ކެންދޫ ޕޮލިސް ޕޯސްޓު ހުޅުވައިފި

Wed, 16 Oct 2024 04:14 PM

View on this article on Police Life

ކެންދޫ ޕޮލިސް ޕޯސްޓު ހުޅުވައިފި

ބ. ކެންދޫގައި ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުން ގާއިމުވެތިބެ ޚިދުމަތްދޭން ފަށައިފިއެވެ.



 

ކެންދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ކައުންސިލު ރައީސް އިބްރާހީމް ޢަބްދުއްރަަޙްމާންއެވެ.

ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ދެއްކެވި ވާހަކަފުޅުގައި 2016 މެއި 6 ވަނަ ދުވަހު ކެންދޫގައި ޕޮލިސް ޑެސްކުން ފެށި ފުލުހުންގެ ޚިދުމަތް މިއަދު ޕޮލިސް ޕޯސްޓަކަށް ތަރައްގީ ކުރެވިގެން ގޮސްފައިވާތީ ރަށުގެ ރައްޔިތުންނަށް މަރުހަބާ ދެންނެވިއެވެ. އަދި ކެންދުއަކީ ކުށްމަދު އަމާން މުޖުތަމައެއް އޮންނަ އިޖުތިމާއީ ގުޅުން ބަދަހި ރަށެއްކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތްކޮށްފިނަމަ ކުށްމަދު ގައުމަކަށް މި ގައުމު ވެގެންދާނެކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވިއެވެ.

 

ހަމަ އެހެންމެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުވުން މުހިންމުވަނީ، މުޖުތަމައުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި، އަމަން އަމާންކަން ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަމާއި، ޖިނާއީ ކުށްކުރުން ހުއްޓުވައި ތަހުގީގުކޮށް، ގާނޫނު ތަންފީޒުކުރުމުގެ އިތުރުން ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި، އިހުތިޔާރު ލިބިފައިވާ ފުލުހުންގެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ.

 

"މިއަދު މި ހުޅުވޭ ފުލުހުންގެ މަރުކަޒަކީ މި ހުރިހާ ކަމެއް ޔަގީން ކުރުމަށް ހުޅުވޭ ދޮރާއްޓެއް. މިއަދު ދިވެހި ފުލުހުންގެ ޚިދުމަތުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އަމަލުކުރާ މައިގަނޑު އަސާސަކީ ކުށްވިޔަ ނުދިނުމަށް މުޖުތަމައާ ގުޅިގެން މަސައްކަތްކުރުން. އަދި ކުށް ފާޅުވުމުގެ ކުރިން، ކުށް އުފެދުމަށް ހުރި ހުރަސްތައް ނައްތާލަން މަސައްކަތްކުރުމާއި ރައްޔިތުންނާއި ފުލުހުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާތަން މިރަށުން ފެނިގެން ދިއުން." ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

 

ކޮމިޝަނަރ އިތުރަށް ވިދާޅުވީ، ގާނޫނު އަސާސީންނާއި ގާނޫނުތަކުން ފުލުހުންނަށް މަތިކޮށްފައިވާ ޒިންމާތައް ފުރިހަމަގޮތުގައި އަދާކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތަކާ އަދި ތަމްރީނުތައް ހޯދައިދިނުމަކީ އަމާޒެއް ކަމަށާއި ފުލުހުންގެ މުއައްސަސާގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކޮށް ޚިދުމަތް ކުރިއެރުވުމަށް ބޭނުންވާ ބަދަލުތައް ގެންނަމުންދާ ކަމަށެވެ. އަދި މިކަމަށްޓަަކައި ބޭނުންވާ ވަސީލަތްތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވާ ހާއްސަ ސަމާލުކަމަށް ފުލުހުންގެ ނަމުގައި ޝުކުރުއަދާކުރެއްވިއެވެ.

ކެންދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ސަރވިސް ޑިވެލޮޕްމަންޓް ޑައިރެކްޓްރޭޓް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ ޢަލީ އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި ބ. އަތޮޅު ކައުންސިލު ރައީސް އަޙްމަދު އަފްރާޙް އަދި ކެންދޫ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

 

ކެންދޫ ޕޮލިސް ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު ޕޮލިސް ޕޯސްޓުގައި ގައުމީ ދިދަ އާއި ފުލުހުންގެ ދިދަ ނަގާފައިވެއެވެ.



More from Police Life