މާލީ ވުޒާރާއިން ކުންފުނިތަކަށް ދޭ ފައިސާގެ ނިޒާމް ހާމަކުރަނީ

Sat, 27 Jul 2024 10:57 AM

View on this article on PSM News

މާލީ ވުޒާރާއިން ކުންފުނިތަކަށް ދޭ ފައިސާގެ ނިޒާމް ހާމަކުރަނީ

މާލީ ވުޒާރާއިން ކުންފުނިތަކަށް ދޭ ފައިސާގެ ނިޒާމް ހާމަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮރަޕްޝަން ނައްތާލުމަށް މި ސަރުކާރުން ރާއްޖޭގައި ދުވަހަކު މަސައްކަތް ނުކުރާ ފެންވަރަށް ކުރައްވާނެ ކަމަށެވެ. އަދި ދެ ފުށް ފެންނަ ސަރުކާރެއް ޤާއިމުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މާލީ ވުޒާރާއިން ކުންފުނިތަކަށް ފައިސާ ދޭ އުސޫލެއް އޮންނައިރު އެވުޒާރާއިން ފައިސާ ދޭ ގޮތް އެއީ އަބަދުވެސް ރައްޔިތުންނަށް އެނގޭ ހަޤީޤަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ނުގަވާއިދުން ފައިދާތަކެއް ހޯދުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރާ ވާހަކަ އެއީ އަބަދުވެސް ދެކެވޭ ވާހަކައެއް ކަމަށް ވިދާޅުވިއެވެ. އަދި ފައިސާ ދޭ ގޮތް ފެންނަން އޮންނަނަމަ ނުގަވާއިދުން ކުރާ ކަންތައްތައް ނިމުމަކަށް އަންނާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ފިނޭންސް މިނިސްޓްރީގައި ޕެންޑް ވެފައި ހުރި ބިލްތައް އެބަހުރި. ކޮންއިރަކު ކާކު ހުށަހެޅި ކިހާވަރެއްގެ ބިލެއްކަން އެންމެންނަށް ހާމަކަން ބޮޑުކޮށް ފެންނާނެ ގޮތް ހަދައިދޭނަން. އޭރު އެކި ބިލްތައް ނަގާ މައްޗަށް އަރުވާކަށް ނުކެރޭނެ. ތަރުތީބުން ގެންދާނީ، ތަރުތީބުން ކުރިއަށް ގެންދަން ހުޅުވާލުމުން އެއްވެސް މީހަކަށް އިނގިލި ދިއް ނުކުރެވޭނެ ވަކި މީހަކަށް ފޭވަރ ކުރީކަމަކަށް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ ފައިސާ ދޭ ގޮތުގެ ނިޒާމެއް ޤާއިމުކުރެއްވުމަށް މާލީ ވަޒީރާ މިހާރު އެ މަސައްކަތް ހަވާލު ކުރައްވާފައިވާ ކަމަށެވެ.

"ކޮންމެ މަޝްރޫއެއް ވަކިން އެނގޭނެ، އެ މަޝްރޫއަށް ޕެންޑްވެފައި ހުރި ބިލްތައް އެނގޭނެ. ބިލަށްވީ ކިހާ ދުވަހެއްކަން އެނގޭނެ. ޕޭމަންޓް ލަސްކުރާނަމަ އެ ލަސްކުރަނީ ކޮން ކަމަކަށް ފައިސާ ދޭންކަމަށް އެނގޭނެ އެކި މަހު އެކި ހަފްތާގައި ކޭޝް ފްލޯ މެނޭޖްކުރަން ޖެހޭތީ. ބައެއް ބިލްތައް ލަސްކުރަން ޖެހޭ. އެހެންނަމަވެސް އެކަންކަން ހާމަކުރުމުން ކޮންމެ މީހަކަށް ވެސް އެނގޭނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެފަދަ ނިޒާމެއް ޤާއިމު ކުރެވިގެންދިޔުމާއެކު އެކި ވުޒާރާތަކުން މާލީ ވުޒާރާއަށް ބިލްތައް ފޮނުވުމުން، ކޮންޓްރެކްޓަރަށް ވެސް އެނގޭނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކޮންޓްރެކްޓަރުން މާލީ ވުޒާރާގެ މުވައްޒަފަކަށް ގުޅާ އެހެން މަގަކުން އެކަން ކުރަން އުޅުމުގެ ފުރުސަތު ލިބިގެން ނުދާނެ ކަމަށެވެ.

ރާއްޖޭގެ އިޤްތިސާދު ޤާއިމުކުރުމާއި ހަރުދަނާ ގަވަރނަންސް ނިޒާމެއް ޤާއިމުކުރުމަށް ހަޤީޤީ މާނައިގައި ކޮރަޕްޝަން ނައްތާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހާމަކަން ބޮޑު ގޮތެއްގައި މި ސަރުކާރުން ހިންގަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.





More from PSM News