 18 Oct 2024 09:31 PM

View on this article on PSM News

ސިންވާރުގެ ފަހު ނޭވާ ދޫކޮށްލެއްވީ ހިތްވަރުގަދަ ކަމާ އެކު މިނިވަން ކަމުގެ ޖިހާދުގައި

ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ މުޖާހިދުންގެ ޖަމާޢަތް, ޙަމާސްގެ ވެރިޔާ ޔަޙްހާ އަލް-ސިންވާރު ޝަހީދު ކޮށްލާފައި ވަނީ އޮކްޓޫބަރު 17ވަނަ ދުވަހުއެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން އެ ސަހަރުގެ ދެކުނުގެ ރަށަކަށް ދިން ޙަމަލާތަކެއްގައި ސިންވާރު ޝަހީދު ކޮށްލުމުގެ ކުރިން ޑްރޯނެއް ބޭނުން ކޮށްގެން ނަގާފައިވާ ވީޑިޔޯއެއް ޔަހޫދީ ފައުޖުން ވަނީ ޢާންމު ކޮށްފައެވެ.

ޔަހޫދީން އެ ވީޑިޔޯ ޢާންމު ކުރުމުގެ އަމާޒަކަށްވީ ފަލަސްޠީނުގެ ރައްޔިތުންނާއި މުސްލިމް އުންމަތުން ސިންވާރަށް ކުރާ ޤަދަރު ކަނޑައިލުމެވެ. އޭނާއަށް ކުރާ އިޙުތިރާމު ގެއްލުވައިލުމެވެ. އަގުވައްޓައިލުމެވެ. ނަމަވެސް, ކަން ދިމާވީ ދިމާ އިދިކޮޅަށެވެ. ސިންވާރުގެ އެންމެ ފަހު ވަގުތުކޮޅުގެ މަންޒަރުތައް ފެންނަ ވީޑިޔޯއާ އެކު, އޭނާއަށް ޣައްޒާގެ ރައްޔިތުން ކުރާ އިޙުތިރާމާއި ޤަދަރު ވަނީ އެތަކެއް ގުނައަކަށް އިތުރުވެގެން ގޮސްފައެވެ. އޭނާގެ އަގު ވަނީ އެތަކެއް ގުނައަކަށް އުފުލިގެން ގޮސްފައެވެ. ޣައްޒާގެ ރައްޔިތުން ދަނީ ސިންވާރުގެ ހިތްވަރުގަދަ ކަމަށް ތާރީފު ކުރަމުންނެވެ. އަދި, އޭނާގެ މަތިވެރި ޖިހާދުން ހިތްވަރު ލިބިގަންނަމުންނެވެ.

ޔަހޫދީންގެ އަޅުވެތިކަމަށް ކެތްނުކުރެވިގެން ޙަމާސްގެ މުޖާހިދުން މީގެ އަހަރެއްހާ ދުވަސް ކުރިން ދީފައިވާ ޖިހާދީ ޙަމަލާތަކުގެ މޭސްތިރިއަކީ ސިންވާރު ކަމަށް ޔަހޫދީން ޤަބޫލު ކުރެއެވެ. 2023 އޮކްޓޫބަރު 7ގައި ޙަމާސުން ދިން ކުއްލި ޙަމަލާތަކުގައި 1,200އެއްހާ ޔަހޫދީން މަރައިލައި, 250އެއްހާ ޔަހޫދީން ރަހީނު ކުރިއެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފަށާފައި ވަނީ އެ ޙަމަލާގެ ބަދަލު ހިފުމުގެ ނަމުގައެވެ.

ސިންވާރުގެ އެންމެ ފަހު ވަގުތުކޮޅު ފެންނަ ވީޑިޔޯއިން ފެންނަނީ, ޔަހޫދީ ފައުޖުން ޙަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައިވާ އިމާރާތެއްގެ ކޮޓަރިއެއްގެ ތެރޭގައި, ގޮނޑިއެއްގައި އޭނާ އިށީނދެ ވަޑައިގެން އިންނެވި މަންޒަރެވެ. އޭނާއަށް ބޮޑެތި ޒަޚަމުތަކެއް ލިބިފައިވާ ކަން ވީޑިޔޯއިން ސާފުވެެއެވެ. އަދި, ހިތްވަރު އެލުވައިނުލައްވައި, ދަނޑިބުރިއެއް ފަދަ އެއްޗަކުން ޔަހޫދީންގެ ޑްރޯންގައި ޖަހަން މަސައްކަތް ކުރައްވާ މަންޒަރު ވީޑިޔޯއިން ފެނެއެވެ.

