އެމެރިކާ އަބަދުވެސް އޮންނާނީ އިޒްރޭލާ އެކުގައި ކަން އީރާން ދަންނަންޖެހޭނެ: ބައިޑެން

Thu, 18 Apr 2024 05:37 AM

View on this article on Naares

އެމެރިކާ އަބަދުވެސް އޮންނާނީ އިޒްރޭލާ އެކުގައި ކަން އީރާން ދަންނަންޖެހޭނެ: ބައިޑެން

އީރާނުން އިސްރާއީލަށް ހަމަލާއެއް ދޭއިރު، އެމެރިކާ އޮންނާނީ އަބަދުވެސް އިސްރާއީލާ އެކުގައިކަން އީރާން ދަންނަން ޖެހޭނެކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޖޯބައިޑެން އީރާނަށް އިންޒާރު ދެއްވައިފިއެވެ.



އެމެރިކާގެ ސީބީސީ ނިއުސް އަށް މައުލޫމާތު ދެމުން އެމެރިކާގެ ރައީސް ބައިޑެން ވިދާޅުވީ އިރާނުން ހަމަ ކޮންމެ ވަގުތަކުވެސް އިސްރާއީލަށް ވަރުގަދަ ހަމަލާއެއް ދީފާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އިރާނުގެ ކޮންސިއުލޭޓަށް ދިން ހަމަލާގެ ޒިންމާ އިސްރާއީލުން އުފުލާފައި ނުވިނަމަވެސް އެ ހަަމަލާ ދީފައިވަނީ އިސްރާއީލުން ކަމަށް ގަބޫލު ކުރެވެއެވެ. އަދި އެ ހަމަލާގެ ބަދަލު ހިފާނެ ކަމަށް ބުނެ އިރާނުންވެސް ވަނީ އިސްރާއީލަށް އިންޒާރު ދީފައެވެ.

އިރާނުގެ ހަމަލާއިން ދިފާއުވުމަށް އިސްރާއީލު އޮތީ ތައްޔާރަށް ކަމަށް އިސްރާއީލުން ބުނެފައި ވާއިރު، އިރާނުގެ ކިބައިން އިސްރާއީލު ދިފާއުކުރުމަށް އެމެރިކާ ވެސް އޮތީ ތައްޔާރަށް ކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ.

“އަހަރެމެން މިތިބީ އިސްރާއީލު ދިފާއުކުރުމަށް ތައްޔާރަށް. އަހަރެމެން އިސްރާއީލަށް އެއްބާރުލުން ދޭނަން. އިސްރާއީލު ދިފާއު ކުރުމަށް އަހަރެމެން އެހީ ވާނަން އަދި އިރާނަށް ކާމިޔާބެއް ނުވާނެ.” ބައިޑަން ވިދާޅުވިއެވެ.

އިރާނުން އިސްރާއީލަށް ހަމަލާދޭނެ ކަމުގެ ވާހަކަތައް ދެކެވެމުންދާ އިރު، އިރާނަށް ދެއްވާނީ ކޮން މެސެޖެއްތޯ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ބައިޑަން ވިދާޅުވީ “އެކަން ނުކުރޭ” މިހެންނެވެ.

އިރާނުގެ ހަމަލާގެ ނުރައްކަލަކީ ހަމަ ހަގީގީ ނުރައްކަލެއް ކަމަށް އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކާބީވެސް ވަނީ ވިދާޅުވެފައެވެ.

އެމެރިކާ



More from Naares