އާދިއްތަ ދުވަހުގެ އިންތިހާބުން ބުނެދޭ ފިލާވަޅުތައް

Tue, 23 Apr 2024 11:31 AM

View on this article on Minivan

އާދިއްތަ ދުވަހުގެ އިންތިހާބުން ބުނެދޭ ފިލާވަޅުތައް

މި ފޮޓޯގަނޑުން ބުނެދެނީ ބައިވަރު ވާހަކައެވެ. ސިޔާސީ ގޮތުން ދިވެހިންގެ ވިސްނުން އެނބުރެމުންދާ ގޮތެވެ. ސިޔާސީ ޕާޓީތަކުގެ ލީޑާޝިޕަށް ގެންނަން ޖެހޭ ބަދަލުތަކެވެ. ސިޔާސީ ވެރިން ރައްޔިތުންނާ ބާއްވަން ޖެހޭ ގާތް ގުޅުމުގެ ވާހަކައެވެ. ރަނގަޅާއި ނުރަނގަޅު ނުފޫޒުގެ ވާހަކަތަކެވެ.



އެމްޑީޕީއަށް ލިބުނު ނާކާމިޔާބީ

ރިޔާސީ އިންތިހާބުގައި ހައިރާން ކުރުވަނިވި ބޮޑު ބައްޔަކުން އެމްޑީޕީ ބަލިވި ސަބަބުތައް ލީޑާޝިޕްގެ ބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިފައި އޮތް އިރުވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެގެން އައިއިރުވެސް އެކަށީގެންވާ ތައްޔާރީތަކެއް ޕާޓީންވެފައެއް ނެތެވެ. ރިޔާސީ އިންތިހާބުން ބަލިވާން މެދުވެރިވި ސަބަބުތަކާ ގުޅިފައިވާ ސިޔާސީ ބާގަނޑުތައް އެމްޑީޕީއަށް ބެއްދިފައެއް ނުވެއެވެ. ކެމްޕޭން ކުރިއެވެ. ލީޑަރުން ރައްރަށަށް ދަތުރުވެސް ކުރިއެވެ. އެހެންނަމަވެސް ވެރިކަމުގައި އޮތް އިރު ޕާޓީގެ ލީޑާޝިޕުން ގްރާސްރޫޓާ ފެއަށް ޖެހިފައިވާ މިންވަރުން، ޕާޓީއަށް ހެޔޮއެދޭ އާންމު މެންބަރުންގެ ހިތްހަމަ ނުޖެހުންތަކަށް އެކަށީގެންވާ ފަރުވާއެއް ޕާޓީއަށް ހޯދައި ދެވިފައެއް ނުވެއެވެ. ދެން އޮތީ ޕާޓީގެ އެންމެ ވަރުގަދަ އެއް ތަނބުކަމުގައިވާ ރައީސް ނަޝީދު ޕާޓީ ދޫކުރައްވައި އާ ސިޔާސީ ޕާޓީއެއް އުފަންކޮށް، ފާޅުކަން ބޮޑު ގޮތެއްގައި އެމްޑީޕީގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ގެންދެވިއިރުވެސް އެކަންކަން ރަނގަޅު ކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައިނެތުމެވެ. ދަ ޑިމޮކްރެޓްސް އުފަންވުމަކީ އެމްޑީޕީ ބޮޑި ޖަހާފައި އަޑިއަށް ދާން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބެވެ. އެކަމަށް އަދިވެސް ފަރުވާއެއް ހޯދިފައި ނުވާއިރު، ޕާޓީއަށް އަނެއްކާވެސް ބޮޑު މާޔޫސްކަމެއް މި ގެނުވީ އާދިއްތަ ދުވަހުގެ އިންތިހާބުންނެވެ.

އެމްޑީޕީން އަންދާޒާކޮށްފައި ވަނީ އެމީހުންނަށް ވިހިސައުވީސް އިންތިހާބުން ފަންސާހަކަށް ގޮނޑީގެ ސާފު އަޣުލަބިއްޔަތު ލިބި ހަމަޖެހުމުގެ ނޭވާއެއް ލެވިދާނެ ކަމަށެވެ. އެހެންނަމަވެސް އެވަރުގެ ހިސާބު ޖެހުމެއް ޖެހިއިރު ރިޔާސީ އިންތިހާބުގައި ޕާޓީން ހެދި ގޯސްތަކުން ހެދިފައިވާ ބާގަނޑުތައް ހާމައަށް ފެންނާން ހުރިއިރު އެބާގަނޑުތައް ބެއްދުމަށްޓަކައި ޕާޓީގެ ލެވަލްގައި އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުނެވެ. ކޮންމެ ލީޑަރަކުވެސް މަސައްކަތްކުރައްވާފައި ވަނީ އެބޭފުޅެއް ޕްރޮމޯޓްވާނެ ފަދަ ގޮތަކަށެވެ. ޕާޓީގެ ޗެއާ ޕާސަން ފައްޔާޒު އިސްމާއީލާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ޕާޓީގެ އެޑްވައިޒަރު އިބްރާހީމް މުހައްމަދު ސޯލިހުގެ ހިތުގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެއްދޭނެ އެތައް މަންޒަރެއް ފާއިތުވި ކެމްޕޭނުން ފެނިގެން ގޮސްފައިވެއެވެ. އެހެންކަމުން އެމްޑީޕީއަށް ހަގީގީ ކާމިޔާބެއް ދެން ވެސް ހޯދެން އޮތީ ލީޑަރުންގެ މާދަމާގެ އެޖެންޑާތައް މިއަދާމެދު ފުރަތަމަ ވިސްނައިގެންނެވެ. މިއަދު ނުލިބި މާދަމާއެއް ނުހޯދޭނެއެވެ.

