ޝާހިދުގެ ޝުކުރު ރައީސް މުއިއްޒުއަށް!

Wed, 24 Apr 2024 07:21 PM

View on this article on PSM News

ޝާހިދުގެ ޝުކުރު ރައީސް މުއިއްޒުއަށް!

ކުރީގެ ޚާރިޖީ ވަޒީރު އަދި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދުގެ ބައްޕާފުޅު މޫސާ ޖަމީލްގެ ޖަނާޒާގެ ކަންކަން އިންތިޒާމުކުރުމުގައި ސަރުކާރުން ކުރެއްވި މަަސައްކަތް ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ޝުކުރު ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ޝުކުރު ދަންނަވައި، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސްގެ ތަޢުޒިޔާގެ މެސެޖްގައި ފާޅުކުރައްވާފައިވާ ހިތްޕުޅުހެޔޮ ޝުޢޫރުތަކަށް އެމަނިކުފާނުގެ ޢާއިލާގެ ފަރާތުން އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށެވެ. އަދި ޢާއިލާއަށް ދިމާވި ނުހަނު ހިތްދަތި މިދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރްޝާދުގެ މަތިން ބައްޕާފުޅުގެ ޖަނާޒާގެ ކަންކަން ފުރިހަމަ ކުރުމުގައި ސަރުކާރުގެ އިދާރާތަކުން ކުރެއްވި އިންތިޒާމުތަކަށްވެސް ޝާހިދު ވަނީ ޝުކުރު ދަންނަވާފައެވެ.

ކުރީގެ ޚާރިޖީ ވަޒީރު އަދި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދުގެ ބައްޕާފުޅު މޫސާ ޖަމީލް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތައުޒިޢާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދުގެ ލޮބުވެތި ބައްޕާފުޅު، ދަރަވަންދޫގޭ މޫސާ ޖަމީލް، ހ. ރަބީޢީމަންޒިލް، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމަޔާއެކުގައި ކަމަށެވެ.

އަދި މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށާއި އާއިލާއަށް ކެތްތެރިކަންދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާވަނީ ދުޢާ ކުރައްވާފައެވެ.





More from PSM News