ޒަމާނީ އީޖާދުތަކާއެކު ތިމާވެށީގެ މައްސަލަަތަކަށް ޙައްލުތައް ގެނެވޭނެކަން ދަނީ ހާމަވަމުން: ޝިޔާމް

Wed, 24 Apr 2024 07:14 PM

View on this article on PSM News

ޒަމާނީ އީޖާދުތަކާއެކު ތިމާވެށީގެ މައްސަލަަތަކަށް ޙައްލުތައް ގެނެވޭނެކަން ދަނީ ހާމަވަމުން: ޝިޔާމް

ޒަމާނީ އީޖާދުތަކާއި ޓެކްނޮލޮޖީއާއެކު މޫސުމީ މައްސަލަތަކަށް ޙައްލު ހޯދޭނެކަން މިއަދުގެ އީޖާތުތަކުން ހާމަވާކަމަށާއި، އެންމެ މުހިންމީ ގުޅިގެން މަސައްކަތްކޮށް ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދުމަށް މަސައްކަތްކުރުންކަމަށް ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ފާހަގަކުރައްވައިފިއެވެ.

ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް ސްޕޭސް ރިސަރޗް އޮގަނައިޒޭޝަންއިން ކުރިއަށްގެންދާ "ސްޕޭސް ފޮރ އައިލެންޑް ނޭޝަން ކޮންފަރެންސް" (ސިންކް 2024) ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ފަހަރުގެ ކޮންފަރެންސް އަމާޒުކޮށްފައިވަނީ ސައިންސްގެ އަލީގައި ކަނޑުތަކުގެ ރައްކާތެރިކަން ދެމެހެއްޓުމާއި ގުޅޭގޮތުންނެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ތިމާވެއްޓާ، ތިމާވެށި ޙިމާޔަތްކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ޙިއްސާކުރައްވާފައެވެ. ވަޒީރު ވިދާޅުވީ ކަނޑުތަކަކީ ދިވެހިންގެ ދިރިއުޅުގެ އެއްބައިކަމަށާ، ތިމާވެށީގެ މައްސަލަތަކަށް އަޅާނުލާ ދޫކޮށްލެވެން ނެތްކަމަށެވެ.

މޫސުމީ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު ހޫނުވުމާއި ގައު ހުދުވުންފަދަ މައްސަލަތައް މިއަދު ދިވެހިރާއްޖެއަށްވެސް ކުރިމަތިވަމުންދާ މިންވަރު އިތުރުވެއްޖެކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް މިއަދުވެ ޒަމާނި ޓެކްނޮލޮޖީއާއި އިޖާދީ ވިސްނުންތަކާއެކު މި ކަންކަން ޙައްލަކާއި ދިމާލަށް ގެންދިއުމުގެ އުންމީދު މިއަދު އާވާން ފަށާފައިވާކަމަށާއި ސައިންސާއި ޓެކްނޮލޮޖިގެ އެހީގައި ދެމެހެއްޓެނިވި ބަދަލުތަކެއް ގެނެވިދާނެކަން މިއަދުގެ އީޖާދުތަކުންވެސް ފެންނަމުންދާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ތިމާވެށީގެ މައްސަލަތައް ދިމާވާ ސަބަބުތައް ރަނގަޅަށް ދެނެގަނެ، ބަދަލުތައް މޮނިޓަރކުރެވިއްޖެނަމަ މިހާރަށްވުރެ ހެޔޮ ބަދަލުތަކެއް ގެނައުމަށް މަގު ފަހިވާނެކަމަށެވެ. މިއީ ހަމައެކަނި ރާއްޖެއަށް އޭގެ ފައިދާވާނެ ކަމެއް ނޫންކަމަށާއި، ދުނިޔޭގެ ކަނޑުތަކުގެ ރައްކާތެރިކަމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅަކަށްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މުހިންމު ދާއިރާތަކުން ދިރާސާކޮށް، ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެންމެ ބޮޑަށް ބާރުއަޅުއްވާ މަސައްކަތްކަމަށެވެ. ޖައްވީ ދިރާސާތަކަކީ ކަނޑުތަކާއި ތިމާވެށީގެވެސް ގިނަ މަޢުލޫމާތުތަކެއް އެއްކުރެވޭ ދާއިރާއަކަށްވުމާއެކު، އެކަންކަމުގެ ފައިދާ ރާއްޖެފަދަ ޤައުމަކަށް ލިބޭ މިންވަރު އިތުރުކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ކަނޑުތަކާއި ގުޅޭ މަޢުލޫމާތު، ކަނޑުގެ ފިނިހޫނުމިން، ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރާއި އަދި ކަނޑުގެ ތިމާވެއްޓާ ދިރުންތަކުގެ މަޢުލޫމާތު މިހާރު އެއްކުރެވޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި ޖައްވީ މަޢުލޫމާތުތަކުގެ ތެރެއިން މަސްވެރިންކަން ކުރާ ސަރަޙައްދުތަކުގެ މަޢުލޫމާތު އެއްކޮށް، މަސްވެރިކަމާއި ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގައިވެސް ފަސޭހަތައް ލިބިއްޖެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެތެރޭގައި ގަވާއިދާއި ޤާނޫނާ ޚިލާފަށް ބޯޑަރު ތެރެއަށް ވަންނަ އުޅަނދުތައް ދެނެގަތުމާއި، ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާ އުޅަނދުތައް ދެނެގަތުންފަދަ ލުއިތައް ލިބެމުންދާކަން ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ އާ ޓެކްނޮލޮޖީތަކާއި އީޖަތުތަކުން އެކަނި ނުފުދޭކަމަށާއި، އެއްމެން އެއްބަސް ކިޔާ މައްސަލަތައް ޙައްލުކުރުމަށް އެކުގައި މަސައްކަތްކުރަންޖެހޭކަމަށެވެ.

"ސިންކް 2024" ކޮންފަރެންސްގައި ރާއްޖޭގެ ފަރާތްތަކާއި، ސްޕޭސް ސައިންގެ ދައިރާގައި ދުނިޔޭގައި ފާހަގަކޮށްލެވޭ ޖަމިއްޔާތަކުގެ 18 ރިސަރޗަރުން ބައިވެރިވެއެވެ. ކްރޮސްރޯޑްސްގައި ކުރިއަށްދާ މި ކޮންރެންސްއަކީ 3 ދުވަހަށް ކުރިއްށްދާ ކޮންފަރެންސްއެކެވެ. ކޮންފަރެންސްގެ ތެރެއިން ސްޕޭސް ސައިންސާ، ކަނޑުތައް ދިރާސާކުރުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް މަޢުލޫމާތު ޙިއްސާކުރާނެއެވެ. އަދި ކޮންފަރެންސްގެ ބައެއްގެ ގޮތުގައި އަތޮޅުތަކުގެ ރަށަކަށް ޒިޔާރަތްކުރުންވެސް ހިމެނެއެވެ.





More from PSM News