"އޭނާ ޝަހީދުކޮށްލި އިރު ތުރުކުރައްވައިގެން އިންނެވީ އަސްކަރީ ވެސްޓެއް, ކައިރީގައި ބަޑިއަކާއި ބޮންތައް ހުރި, ފެނުނީ ޒަޚަމުވެފައި އިން ނަމަވެސް ދަނޑިއަކުން [ޑްރޯންގައި] ޖަހަން މަސައްކަތް ކުރައްވާ މަންޒަރު. ޤައުމީ ބަތަލުން ޝަހީދުވާނީ އެ މަގުގައި،" ސިންވާރުގެ ޖިހާދަށް ތާރީފުކޮށް ވާހަކަ ދެއްވި ޣައްޒާގެ ރައްޔިތެއް ކަމުގައިވާ 60 އަހަރުގެ އާދިލް ރަޖަބު ބުންޏެވެ. އެ ވީޑިޔޯ ވެގެން ގޮސްފައި ވަނީ ޣައްޒާގެ ޒުވާނުންނާއި މުޖާހިދުންނަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ ވީޑިޔޯއަކަށް ކަން, ޣައްޒާގެ ރައްޔިތުން ދައްކާފައިވާ ވާހަކަތަކުން ސާބިތުވެެެއެވެ.

"އަޅުގަނޑު ރެއިން ފެށިގެން 30 ފަހަރު އެ ވީޑިޔޯ ބަލައިފިން. މުސްލިމަކު ޝަހީދުވާނެ އެއަށްވުރެ މަތިވެރި ގޮތެއް ނޯންނާނެ. އަޅުގަނޑުގެ ވާޖިބަކީ އަޅުގަނޑުގެ ދަރިންނާއި, ދަރިންގެ ދަރިންނަށް ކޮންމެ ދުވަހަކު ވެސް އެ ވީޑިޔޯ ދައްކައި, އެ މީހުންނަށް ހިތްވަރު ދިނުން،" ޣައްޒާގައި ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޢަލީ ބުންޏެވެ.

ސިންވާރު ޝަހީދުވެ ވަޑައިގަންނަވާފައި އެ ވަނީ, އޭނާގެ އަމިއްލަ ބަސްފުޅުތަކާ އެއްގޮތަށެވެ. ހިތް ހުއްޓިގެން ނުވަތަ ކާރު އެކްސިޑެންޓެއްގައި މަރުވުމަށް ވުރެ, ޔަހޫދީންގެ ނިރުބަވެރި ޙަމަލާއެއްގައި ޝަހީދުވުމަކީ މާ މަތިވެރިވެގެންވާނެ ގޮތެއް ކަމުގައި ސިންވާރު މީގެ ކުރިން އެތަކެއް ފަހަރަކު ވިދާޅުވެފައިވެއެވެ. "އަޅުގަނޑަށް ދެވޭނެ އެންމެ މަތިވެރިވެގެންވާ ހަދިޔާއަކީ ދުޝްމަނުންގެ ޙަމަލާއެއްގައި ޝަހީދެއްގެ ގޮތުގައި ނިމި ދިޔުމުގެ މަތިވެރި ހަދިޔާ،" އޭނާ ވިދާޅުވެފައިވެއެވެ. ޣައްޒާގެ އެތަކެއް ސަތޭކަ ހާސް ބަޔަކު މިއަދު އެ ދަނީ ސިންވާރުގެ އެ ބަސްފުޅުތަކުން ހިތްވަރު ލިބިގަންނަމުންނެވެ. އެ ބަސްފުޅުތައް ސޯޝަލް މީޑިޔާއާއި އެހެން މަންސަތަކުގައި ފަތުރަމުންނެވެ.

"އެ މީހުން [ޔަހޫދީން] ބުނަމުން ދިޔައީ އޭނާ [ސިންވާރު] ބިންގަރާހެއްގައި ބޮނދައި އޮތް ކަމަށް. އަދި, ޔަހޫދީ އަސީރުން ވަށައިލައިގެން, އައްޑަނައެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް. ނަމަވެސް, އިއްޔެ އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ރަފަޙުގައި އޭނާ ޔަހޫދީ ފައުޖުގެ ސިފައިންނާ ދެކޮޅަށް ޖިހާދު ކުރައްވަމުން ގެންދެވި މަންޒަރު،" ޣައްޒާގެ ރައްޔިތެއް ކަމުގައިވާ 42 އަހަރުގެ ރަޝާ ބުންޏެވެ. "ހިތްވަރު ގަދަ ވެރިން ޝަހީދުވެގެން ދާނީ އެ މަގުން ޔަހޫދީންގެ މޭތަކަށް ދިކޮށްފައިވާ ހަތިޔާރަކާ އެކު. އަޅުގަނޑު ސިންވާރަށް ތާޢީދު ކުރަން. އަދި, އޭނާ ޝަހީދުވުމަކީ ފަޚުރެއްގެ ގޮތުގައި ދެކެން،" އޭނާ ބުންޏެވެ.





More from PSM News