އެމްޑީޕީން ބުނަނީ ރައީސް މުޢިއްޒު އަތުގައި އޮތީ ދޮގު ދޮލަނގެއް ކަމަށް، މުޢިއްޒު ވިދާޅުވީ އަދަދުން ހިސާބުކުރުމަށް

Sat, 20 Apr 2024 03:07 PM

View on this article on Minivan

އެމްޑީޕީން ބުނަނީ ރައީސް މުޢިއްޒު އަތުގައި އޮތީ ދޮގު ދޮލަނގެއް ކަމަށް، މުޢިއްޒު ވިދާޅުވީ އަދަދުން ހިސާބުކުރުމަށް

ރައްޔިތުންގެ މަޖިލީހުގެ އާ ދައުރަކަށް މެމްބަރުން އިންތިހާބު ކުރުމުގެ ވަގުތު ކުޑަތަންވަމުން ދާއިރު ކެމްޕެއިން ފޯރި ވަނީ ގަދަވެފަ އެވެ. ދެން އޮތީ ފަހު ތަޅާލުން ގަނޑެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ކެނޑިޑޭޓުންވެސް ދަނީ ކެމްޕެއިން ކުރަމުންނެވެ. އެން ފޯރީގައި ކެމްޕެއިން ކުރަމުން ދަނީ އެންމެ ބޮޑު ދެ ޕާޓީންނެވެ. އެއީ ސަރުކާރުން ހިންގާ މައި ޕާޓީ، ކޮންގްރެސް ޕާޓީ ނުވަތަ ޕީއެންސީ އާއި އިދިކޮޅު މައި ޕާޓީ އެމްޑީޕީ އެވެ.



އެމްޑީޕީން ބުނާ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމު ހިންގަވަމުން ގެންދަވަނީ ވަރަށް ހުދުމުހުތާރުކޮށެވެ. ހުދުމުހުތާރުކޮށް ސަރުކާރެއް ހިންގަން ބޭނުންވާ ހުރިހާ ސިފައެއް މިސަރުކާރުގައި މިހާރުވެސް އަށަގަންނަމުން ދާކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ގައުމުގެ މިސްރާބު ކައްސައިލާނެކަމަށް އެމްޑީޕީން ދަނީ ބުނަމުންނެވެ. ގައުމުގެ އިޤްތިޞާދު ދަށަށް ގޮސް ތަރައްގިގެ މަޝްރޫއުތައް ނުހިނގާކަމަށާއި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ވިއްކަން މަސައްކަތް ކުރަނީ ދޮގު ދޮލަނގެއްކަމަށް އެމްޑީޕީން ސިފަކުރެ އެވެ.

އެމްޑީޕީގެ ތުހުމަތު ތަކަށް ރައީސް ޑރ. މުޢިއްޒު ރައްދު ދެއްވީ ނަމްބަރުތަކުންނެވެ. އަދި އެމަނިކުފާނުގެ 93 މެންބަރުން ހޮވައިދޭންވީ ފާއިތުވި ކުރު މުއްދަތުގައި ނަތީޖާ ނެރެެދީފައިވާނެތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރު ބަދަލުވިއިރު މަސައްކަތް ކުރުވާފައި ނުވަ ހާސް މިލިއަން ރުފިޔާ އެކި ކުންފުނިތަކަށް ނުދީ ހުރި. މިފައިސާ މިހާރު ދަނީ ދެމުން.

ފެނާއި ނަރުދަމާގެ 27 މަޝްރޫއެއް ކުރީ ސަރުކާރުން ހުއްޓާލާފައި އޮތް. އެމަޝްރޫއުތަކާއިއެކު ފެނާއި ނަރުދަމާގެ 74 މަޝްރޫއެއް މިހާރު އެބަ ހިނގާ.

ބަނދަރު ހެދުމާއި ބިން ހިއްކުމާއި އެއްގަމުގައި ތޮށި ލުމުގެ 30 މަޝްރޫއު ހުއްޓިފައި އޮތް. 90 މަސައްކަތް މިހާރު އެބަ ހިނގާ.

އެއާޕޯޓު ހެދުމުގެ މަޝްރޫއުތައް 07 ރަށެއްގަ ހުއްޓިފަ. މިހާރު އެހުރިހާ މަޝްރޫއެއް ވަނީ ފެށިފަ.