ދަ ޑިމޮކްރެޓްސް

ދަ ޑިމޮކްރެޓްސްއަކީ ވަރުގަދަ ހެދިގަނެ ކާމިޔާބީތަކެއް ހާސިލްކުރާނެ ސިޔާސީ ގަހަކަށްވާނެ ކަމަށް ކުރިން ބެލެވިފައި އޮތް ނަމަވެސް ޕާޓީގެ ރައީސް ހޮވުމަށް ބޭއްވި އެންމެ ފުރަތަމަ އެތެރޭގެ އިންތިހާބުގައި ޕާޓީގައި އެ ލީރެނދު އަދިވެސް ފިލާނުދެއެވެ. ޕާޓީއާ ގުޅުނު ޒުވާނުންގެ އުންމީދުތައް ފަނޑުވެގެން ދިޔައެވެ. ރައީސް ނަޝީދާއި އެމަނިކުފާނަށް ތާޢީދުކުރައްވާ ބޭފުޅުން އިސްވެތިއްބަވައި އުފެއްދި ދަ ޑިމޮކްރެޓްސްއަށް އާދިއްތަ ދުވަހުގެ އިންތިހާބުގައި އެންމެ ގޮނޑިއެއްވެސް ކާމިޔާބު ނުކުރެވުމުން ދޭހަވަނީ އެންމެ އެއްޗެކެވެ. އެހުރިހާ ބޭފުޅުންގެ ކާމިޔާބީގެ އަސްލަކީ އެމްޑީޕީއާއި އެޕާޓީގެ ގްރާސްރޫޓު ކަމެވެ. ދަ ޑިމޮކްރެޓްސްގެ ފަރާތުން އިންތިހާބުގައި ވާދަކުރި ސިޔާސީ މަޝްހޫރު ނަންތައް ފޭލްވެގެން ދިޔައީ އެމްޑީޕީ ރޫޅާލަން ޑިމޮކްރެޓްސްއިން ކުރި މަސައްކަތާ ނުރުހުފައިވާ އެޕާޓީގެ ގްރާސްރޫޓުގެ ވޯޓު ޑިމޮކްރެޓްސްގެ ކެންޑިޑޭޓުންނަށް ނުލިބުމުންނެވެ. މި ނާކާމިޔާބީއިން ފާހަގަވި އަނެއް ކަމަކީ ރާއްޖޭގެ ސިޔާސީ ގްރާސްރޫޓް ގުޅިފައިވަނީ ވަކި ސިޔާސީ ބޭފަކާ ނޫންކަމާއި ސިޔާސީ ފިކުރަކާ ކަމެވެ. ރައީސް ނަޝީދަކީ އެމްޑީޕީގެ ބައްޕަގެ ގޮތުގައި ދެކުމުން އައި އެތައް ބަޔަކު އެމަނިކުފާނު ދޫކޮށްލީ އެމްޑީޕީ ދޫކުރައްވައި އަމިއްލަ މަސްލަހަތު އިސްކުރައްވައި ދަ ޑިމޮކްރެޓްސް އުފެއްދުމުގެ އިތުރުން އެމްޑީޕީއަށް ދެރަދޭން ފާޅުގައި ކުރެއްވި މަސައްކަތާ ނުރުހޭތީއެވެ. މިއީ ރައީސް ނަޝީދަށް ވެސް ލިބުނު އިބުރަތެކެވެ. ފިލާވަޅެކެވެ.

ރައީސް ޔާމީން

ވިހިސައުވީސް އިންތިހާބަށް ރައީސް ޔާމީނަށް ތާޢީދުކުރާ ބައެއް ކެންޑިޑޭޓުން އެމަނިކުފާނުގެ ފޮޓޯގަނޑު ޖަހައިގެން ކެމްޕޭނަށް ނުކުތް ނަމަވެސް، އެއިން އެއްވެސް ކެންޑިޑޭޓަކަށް ގޮނޑިއެއް ކަށަވަރެއް ނުކުރެވުނެވެ. ރައީސް ޔާމީން މިވަގުތު ހުންނެވީ ޖަލު ހުކުމުން މިނިވަންވެ ސިޔާސީ ހަރަކާތްތަކުގައި މިނިވަންކަމާއެކު އުޅެވޭނެ ގޮތް ވެފައެވެ. އެމަނިކުފާނު ވިދާޅުވި މަލަންގަނޑު އަނގަމަތިން އެވަނީ ނެއްޓިފައެވެ. އެހެންނަމަވެސް ހަގީގަތަކީ ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ ގްރާސްރޫޓު ވެސް ބަލައިގަތީ ސިޔާސީ ފިކުރެއް ކަމާއި ވަކި ލީޑަރެއް ނޫންކަމެވެ. އެފިކުރުގެ އިސްލީޑަރަކަށް މިވަގުތު ހުންނެވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ރިޔާސީ އިންތިހާބުގައާއި މަޖިލިސް އިންތިހާބުގައި ތާރީޚީ ކާމިޔާބީއެއް އެހޯއްދެވުނީ މިދެންނެވި ސަބަބުތަކުގެ އެހީގައެވެ.

