ޕާޓީ ބަދަލުކުރާ ނަމަ މެމްބަރުކަމުން އިސްތިއުފާ ދޭން ޖެހޭ ބިލު ތަސްދީގުކޮށްފި

Tue, 16 Apr 2024 03:06 PM

View on this article on Muraasilu

ޕާޓީ ބަދަލުކުރާ ނަމަ މެމްބަރުކަމުން އިސްތިއުފާ ދޭން ޖެހޭ ބިލު ތަސްދީގުކޮށްފި

މެމްބަރުން އިންތިހާބު ވުމަށް ފަހު، އެ އިންތިހާބުވި ޕާޓީއިން ވަކިވާ ނަމަ މެމްބަރު ކަމުންވެސް އިސްތިއުފާ ދޭން ޖެހޭ ބިލު، އެންޓި ޑިފެކްޝަން ބިލު (ޤާނޫނު ނަންބަރު: 2024/3) ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.



އެމްޑީޕީގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ހުށައެޅުއްވި މި ބިލު ރައްޔިތުންގެ މަޖުލީހުން ފާސްކޮށް ރައީސް ތަސްދީގު ކުރެއްވުމަށް ފޮނުވީ މި މަހުގެ އެއްވަނަ ދުވަހުއެވެ.

އެ ބިލުގައިވަނީ މަޖިލީސް މެންބަރުންނާއި އަތޮޅު ކައުންސިލަރުން އަދި ރަށު ކައުންސިލަރުންނާއި އަންހެނުން ކޮމިޓީގެ މެންބަރުން ވެސް ހިމަނައިފައެވެ. އެހެންވެ، މިހާރު އެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ޕާޓީ ބަދަލުކުރާނަމަ މަގާމުން އިސްތިއުފާ ދޭންޖެހޭނެއެވެ.

މި ގާނޫނުގައިވާގޮތުން ދެ ހާލަތެއްގައި މެންބަރުން މަގާމުން އިސްތިއުފާދޭން ޖެހޭނެއެވެ. އެއީ،

-އިންތިޚާބުވި ޕާޓީން އަމިއްލައަށް ވަކިވުން

-އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ ދަފުތަރުގައި ޖެހުން [ޕާޓީ ބަދަލުކުރުން]

އަދި، ދެ ހާލަތެއްގައި މެންބަރުން މަގާމުގައި ބައިތިއްބަން ފެނޭތޯ ބަލަން ރިކޯލް ވޯޓެއް ނަގަންޖެހޭނެއެވެ. އެއީ،

-އިންތިޚާބުވި ޕާޓީން، އެ މެންބަރަކު ވަކިކުރުން

-އަމިއްލަގޮތުން އިންތިޚާބުވާ މެންބަރަކު ޕާޓީއަކަށް ސޮއިކުރުން

ގާނޫނުގައިވާގޮތުން ކައުންސިލަރުންނާއި އަންހެނުން ކޮމިޓީ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް:

-އިންތިޚާބުވި ޕާޓީން އަމިއްލައަށް ވަކިވުން

-އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ސޮއިކުރުން

-އަމިއްލަގޮތުން އިންތިޚާބުވެފައި ޕާޓީއަކަށް ސޮއިކުރުން

-ރިކޯލް ވޯޓެއް ނަގައި ހާލަތެއްގައި ޕާޓީ ބަދަލުކުރި މެންބަރަކު އެ ވޯޓު ކާމިޔާބުކޮށްފިނަމަ ޕާޓީ ބަދަލުކުރުމުގެ ހައްގު ލިބޭނެއެވެ.

-ރިކޯލް ވޯޓު ކާމިޔާބު ނުވެއްޖެ ނަމަ އެ މެންބަރެއްގެ މަގާމު ގެއްލޭނެއެވެ.

މި ބިލު ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވަނީ، ރައްޔިތުން އިންތިޚާބުކުރާ ބޭފުޅުންނަކީ އެ އިންތިޚާބުކުރި ފިކުރެއްގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުމާއި އާންމުންގެ މެދުގައި އެ ބޭފުޅުންނާ މެދު އިތުބާރާއި ޔަގީންކަން ބޮޑުކުރުމެވެ.



More from Muraasilu