އެސްޑީއެފް ބިލު ބޭރުކޮށްލީ އެމްޑީޕީން އޮޅުވާލައިގެން: ޕީޕީއެމް/ޕީއެންސީ

Thu, 28 Mar 2024 05:48 PM

View on this article on PSM News

އެސްޑީއެފް ބިލު ބޭރުކޮށްލީ އެމްޑީޕީން އޮޅުވާލައިގެން: ޕީޕީއެމް/ޕީއެންސީ

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިނުގަނެ ބޭރުކޮށްފައި ވަނީ، އިދިކޮޅު އެމްޑީޕީން ގަސްތުގައި އޮޅުވާލައިގެން ކަމަށް ޕީއެންސީ ޕާލިމެންޓަރީ ގްރޫޕުން ތުހުމަތުކޮށްފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވީ ސޮވެރިންގ ފަންޑުގެ ބިލަކީ ޤައުމީ ބޮޑު މައްސަލައަކާ ބެހޭ ގޮތުން ހުށަހަޅާފައި އޮތް ބިލެއްކަމަށެވެ. އެ ބިލު އެމްޑީޕީން ބޭރުކޮށްލީ އޮޅުވާލައިގެން ގަސްތުގައި ކަމަށް ސިރާޖު ތުހުމަތު ކުރެއްވިއެވެ.

"އެއީ ގައުމީ ވަރަށް ބޮޑު ބިލެއް. މުހިންމު ބިލުތަށް އުޒުރުވެރި އެއްވެސް ސަބަބެއް ބެތި ބޭރުކޮށްލުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް." މޫސާ ސިރާޖް ވިދާޅުވިއެވެ.

މެމްބަރު މޫސާ ސިރާޖް ވިދާޅުވިގޮތުގައި، އެ ބިލަށް ވޯޓަށް އެހިއިރު ޕީއެންސީގެ މެމްބަރަކު ތަޅުމުގައި ވަޑައިގެން ނެތީ އެންޓިޑިފެކްޝަން ބިލު ދިރާސާކުރާނެ ކޮމިޓީއަކާ މެދު ޚިޔާލުތަފާތުވުމުން، ޕީއެންސީގެ މެމްބަރުން އިހުތިޖާޖުކުރެއްވުމުގެ ގޮތުން މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިގެން ތިއްބަވަނިކޮށްކަމަށެވެ. އަދި އެ މެމްބަރުންނަށް އެންގެވުމަކާއި ނުލައި ވޯޓަށް އެއްސެވުމުން ވޯޓު ދޭނެ ފުރުސަތު ސަރުކާރުގެ މެމްބަރުންނަށް ލިބިވަޑައި ނުގަތީކަމަށް ސިރާޖު ވިދާޅުވިއެވެ.

އެ ދުވަހު އާންމު އުސޫލާ ޚިލާފަށް، ޖަލްސާގައި ވޯޓަށް އެހުމަށްފަހު ޖަލްސާ މެދުކަނޑާލާފައިވާކަމަށްވެސް ސިރާޖް ވިދާޅުވިއެވެ. ކޯރަމެއް ނެތި މެންބަރުން ވޯޓު ލައިގެން ބިލު ބޭރުކޮށްލުމަކީ ރައްޔިތުން ބަލަން ޖެހޭ ކަމެއް ކަމަށްވެސް މޫސާ ސިރާޖު ވިދާޅުވިއެވެ.

"ވޯޓު ގަޑީގައި ނިޒާމީ ނުކުތާއެއް ވެސް ނުނެގޭނެ ގޮތަށް ހަރުދަނާކޮށް މަޖިލީހުގެ ގަވައިދުތައް ހެދިފައިވަނީ. އެހެންނަމަވެސް އެ ދުވަހުގެ ވޯޓު ކުރިއަށް ދަނިކޮށް ދިމާވި ކަމަކާ ގުޅިގެން ވޯޓު މެދުކަނޑައިލައިފައި ވަނީ،" މޫސާ ސިރާޖު ވިދާޅުވިއެވެ.

މޫސާ ސިރާޖު ވިދާޅުވީ އެސްޑީއެފް ބިލަކީ ސިޔާސީ މަގުސަދެއްގައި ހުށަހަޅައިފައި އޮތް ބިލެއް ނޫން ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު އޮތް މަޖިލިސް ޖަލްސާގެ ވޯޓު ގަޑީގައި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލާމެދު ގޮތެއް ނިންމުމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނައިބު ރައީސް، ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމު ހިމެނިވަޑައިގަންނަވާ ގޮތުން ޖުމްލަ ތިން މެމްބަރުންނެވެ. ބިލު ބަލައިގަންނަން ފެނިވަޑައިނުގަންނަވާ ކަމަށް ސަލީމު ވޯޓު ދެއްވީ ވޯޓު އެއްވަރުވުމުންނެވެ.

ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހީމް ނަސީމު ހުށަހެޅުއްވި ސޮވްރިންގ ޑިވެލޮޕްމެންޓް ފަންޑު ބިލު ބަލައިގަތުމާ މެދު މަޖިލީހުގައި ވޯޓު ނެގި އިރު، ޕީ.އެން.ސީގެ އެއްވެސް މެމްބަރަކު ތަޅުމުގައި ވަޑައިގެން ނެތެވެ.

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު މަޖިލީހަށް ބަލައިނުގަތީ، ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތްކުރާ ބަޔަކު މަޖިލީހުގައި ތިބުމުންކަމަށާއި ސަރުކާރުގެ ސިޔާސަތާ ދެކޮޅު ބަޔަކު މަޖިލީހަށް ހޮވައިގެން ރައްޔިތުންނަ އޮތީ ގެއްލުންކަމަށް ރައިސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.





More from PSM News