ތެދުވެރި އަމާނާތްތެރި މެންބަރުންގެ ކަންފަތްމަތީގައި ރައްޔިތުން ޖަހައިފި: ބޮންޑޭ

Tue, 23 Apr 2024 11:42 AM

View on this article on Minivan

ތެދުވެރި އަމާނާތްތެރި މެންބަރުންގެ ކަންފަތްމަތީގައި ރައްޔިތުން ޖަހައިފި: ބޮންޑޭ

އަމާނާތްތެރިކަމާއި ވަފާތެރިކަން ދައްކައި މަޖިލީހުގައި ކުރި މަސައްކަތަށް ބައެއް ދާއިރާތަކުގެ ރައްޔިތުން މެމްބަރުގެ ކަންފަތްމަތީ ޖަހައި ހޮވީ އެހެން ކެންޑިޑޭޓެއްކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.



ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރުން ސުޕަ މެޖޯރިޓީއެއް ކާމިޔާބު ކުރިއިރު، ގިނަ ދުވަސްވީ ނުފޫޒު ގަދަ މެމްބަރުންގެ ދައުރު ވަނީ ނިމުމަކަށް އައިސްފަ އެވެ. އެ ދާއިރާއަށް އެހެން އިތުރު މެމްބަރަކު ނުހޮވޭނެކަމަށް ވެސް ބައެއް މީހުން ދެކުނު ދާއިރާތަކުގެ މައްޗަށް އެހެން ކެންޑިޑޭޓުން ކުރި ހޯދިއިރު އޭގެ ތެރޭގައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ހިމެނެ އެވެ.

އެމްޑީޕީއަށް 12 ގޮނޑި ލިބި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީއަށް އިންތިހާބުގައި އެއްވެސް ދާއިރާއެއް ކާމިޔާބު ނުކުރެވުނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ބަހުސް މަރުހަލާގެ ތެރެއިން ބޮންޑޭ ވިދާޅުވީ ކުރިޔަށް އޮތީ ފާރަވެރި މަޖިލީހެއް އުފައްދައި ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ދުވަސްތަކެއް ކަމަށެވެ. އެކަމަކު އެ މަސައްކަތް ކުރުމުގެ ނިޔަތުގައި މަޖިލީހަށް ވާދަކުރި މެމްބަރުންގެ އެއްވެސް އަގެއް ނެތި އިސް ކުރީ ފައިސާކަމަށް ބޮންޑޭ (ފޮޓޯ) ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރު ނުވާ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް މާމިގިލި ދާއިރާގެ ގޮނޑި ދިފާއު ކުރިކަމަށެވެ. އެހެންކަމުން މީގެއިން އެނގިގެން ދިޔައީ އަމާނާތްތެރިވުމާއި، ހާޒިރީ ރަނގަޅު މެމްބަރުންނަށް ރައްޔިތުން އެއްވެސް ވަރަކަށް ނުބަލާކަންކަމުގައި އޭނާ ވިދާޅުވި އެވެ.ބައެއް ދާއިރާތަކަށް ވަކި މެމްބަރެއް ހޮވީ ކީއްވެގެން ތޯ ވެސް ސުވާލު އުފައްދައި އެހެން ދާއިރާތަކުގެ މެމްބަރުން ޝަކުވާ ކުރަމުންދާއިރު ތިބީ ހަމަ އެއް ހާލަތެއްގައިކަމަށް ބޮންޑޭ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކޮށް ބޮންޑެ ވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާ އެވެ.

The post ތެދުވެރި އަމާނާތްތެރި މެންބަރުންގެ ކަންފަތްމަތީގައި ރައްޔިތުން ޖަހައިފި: ބޮންޑޭ first appeared on Minivan.



More from Minivan