ނޮޅިވަރަމް ދާއިރާއަށް އިންތިޚާބުވި ކެންޑިޑޭޓުވެސް ޕީއެންސީއަށް

Thu, 25 Apr 2024 12:30 AM

View on this article on PSM News

ނޮޅިވަރަމް ދާއިރާއަށް އިންތިޚާބުވި ކެންޑިޑޭޓުވެސް ޕީއެންސީއަށް

ނޮޅިވަރަމް ދާއިރާގެ އިންތިޚާބީ މެންބަރު މުޙައްމަދު ރަޝީދުވެސް، ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންފިއެވެ. މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މުޙައްމަދު ރަޝީދު އިންތިޚާބުވެވަޑައިގަތީ އަމިއްލަ ގޮތުން ވާދަކުރައްވައިގެންނެވެ.

ރަޝީދު ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންފައިވާކަން އެޕާޓިން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މުޙައްމަދު ރަޝީދުގެ އިތުރުން އަމިއްލަ ގޮތުން މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވާ އިންތިޚާބު ކާމިޔާބުކުރެއްވި އިންތިޚާބީ 6 މެންބަރަކުވެސް ވަނީ މިއަދު ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންފައެވެ. މިއާއެކު 20 ވަނަ މަޖިލީހުގައި ކޮންގްރެސް ޕާޓީ ތަމްސީލް ކުރައްވާނެ މެންބަރުންގެ އަދަދު ވަނީ 73 އަށް އަރައިފައެވެ.

ކޮންގްރެސް ޕާޓީއަށް ސޮއި ކުރެއްވި އިތުރު މެންބަރުން

  • ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ
  • ޙަސަން ޒަރީރު – މަތިވެރި ދާއިރާ
  • އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ
  • އަޙްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ
  • ޔާސީން ޢަބްދުﷲ - ނައިފަރު ދާއިރާ
  • ޢާޒިމް ޢަބްދުލް ޢަޒީޒް – ވިލިނގިލި ދާއިރާ

އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކޮށް 66 ކެންޑިޑޭޓަކު ގޮނޑި ކަށަވަރު ކުރިއެވެ. އެއާއެކު މަޖިލީހުގެ ސުޕަ- މެޖޯރިޓީ އެ ޕާޓީން ވަނީ ކަށަވަރުކޮށްފައެވެ.

މި އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި 11 ކެންޑިޑޭޓުން އިންތިޚާބު ކާމިޔާބު ކުރެއްވިއެވެ. ނަމަވެސް ހަތް މެންބަރުން ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންނެވުމުން މިނިވަން މެންބަރުންގެ ގޮތުގައި ދެން ތިއްބަވާނީ ހަތަރު މެންބަރުންނެވެ.





More from PSM News