ޕީއެންސީ

ވެރިކަންކުރާ ޕީއެންސީގެ ލީޑާޝިޕުން ފުރަތަމަ އަންދާޒާކޮށްފައި ވަނީ އެމީހުންނަށް ކާމިޔާބު ކުރެވޭނީ ސާޅީހަކަށް ގޮނޑި ކަމަށެވެ. އެހެންނަމަވެސް ޕާޓީގެ އެންމެ އިސްލީޑަރެކޭ އެއްފަދައިން މުޅި ގްރާސްރޫޓު އެއްރޫހެއްގައި އެއް އަޒުމެއްގައި މެދުނުކެނޑި ކުރި ވަރުގަދަ ކެމްޕޭނުގެ ނަތީޖާއަކީ މަޖިލީހުގެ ސްޕަ މެޖޯރިޓީ ނެގުމެވެ. އެކިަން ހާސިލްވުމުގައި ޕާޓީ ވެރިކަމުގައި އޮތުމާއި ވެރިކަމުގައި ތިބޭ ބަޔަކަށް ބޭނުންކުރެވޭނެ އަދި އެމްޑީޕީން ރިޔާސީ އިންތިހާބައިވެސް ފިތި ހުރިހާ ފިތަކަށް ޕީއެންސީ އިންވެސް މިފަހަރު ފިތިއެވެ. އެނުފޫޒުތައް ބޭނުންކުރިއެވެ. އެއީ ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅިފައިވާ ސަގާފަތެއް ކަހަލަ ކަމެކެވެ.

މަޖިލީހުގެ ސްޕަމެޖޯރިޓީއާއެކު ޕީއެންސީއަށް ހަމަޖެހުމުގެ ނޭވާއެއް ލެވިއްޖެއެވެ. ވެރިކަމުގެ ބާރާއި ގާނުހަދާ ބާރުވެރިކަން ލިބިފައި އޮތުމުން ޕީއެންސީގެ ސިޔާސީ އެޖެންޑާ ޑރ. މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް ފުއްދާ ނިންމުމަށް މިހާރަކު އެއްވެސް ހުރަހެއް ނެތެވެ.

އަދާލަތު ޕާޓީ

އަދާލަތު ޕާޓީ އަކީ ސިޔާސީ ފުލޮޕެކެވެ. އެފިލްމް ބަލާނެ މާގިނަ ބަޔަކު މިހާރަކު ނެތެވެ. ޕާޓީން ކުރިމަތިލި އެއްވެސް ކެންޑިޑޭޓުންވެސް މިފަހަރު ފޭލްވީއެވެ. އެހެންކަމުން އަދާލަތު ޕާޓީގެ ކުރިމަގާމެދު ވެސް މިހާރު މިވަނީ ސުވާލު އުފެދިފައެވެ.

ޖުމްހޫރީ ޕާޓީ އާއި ސަން ޓްރެވެލް ސިޔާމް ޕާޓީ، މޯލްޑިވްސް ނޭޝަނަލް ޕާޓީ

ޖުމްހޫރީ ޕާޓީން ކަށަވަރުވީ ގާސިމް އިބްރާހީމްގެ ގޮނޑި އެކަންޏެވެ. އެއީ އެމަނިކުފާނުގެ އުފަން ރަށުގެ ދާއިރާއިންނެވެ. ސިޔާމްގެ ޕާޓީއަށް ސިޔާމްގެ ގޮނޑިވެސް ހިމެނޭ ގޮތުން ލިބުނީ ދެގޮނޑިއެވެ. ކާނަލް ނާޒިމްގެ މޯލްޑިވްސް ނެޝަނަލް ޕާޓީއަށް ލިބުނީ ޕާޓީގެ ލީޑަރު ނާޒިމްގެ ގޮނޑި އެކަންޏެވެ. އެހެންކަމުން މި ތިންބޭފުޅުންގެ ވެސް ސިޔާސީ ބުރަދަން މިހާރު ގުޅިފައި ވަނީ ހަމައެކަނި އެބޭފުޅުންގެ މުއްސަނދިކަމާ އެކަންޏެވެ. ރަނގަޅު ގްރާސްރޫޓެއް ނެތެވެ.

The post އާދިއްތަ ދުވަހުގެ އިންތިހާބުން ބުނެދޭ ފިލާވަޅުތައް first appeared on Minivan.



More from Minivan