ބޮލުގަ ދޮގު އަޅުވަން އުޅެއުޅެ އެކަންވާ ގޮތެއްނުވި، ބޭޒާރުވަނީ އެބޭފުޅުން: ރައީސް

Tue, 16 Apr 2024 11:02 PM

View on this article on PSM News

ބޮލުގަ ދޮގު އަޅުވަން އުޅެއުޅެ އެކަންވާ ގޮތެއްނުވި، ބޭޒާރުވަނީ އެބޭފުޅުން: ރައީސް

އެމަނިކުފާނުގެ އިސްތަށިފުޅުގައި ދޮގުވާހަކަތައް އަޅުވަން އަބަދުވެސް މަސައްކަތް ކުރާކަމަށާއި އެކަން ހާސިލުވާ ގޮތް ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިދާޅުވެއްޖެއެވެ.

ޕްރޮގެރެސިވް ކޮންގްރެސް ކޯލިޝަނުން ގަލޮޅު ދެކުނު ދާއިރާގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ފާއިތުވި އިންތިޚާބުތަކުގައިވެސް އެމަނިކުފާނަށް ޢަމާޒުކޮށް ދޮގު ވާހަކަތައް ފެތުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން، މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި އިންތިޚާބާއި ރިޔާސީ އިންތިޚާބުގައިވެސް، އަދި ކުރިއަށް އޮތް މަޖިލިސް އިންތިޚާބާ ގުޅުވައިގެންވެސް އެފަދަ ވާހަކަތައް ފަތުރަން މަސައްކަތް ކުރާކަމަށް ރައީސް ވިދާޅުވިއެވެ.

"ތިބޭފުޅުން އަދި ތިގޮތަށް އަޅުގަނޑުގެ ބޮލުގަ ކަމެއް އަޅުވަން އުޅެގެން ކުރީގަވެސް ނުވި ކަމެއް ދެނެއްވެސް ނުވާނެ، އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއް ކަމެއް ވެސް ނޯންނާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަބުރުފުޅު ކަތިލަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ދުވަހަކުވެސް ޤާނޫނާއި ގަވާއިދާ ޚިލާފަށް ކަމެއް ނުކުރައްވާނެކަމަށެވެ. އަދި އެފަދަ ވާހަކަތައް އިދިކޮޅުން ދެއްކިވަރަކަށް ބޭޒާރުވާނީ އެބޭފުޅުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ޤާނޫނާއި ގަވާއިދާ ޚިލާފު ކަމެއް އޭރުވެސް ކޮށްފައި ނުހުންނާނެ. މިއަދަކުވެސް ނުކުރާނަން. އަދި ކުރިއަށް އޮތްތާނގައި ވެސް ނުކުރާނަން. އަޅުގަނޑަކީ އިރާދަކުރެއްވީތީ ރައްޔިތުންގެ ޙައްގުގައި ޖެހޭނެ މީހެއް ނޫން. ރައްޔިތުންގެ މުދަލަކު ޖެހޭނެ މީހެއް ނޫން. ރައްޔިތުންގެ ފައިސާއަކު ޖެހޭނެ މީހެއް ނޫން. އަޅުގަނޑަށް މާ މުހިންމު ﷲ ސުބުހާނަހޫ ވަތަޢާލާގެ ފުއްސެވުމާއި ރުއްސެވުން ލިބުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަބުރުފުޅު ކަތިލުމަށް އެފަދަ ވާހަކަތައް ދެއްކި ނަމަވެސް އެމަނިކުފާނު، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވަޢުދު ފުއްދަވާނެކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. އެހެންވެ، ރައްޔިތުން ސާބިތުކަމާއެކު ޤައުމައިގެން ކުރިއަށްދިއުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައްޔިތުން އެމަނިކުފާނާ ހަވާލުކޮށްފައިވާ ޒިންމާ އިޚުލާސްތެރިކަމާއި، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ.





More from PSM News