ގާސިމްގެ ރިޔާސީ ޓިކެޓް ހަވާލުކުރުން މާދަމާރޭ

Thu, 08 Jun 2023 07:57 PM

View on this article on Minivan

ގާސިމްގެ ރިޔާސީ ޓިކެޓް ހަވާލުކުރުން މާދަމާރޭ



ޖުމުްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއަށް ރަސްމީ ގޮތުން އެޕާޓީގެ ރިޔާސީ ޓިކެޓު އެރުވުން މާދަމާރޭ ބާއްވަން އެޕާޓީން ނިންމައިފިއެވެ.

އެ ޖަލްސާއަށް ވަމުން އަންނަ ތައްޔާރީތަކާ ބެހޭ ގޮތުން އެ ޕާޓީގެ މައި ޖަގަހަ، އަދި އޮފީސް މ. ކުނޫޒުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް އެއްގައި އެޕާޓީގެ އިސް ބޭފުޅުން ވިދާޅުވީ، މާދަމާރޭ އޮންނަ ރަސްމިއްޔާތަކީ މީގެ ކުރިން ދުވަހަކު ވެސް އެޕާޓީއިން ބާއްވާފައި ނުވާ ވަރުގެ ރަސްމިއްޔާތަކަށް ވާނެކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީ އަދި ދެކުނު ކެމްޕެއިން މެނޭޖަރު އިލްހާމް އަހުމަދު ވިދާޅުވީ މާދަމާ ބާއްވާ ޖަލްސާ ވެގެންދާނީ ޖޭޕީގެ ހަޔާތުގައި ބާއްވާ އެންމެ ޝަރަފުވެރި، އެންމެ ރީތި، އެންމެ ހިތްގައިމު އިވެންޓަށް ކަމަށެވެ. އަދި އެ ޖަލްސާ އިންތިޒާމު ކޮށްފައިވަނީ މިޒަމާނުގެ ޒުވާނުންނަށް ވެސް އެންމެ އެކަށީގެންވާ ގޮތަށް ކަމަށެވެ.

އެ ޖަލްސާ އޮންނަނީ މާދަމަރޭ 8:30 ގައި އަލިމަސް ކާނިވަލުގައެވެ. އެ ޖަލްސާގައި، ގާތްގަނޑަކަށް 4000 ވަރަކަށް މީހުން ބައިވެރިވާނެ ކަމަށް ބެލެވޭ ކަމަށް ގާސިމް އިބްރާހީމްގެ އެޑްވައިޒަރު އަދި މި އިވެންޓުގެ މެނޭޖަރު ރިޔާޒް ރަޝީދު ވިދާޅުވި އެވެ.

ޖޭޕީއިން މިއަދު ބުނީ، އެ ޖަލްސާއަށް އެއްވެސް ރަަށަކުން އާންމު މެންބަރުން ނުގެންނާނެ ކަމަށެވެ. ނަމަ ވެސް ބައެއް ކައުންސިލް މެންބަރުންނާއި ބައެއް ރަށްރަށުން އަމިއްލަ ގޮތުން އަންނަ މެންބަރުން ތިބެދާނެ ކަަމަށް ވެސް ޖޭޕީއިން ބުންޏެވެ.

މީގެ އިތުރުން މާދަމާ ރޭގެ ޖަލްސާގެ އެންމެ ހާއްސަކަމަކީ، ގާސިމްގެ މެނިފެސްޓޯގެ ބައެއްކަންކަން ހިއްސާ ކުރެއްވުން ކަމުގައި ވެސް އެޕާޓީން ބުންޏެވެ.

 


More from Minivan