22 އަހަރުގެ ޖަލު ހުކުމް އަންނާނެ ހަތް ދައުވާއެއް ގޭސް މާނުގެ މައްޗަށް ދައުލަތުން އުފުލައިފި

Thu, 25 Apr 2024 03:37 PM

View on this article on Minivan

22 އަހަރުގެ ޖަލު ހުކުމް އަންނާނެ ހަތް ދައުވާއެއް ގޭސް މާނުގެ މައްޗަށް ދައުލަތުން އުފުލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އަބްދުﷲ މައުމޫނު (މާނު)ގެ މައްޗަށް ރިޝްވަތުގެ ހަތް ދައުވާއެއް ޕްރޮސިކިއުޓަ ޖެނެރަލް އޮފޯހުން ކްރިމިނަލް ކޯޓުގައި އުފުލައިފި އެވެ.

މިއިން ކޮންމެ ދައުވާއެއްގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ހަތް ދައުވާއަށް ޖުމުލަ އެއީ، ގާތްގަނޑަކަށް 22 އަހަރާއި ތިން މަހުގެ މުއްދަތެކެވެ.



މާނުއަށް މި ދައުވާތައް އުފުލި އިރު އޭނާ މިހާރު ދިރިއުޅެނީ ތައިލެންޑާއި ދުބާއީ ފަދަ ގައުމުތަކުގައެވެ. އެހެންކަމުން މާނުގެ މައްޗަށް ކުރިމިނަލް ކޯޓުގައި އުފުލި ދައުވާތައް ކުރިއަށް ގެންދިއުމަށްޓަކައި އިންޓަޕޯލް މެދުވެރިކޮށް އޭނާ ރާއްޖެ ގެނައުމުގެ އަމުރަކަށް ވެސް ޕީޖީން ކްރިމިނަލް ކޯޓުގައި ވަނީ އެދިފައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮކޮށް ޕީޖީއަށް ހުށައެޅުމުން މާނުގެ މައްޗަށް ހަތް ދައުވާ އުފުލާފައިވަނީ، މޯލްޑިވްސް ގޭސްއަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް ތްރީ.ޑީ.އެޗް އިންޓަނޭޝަނަލަށް ހަވާލުކުރުމަށް ފަހު އެ ކުންފުނިން އެކި ދުވަސް މަތިން މާނު އާއި އޭނާގެ މަސްލަހަތު އޮންނަ ކުންފުނިތަކުގެ އިތުރުން އާއިލާ މީހުންނަށް ފައިސާ ޖަމާކޮށްފައިވާ ހަތް މުއާމަލާތަކަށެވެ.

ފުރަތަމަ ދައުވާގައި ބުނަނީ ފުރަތަމަ މުއާމަލާތް ހިނގީ އޭޕްރީލް 7، 2016 ގައި ކަމަށެވެ. އެ ދުވަހު އަބްދުﷲ މައުމޫންގެ ބީއެމްއެލް އެކައުންޓަކަށް 29،941.50 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީން ތުހުމަތުކޮށްފައިވެ އެވެ.

ޕީޖީން ބުނާ ގޮތުގައި ދެވަނަ މުއާމަލާތް ހިނގީ ޖޫން 7، 2016 ގަ އެވެ. އަބްދުﷲ މައުމޫންގެ ބޭންކް އޮފް ސިލޯނުގެ އެކައުންޓަކަށް 49،921.50 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށާއި، އޭނާއާ ގުޅުން ހުންނަ މޮން އާކް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ބީއެމްއެލް އެކައުންޓަކަށް 12،201.50 ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.

ދެން ތިންވަނަ ދައުވާކުރި މުއާމަލާތް ހިނގި ކަމަށް ބުނެފައިވަނީ އޮގަސްޓް 1، 2016 ގަ އެވެ. އަބްދުﷲ މައުމޫނާ ގުޅުން އޮންނަ މޮން އާކް ކުންފުނީގެ ބީއެމްއެލް އެކައުންޓަކަށް 49،949.50 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އެ ދައުވާގައި ތުހުމަތުކޮށްފައިވެ އެވެ.

ހަތަރުވަނަ މުއާމަލާތް ހިނގި ކަމަށް ބުނެފައިވަނީ އޭޕްރީލް 9، 2017 ގަ އެވެ. އަބްދުﷲ މައުމޫނާ ގުޅުން ހުރި އެހެން ކުންފުންޏެއް ކަމަށްވާ، އައި ޑިވެލޮޕާސް ޕްރައިވެޓް ލިމިޓެޑް އިސްލާމިކް ބޭންކް އެކައުންޓަކަށް 24،930 ޖަމާކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

ޕީޖީން ބުނާ ފަސްވަނަ މުއާމަލާތަކީ، މެއި 15، 2017، ގައި ހިނގި މުއާމަލާތެކެވެ. އަބްދުﷲ މައުމޫނުގެ އިސްލާމިކް ބޭންކްގެ އެކައުންޓަކަށް 46،555 ޑޮލަރު ޖަމާކުރަން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ހަވަނަ ދައުވާގައި ބުނާ މުއާމަލާތް ހިނގީ އޮގަސްޓް 23، 2017 ގަ އެވެ. އަބްދުﷲ މައުމޫނުގެ އިސްލާމިކް ބޭންކްގެ އެކައުންޓަކަށް 49،955 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

ހަތް ދައުވާގައި ބުނާ މުއަމާލާތް ހިނގީ އޮކްޓޯބަރު 8، 2017 ގަ އެވެ. އަބްދުﷲ މައުމޫނުގެ އެއްބަފާ ބޭބެ އަހުމަދު ހަމީދުގެ ބީއެމްއެލް އެކައުންޓަކަށް 34،950 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

މި މުއާމަލާތްތަކާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އަބްުދުﷲ މައުމޫނާއި އޭނާއާ ގުޅުން ހުރި އެކައުންޓުތަކަށް 298،403.5 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީން ބުނެފައިވެ އެވެ.

The post 22 އަހަރުގެ ޖަލު ހުކުމް އަންނާނެ ހަތް ދައުވާއެއް ގޭސް މާނުގެ މައްޗަށް ދައުލަތުން އުފުލައިފި first appeared on Minivan.



More from Minivan