ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ބިލް ރައީސް ތަސްދީޤު ކުރައްވައިފި

Tue, 16 Apr 2024 02:43 PM

View on this article on Naares

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ބިލް ރައީސް ތަސްދީޤު ކުރައްވައިފި

އިންތިޚާބުވުމަށް ފަހުގައި ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގާނޫނު، އެންޓި ޑިފެކްޝަން ބިލު (ޤާނޫނު ނަންބަރު: 2024/3) ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.



އިންތިޚާބީ މަގާމުތަކުގައި ތިއްބަވައި ބޭފުޅުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް އަލުން ހަދަން ހުށަހެޅީ މަޖިލީހުގެ މެޖޯރިޓީ އޮތް އިދިކޮޅު އެމްޑީޕީގެ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ. މި މަހުގެ އެއްވަނަ ދުވަހު މަޖިލީހުން ވަނީ އެ ބިލު ފާސްކޮށްފައެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު މިއަދު އެ ބިލު ތަސްދީޤުކުރައްވާފައިވާ ކަމަށެވެ. އެހެންވެ، މިހާރު އެ ގާނޫނު ގެޒެޓުކޮށް، އަމަލުކުރަން ވަނީ ފަށައިފައެވެ.

އެ ބިލުގައިވަނީ މަޖިލީސް މެންބަރުންނާއި އަތޮޅު ކައުންސިލަރުން އަދި ރަށު ކައުންސިލަރުންނާއި އަންހެނުން ކޮމިޓީގެ މެންބަރުން ވެސް ހިމަނައިފައެވެ. އެހެންވެ، މިހާރު އެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ޕާޓީ ބަދަލުކުރާނަމަ މަގާމުން އިސްތިއުފާ ދޭންޖެހޭނެއެވެ.

މި ބިލު ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވަނީ، ރައްޔިތުން އިންތިޚާބުކުރާ ބޭފުޅުންނަކީ އެ އިންތިޚާބުކުރި ފިކުރެއްގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުމާއި އާންމުންގެ މެދުގައި އެ ބޭފުޅުންނާ މެދު އިތުބާރާއި ޔަގީންކަން ބޮޑުކުރުމެވެ. އެ ގާނޫނުގައިވާގޮތުން ދެ ހާލަތެއްގައި މެންބަރުން މަގާމުން އިސްތިއުފާދޭން ޖެހޭނެއެވެ. އެއީ،

އިންތިޚާބުވި ޕާޓީން އަމިއްލައަށް ވަކިވުން
އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ ދަފުތަރުގައި ޖެހުން [ޕާޓީ ބަދަލުކުރުން]
އަދި، ދެ ހާލަތެއްގައި މެންބަރުން މަގާމުގައި ބައިތިއްބަން ފެނޭތޯ ބަލަން ރިކޯލް ވޯޓެއް ނަގަންޖެހޭނެއެވެ. އެއީ،

އިންތިޚާބުވި ޕާޓީން، އެ މެންބަރަކު ވަކިކުރުން
އަމިއްލަގޮތުން އިންތިޚާބުވާ މެންބަރަކު ޕާޓީއަކަށް ސޮއިކުރުން
ގާނޫނުގައިވާގޮތުން ކައުންސިލަރުންނާއި އަންހެނުން ކޮމިޓީ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް:

އިންތިޚާބުވި ޕާޓީން އަމިއްލައަށް ވަކިވުން
އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ސޮއިކުރުން
އަމިއްލަގޮތުން އިންތިޚާބުވެފައި ޕާޓީއަކަށް ސޮއިކުރުން
ގާނޫނުގައިވާގޮތުން ރިކޯލް ވޯޓެއް ނަގައި ހާލަތެއްގައި ޕާޓީ ބަދަލުކުރި މެންބަރަކު އެ ވޯޓު ކާމިޔާބުކޮށްފިނަމަ ޕާޓީ ބަދަލުކުރުމުގެ ހައްގު ލިބޭނެއެވެ. އަދި، ރިކޯލް ވޯޓު ކާމިޔާބު ނުވެއްޖެ ނަމަ އެ މެންބަރެއްގެ މަގާމު ގެއްލޭނެއެވެ.

އެގޮތަށް ހުސްވާ ގޮނޑިތަކަށް އަލަށް މެންބަރުންނާއި ކައުންސިލަރުން އިންތިޚާބުކުރަން ބައި-އިލެކްޝަން ބާއްވަން ޖެހޭނެއެވެ. އެގޮތަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު ގޮނޑި ގެއްލޭ ބޭފުޅުންނަށް ވެސް ލިބިގެންވެއެވެ.

ކުރިން 18 ވަނަ މަޖިލީހުގައި ވެސް އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކުރިއެވެ.

އެކަމަކު، އޭރު އުފެދުނު ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި 2018 ވަނަ އަހަރު ހަމަ އެ މަޖިލީހުން ވަނީ އެ ގާނޫނު އުވައިލަން ފާސްކޮށްފައެވެ. އޭރު ގާނޫނެއް ހަދާފައި އޮތީ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށެވެ.

ފަހުން ނިމުނު ރިޔާސީ އިންތިޚާބަށް ފަހުގައި އެމްޑީޕީގެ 14 މެންބަރަކު އާ ސަރުކާރާ ގުޅުމުން އެމްޑީޕީން ވެސް ވަނީ އެންޓި ޑިފެކްޝަން ގާނޫނެއްގެ މުހިއްމުކަން ފާހަގަކުރަން ފަށައިފައެވެ.



More from Naares