ކާވާ ވިމެންސް ވޮލީބޯލް ކުލަބު ޗެމްޕިއަންޝިޕް: ލޯ މެޑެލް މެޗުގައި ވެމްކޯ އާއި ލަންކާގެ އެއަރ ފޯސް

Sat, 21 Sep 2024 01:20 AM

View on this article on PSM News

ކާވާ ވިމެންސް ވޮލީބޯލް ކުލަބު ޗެމްޕިއަންޝިޕް: ލޯ މެޑެލް މެޗުގައި ވެމްކޯ އާއި ލަންކާގެ އެއަރ ފޯސް

މާލޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ކުލަބު ޗެމްޕިއަންޝިޕް 2024 ގައި މިރޭ ތަޖިކިސްތާންގެ ވޮލީބޯލް ކުލަބު ޑިއަމެޑް ބަލިކޮށް، ލީގު ބުރުގެ ތިންވަނަ މަގާމު ރާއްޖޭގެ ކުލަބު ވެމްކޯއިން ހޯދައިފިއެވެ.

މާދަމާގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ފަސް ގައުމަކުން ހަ ކުލަބު ވާދަކުރެއެވެ. އެއީ ރާއްޖޭގެ ކުލަބު ވެމްކޯ އާއި ޕޮލިސް ކުލަބުގެ އިތުރުން ނޭޕާލުގެ ޕޮލިސް ކުލަބާއި، ސްރީ ލަންކާގެ އެއަރ ފޯސް އާއި، އުޒްބެކިސްތާންގެ ހުމޯ ވޮލީބޯލް ކުލަބު އަދި ތަޖިކިސްތާންގެ ވޮލީބޯލް ކުލަބު ޑިއަމެޑް އެވެ.

މުބާރާތުގައި މިރޭ ކުޅުނު މެޗުން ވެމްކޯ މޮޅުވީ ޑިއަމެޑް އަތުން ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ވެމްކޯއިން ގެންދިޔައީ 25-20، 25-14 އަދި 25-20 އިންނެވެ.

މި މޮޅާއެކު ލީގު ބުރުގެ ތިންވަނަ ވެމްކޯއަށް ލިބުނުއިރު، އެ ޓީމަށް ވަނީ 10 ޕޮއިންޓް ލިބިފައެވެ. މި މުބާރާތް ރޭވިފައިވާ ގޮތުން ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރާއިރު، އެއްވަނަ އާއި ދެވަނަ ހޯދާ ޓީމުތައް ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ތިންވަނަ އާއި ހަތަރުވަނައިގެ މެދުގައި ލޯ މެޑެލް މެޗު ކުޅޭއިރު، ފަސްވަނަ އާއި ހަވަނައިގެ މެދުގައި ރޭންކިން މެޗެއް ކުޅޭނެއެވެ. ލީގު ބުރުގެ ހަތަރުވަނަ ލަންކާގެ އެއަރ ފޯސްއިން ހޯދިއިރު، އެ ޓީމުން ވަނީ ހަ ޕޮއިންޓް ހަމަކޮށްފައެވެ. އެހެންކަމުން ލޯ މެޑެލް މެޗުގައި ބައްދަލުކުރާނީ ވެމްކޯ އާއި ލަންކާގެ އެއަރ ފޯސްއެވެ.

ލީގު ބުރުގެ ފަސްވަނައަށްދިޔަ ރާއްޖޭގެ ޕޮލިސް ކުލަބަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތީ ޑިއަމެޑްއެވެ. އެ ޓީމު ވަނީ ލީގު ބުރުގައި ކުޅުނު ހުރިހާ މެޗަކުން ބަލިވެފައެވެ.





More from PSM News