ދީމާ ހޯދި ކާމިޔާބީއަކީ ޤައުމަށް ލިބުނު ބޮޑު ފަހުރެއް: ރައީސް

Wed, 15 May 2024 09:36 PM

View on this article on PSM News

ދީމާ ހޯދި ކާމިޔާބީއަކީ ޤައުމަށް ލިބުނު ބޮޑު ފަހުރެއް: ރައީސް

ރާއްޖޭގެ ތާރީހުގައި އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ހައިސިއްޔަތުން ރާއްޖޭގެ ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ ޤައުމު ފަހުރުވެރިކޮށްދީފިކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިހެން ވިދާޅުވީ މިއަހަރު ފްރާންސްގެ ޕެރިސްގައި ބާއްވާ އޮލިމްޕިކްސްއަށް ދީމާ ކޮލިފައިވުމާއި ގުޅިގެން މަރުހަބާ ދަންނަވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައެވެ.

ދީމާއަށް ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް މިއަދަކީ ތާރީހީ ދުވަހެއްކަމަށެވެ.

ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ ދީމާގެ ހިއްވަރާއި މޮޅުކުޅުމުގެ ސަބަބުން ހޯދި ކާމިޔާބީއާއެކު ޤައުމު މިއަދު ފަހުރުވެރިވާކަމަށެވެ. އަދި ޕެރިސްގައި ބާއްވާ އޮލިމްޕިކްސްގައިވެސް ދީމާއަށް ފުރިހަމައަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފުވެސް ވަނީ ދީމާ ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައެވެ.

ނައިބު ރައީސް ވިދާޅުވީ ޤައުމަށް ލިބުނު މި ފަޚުރުވެރި ކާމިޔާބީއަކީ ދީމާއާއި އާއިލާގެ އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަނާއި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން ކުރި މިންނެތް މަސައްކަތުގެ ފޮނި ނަތީޖާކަމަށެވެ.

ދީމާ އޮލިމްޕިކްސްއަށް ކޮލިފައިވީ ނޭޕާލުގައި ކުރިއަށްދިޔަ ދެކުނު އޭޝިއާ ސަރަހައްދުގެ ކޮލިފިކޭޝަންގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހޯދައިގެނެވެ. މިއީ ރާއްޖެއިން އޮލިމްޕިކްސްގައި ވާދަ ކުރުމަށް ކުޅިވަރު އެތުލީޓަކު ކޮލިފައިވި ފުރަތަމަ ފަހަރެވެ. މީގެކުރިން ރާއްޖެއަށް މުޅިންވެސް އޮލިމްޕިކްސްއިން ފުރުސަތު ލިބިފައިވަނީ، ކޮލިފައިނުވާ ގައުމުތަކުގެ ތެރެއިން ލިބޭ އިންވިޓޭޝަނަލް ފުރުސަތެއްގެ ތެރެއިންނެވެ.





More from PSM News