މަގު ހެދުމުގެ މަޝްެރޫއުތައް 17 ރަށެއްގަ އޮތީ ހުއްޓިފަ. 26 ރަށެއްގަ މިހާރު އެބަ ހިނގާ.

ދަނޑުތަކާއި ކޯޓުތައް ތަރައްގީކުރުމުގެ 84 މަޝްރޫއު އޮތީ ހުއްޓިފަ. އޭގެ ތެރެއިން 71 މަޝްރޫއެއް މިސަރުކާރުން ފެށި. ބައެއް މަޝްރޫއު ނިމި މިހާރު ކުރިއަށްދަނީ 48 މަޝްރޫއުއެއް.

މިސްކިތްތައް ތަރައްގީ ކުރުމާއި މަރާމާތު ކުރުމުގެ 20 މަޝްރޫއެއް ސަރުކާރު ބަދަލުވިއިރު އޮތީ ހުއްޓިފަ. 42 މަޝްރޫއު މިހާރު އެބަ ހިނގާ.

ތައުލީމީ ދާއިރާގަ 90 މަޝްރޫއު އޮތީ ހުއްޓިފަ. 217 މަޝްރޫއު މިހާރު އެބަ ހިނގާ.

ގެދޮރުވެރިކަމުގެ މަޝްރޫއުތައް 11 ރަށެއްގަ އެބަ ހިނގާ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މުޅި ޖުމްލަ މިސަރުކާރުން 527 މަޝްރޫއުއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު އެބަ ހިނގަ އެވެ. މަޝްރޫއުތަކުގެ އިތުރުންވެސް ފައިސާގެ ބައެއް އަދަދުތަކުގެ ތަފްސީލުވެސް ރައީސް ދެއްވި އެވެ. އެގޮތުން؛

ރައީސް ޞާލިހުގެ ވެރިކަމުގެ ކުރިން 40 އަހަރަށް ޗާޕު ކުރީ 6 ބިލިއަން ރުފިޔާ. އެހެންނަމަވެސް 8 ބިލިއަން މިދިޔަ ފަސް އަހަރު ޗާޕް ކުރި.

ރައީސް ޞާލިހުގެ ވެރިކަމުގައި މިދިޔަ އަހަރުގެ މިމުއްދަތުގައި ދައުލަތް އޮތީ 1.6 ބިލިއަން ރުފިޔާގެ ދަރަނީގައި. މިއަހަރުގެ މި މުއްދަތުގައި ދައުލަތް އޮތީ 134 މިލިއަން ރުފިޔާގެ އަރަނީގައި.

ރައީސް ޞާލިހުގެ ވެރިކަން ނިމުނުއިރު ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ހުރީ 2 މިލިއަން ޑޮލަރު. މިހާރު 35 މިލިއަން ޑޮލަރު ހުންނާނެ. އަދި މިއަހަރު ނިމޭއިރު 100 މިލިއަން ޑޮލަރު ހަމަވާނެ.

ކުރީ ސަރުކާރުން 2 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިގެން މަޝްރޫއުތަކަށް ހަރަދު ކުރީ 900 މިލިއަން ރުފިޔާ. މިސަރުކާރުން ފައިސާ ޗާޕު ނުކޮށް ލޯނު ނުނަގާ 1.2 ބިލިއަން ރުފިޔާގެ މަޝްރޫއު ދަނީ ހިންގަމުން.

ރައީސް ވިދާޅުވި ގޮތުގައި ތަރައްގީގެ މަޝްރޫއުތައް މިގޮތުގައި ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެންނެވެ. އަދި ހާއްސަކޮށް ބަޖެޓު ކަނޑައަޅައި އެ ފާސްކުރުމަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާކަމަށް ރައީސް ވިދާޅުވި އެވެ.

 

 

The post އެމްޑީޕީން ބުނަނީ ރައީސް މުޢިއްޒު އަތުގައި އޮތީ ދޮގު ދޮލަނގެއް ކަމަށް، މުޢިއްޒު ވިދާޅުވީ އަދަދުން ހިސާބުކުރުމަށް first appeared on Minivan.



More from Minivan