ގެއްލުނު ދޯނި ސިފައިން ހޯދައިފި، ތިން މީހުންގެ ހާލު ވެސް ރަނގަޅު

Sat, 20 Apr 2024 05:21 PM

View on this article on Mihaaru

ގެއްލުނު ދޯނި ސިފައިން ހޯދައިފި، ތިން މީހުންގެ ހާލު ވެސް ރަނގަޅު

ތިން މީހުންނާ އެކު ފަރު މަހަށް ގޮސް އުޅެނިކޮށް ގެއްލުނު ދޯނި މ. ރަތްމަންދޫ ބޭރުން ދިވެހި ސިފައިންގެ އެހީތެރިކަމާ އެކު ހޯދާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ، އެ ދޯނީގައި ތިބި މީހުންގެ ހާލު ރަނގަޅު ކަމަށެވެ.

ސިފައިން ބުނީ، "ފަރިހި 2" ނަމަކަށް ކިޔާ އެ ދޯނި ހޯދީ އެމްއެންޑީއެފް އެއާކޯގެ އަސްކަރީ ޔޫއޭވީ (ޑްރޯން) އާއި ކޯސްޓްގާޑުގެ އުޅަނދުފަހަރުތައް ބޭނުންކޮށްގެން ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން ކުރަމުން އައި މަސައްކަތުން ކަމަށެވެ.

"މި ދޯނި ފެނިފައި ވަނީ މ. ރަތްމަންދޫގެ 23 ނޯޓިކަލް މޭލު ބޭރުން އިންޖީން ހުއްޓިފަައިވަނިކޮށް. ދޯނީގައި ތިބި ތިން މީހުންގެ ހާލު ރަނގަޅު،" އެމްއެންޑީއެފުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވެ އެވެ.

މިއީ ރާއްޖޭގައި އަސްކަރީ ޑްރޯން ބޭނުންކުރަން މިދިޔަ މަހު ފެށި ފަހުން އެމްއެންޑީއެފުން އެ ޑްރޯންގެ އެހީގައި ހިންގި ފުރަތަމަ ރެސްކިއު އޮޕަރޭޝަނެވެ.

މ. މަޑުއްވަރީން "ފަރިހި 2" ޑައިވިން ދޯނީގައި މަހަށް ނުކުމެ އުޅުނު ތިން މީހެއްގެ ޚަބަރެއް ނުވެގެން ރޭ 11:30 ހާއިރުން ފެށިގެން އެ އުޅަނދު ހޯދަން މަސައްކަތް ފެށި އެވެ. އެ ސަރަހައްދަށް އަސްކަރީ ޑްރޯން އުދުއްސާލީ ރޭގެ ވަގުތެއްގަ އެވެ.

ގެއްލިގެން ހޯދާ ދޯނިގައި ތިބީ ކ. މާފުށިން މަޑުއްވަރީއަށް ދިޔަ ބައެކެވެ. އެ މީހުން މަހަށް ދިޔައީ މަޑުއްވަރީގެ ދޯންޏެއްގަ އެވެ.

ގެއްލުނު ދޯނި ހޯދުމަށް 440 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ކަނޑާއި ވައިގެ މަގުން ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދުގެ މެންދުރު ބުނެފައި ވެ އެވެ.





More from Mihaaru