ބިލުތައް ހުށައަޅާނީ މަޝްވަރާކޮށްފައި، ކޮންމެ ބިލެއްވާނީ ފައިދާހުރި ބިލަކަށް: ޢަބްދުއްރަޙީމް

Wed, 24 Apr 2024 07:02 PM

View on this article on PSM News

ބިލުތައް ހުށައަޅާނީ މަޝްވަރާކޮށްފައި، ކޮންމެ ބިލެއްވާނީ ފައިދާހުރި ބިލަކަށް: ޢަބްދުއްރަޙީމް

ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއަށް ސުޕަ މެޖޯރިޓީ ލިބިފައިވާ މަޖިލީހަށް ހުށަހަޅާ ކޮންމެ ބިލެއްވެސް ވާނީ ރައްޔިތުންނާއި ޤައުމަށް ފައިދާ ހުރި ބިލަކަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަދި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އެޑްވައިޒަރު އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި އަބްދުއްރަޙީމް ވިދާޅުވީ 20 ވަނަ މަޖިލިސް ވެގެންދާނީ ވަރަށް ތަފާތު މަޖިލީހަކަށް ކަމަށެވެ. އެ މަޖިލީހުގައި ތަޖުރިބާކާރު އެތައް ބަޔަކު ތިއްބަވާއިރު މަޖިލީހުން ފެނިގެންދާނީ އުފެއްދުންތެރި މަސައްކަތެއް ކުރަމުންދާތަން ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އާދީއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިޚާބުގައި ރައްޔިތުން މެޖޯރިޓީ ދިނީ ސަރުކާރަށްކަމަށާއި، އެ ވޯޓުން ހާމަވީ ރައްޔިތުން ސަރުކާރަށް ކުރާ އިތުބާރު ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ ތަންފީޒުކުރުމަށް މަޖިލީހުން އެހީތެރިކަން ފޯރުކޮށްދޭން ފުރުސަތު ދީފައިވާ ކަމަށްވެސް ރައީސްގެ ޚާއްޞަ އެޑުވައިޒަރު ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރާއި މަޖިލިސް ގުޅިގެން މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ބިލުތައް މަޖިލީހަށް ހުށަހަޅާނީ މަޝްވަރާކޮށްގެން ކަމަށެވެ.

"ސަރުކާރު ހިންގަނީ ޕީއެންސީން. މަޖިލިސް ސުޕަ މެޖޯރިޓީ މިއޮތީ ޕީއެންސީއަށް. އެހެންވީމަ އަޅުގަނޑުމެން ދެ ފަރާތުން ވާހަކަދެކެވިގެން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ބިލެއް މަޖިލީހަށް އަންނާނީ. ސަރުކާރުން މަޖިލީހަށް ހުށަހަޅާ ކޮންމެ ބިލެއް ވާނީ ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމަށް ލާބަޔާއި މަންފާއަށް ގެންނަ ބިލަކަށް. އެފަދަ ބިލެއް މަޖިލީހުގެ ގަވާއިދުގެ ދަށުން ބަހުސްކުރެވި އިސްލާހުތަކާއެކު ފާސްކުރުން އެއީ އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ ރަބަރ ސްޓޭންޑް ޖެހުން ކަމަކަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.


އަބްދުއްރަހީމް ވިދާޅުވީ ޤާނޫނު އަސާސީގައިވާ ކަމެއްގެ ސަބަބުން ޤައުމާއި ރައްޔިތުންނަށް މަންފާ ކުރާނެކަމެއް ކުރުމަށް ހުރަސް އެޅޭނަމަ ޤާނޫނުއަސާސީއަށް ބަދަލު ގެނެސްގެން ނަމަވެސް ރައްޔިތުންގެ ފައިދާއަށް އެކަމެއް ކުރައްވާނެކަަމަށެވެ. ރައްޔިތުން ސަރުކާރަށް އަޣްލަބިއްޔަތު ދެއްވީ ޤާނޫނު އަސާސީއަށް ބަދަލުގެންނަންޖެހިއްޖެނަމަ އެކަންވެސް ކުރެވޭނެގޮތަށްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އެޑްވައިޒަރު އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ސަރުކާރުގެ މެނިފެސްޓޯގައިވާ ހުރިހާ ވަޢުދުތައް ފުއްދެވުމަށް 200 އަށްވުރެ ގިނަ އިސްލާޙާއި އައު ބިލްުތައް ހިމެނޭހެން ޤާނޫނުތައް ފާސްކުރަން މަޖިލީހުގެ އެހީތެރިކަން ބޭނުންވާނެކަމަމަށެވެ.





More from PSM News