ފ. މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ސަރުކާރުން ހުއްޓާލުމާ ގުޅޭ

Mon, 01 Apr 2024 04:38 PM

View on this article on MDP

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ތަރައްޤީކުރަން ފަށާ އަހަރު ދުވަސްތެރޭގައި މަސައްކަތުގެ ބޮޑުބައި ނިންމާލެވިފައިވާ ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް މި ސަރުކާރުން ސިޔާސީ ބޭނުމަށް ރައީސް ޑރ. މުއިއްޒުގެ ކޮއްކޯފުޅު ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބުކުރުމަށްޓަކައި އެއްކޮށް ހުއްޓާލާފައިވާތީ އެކަމާ ނުހަނު ކަންބޮޑުވެ, އެކަން ކުށްވެރިކުރަމެވެ.



ދައުލަތުގެ ވަޞީލަތްތައް އެއްވެސް ރޭވުންތެރިކަމެއްނެތި ބޭނުންކުރުމަށް, ތަރައްގީއަށް ހުރަސްއެޅޭގޮތަށް ބަދަލުކުރަމުން ދިއުމަކީ މިޕާޓީއިން ނުހަނު ކަންބޮޑުވާކަމަކަށް ވީހިނަދު މިޕާޓީން މިއަދުގެ ސަރުކާރަށް މިފަދަ ކަންކަން ނުކުރުމަށް ގޮވާލަމެވެ. އަދި މިކަމުން ދައުލަތުގެ މާލިއްޔަތަށާއި ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ވަރަށް ބޮޑަށް ގެއްލޭނެފަދަ ކަމެއްކަން ފާހަގަކުރަމެވެ. ފ. މަގޫދޫގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އެއަރޕޯޓުގެ މަސައްކަތުގެ %70 ވަނީ ނިންމާފައެވެ. މި އެއާޕޯޓްގެ ފަޔާރ ބިލްޑިންގެ މަސައްކަތް ނިމި ޕެސެންޖަރު ޓާމިލަން ސްޓްރަކްޗާގެ މަސައްކަތް ވެސް ނިމިފައިވާއިރު، ފިނިޝިންގެ މަސައްކަތްވެސް ވާނީ 15 ނޮވެމްބަރ 2023 ހަމަޔަށް ފަށައިފައެވެ.

ފ. މަގޫދޫ އެއަރޕޯޓު މަސައްކަތް ކެންސަލްކޮށް ފ.ނިލަންދޫގައި އެއާރޕޯޓެއް އެޅުމަށް ނިންމާ އަވަސްއަރުވާލައިގެން އީއައިއޭ މަރުހަލާ ފުރިހަމަނުކޮށް ފަށައިގަތީ ރައީސް ޑރ. މުއިއްޒުގެ ކޮއްކޯފުޅު އަދި ޕީއެންސީގެ ކެނޑިޑޭޓު ފާތުމަތު ސައުދާއަށް އިންތިޚާބު ކާމިޔަބުކޮށްދިނުމަށް ކަމަށް މިޕާޓީއިން ދެކެމެވެ. އަދި މިއީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށް, ފާފުއަތޮޅާއި ރާއްޖޭގެ ތަރައްގީއަށް ކަނޑައެޅިގެން ގެއްލުންވާގޮތަށް ދައުލަތުގެ ހަޒާނާއިން އިސްރާފުކުރުންކަން ފާހަގަކޮށް އެކަން ހަރުއަޑުން ކުށްވެރިކުރަމެވެ. މިފަދަ ކަންކަމަކީ ދިވެހި ދައުލަތް ހިންގުމުގެ ތެރެއިން މިދިޔ 5 އަހަރު ފޮހެލެވިފައިވާ ކަންކަން އަލުން އިއާދަވުންކަން ހިތާމައާއެކު ފާހަގެކުރަމެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ހުރިހާ އުސޫލުތަކާ ހިލާފަށް މަޝްރޫއުތައް ސިޔާސީ ބޭނުމަކަށް ބަދަލުކުރުން ވަގުތުން ހުއްޓާލުމަށާއި ފ. މަގޫދޫގެ އެއާޕޯޓު މަސައްކަތް ވަގުތުން ވަގުތަށް ފެށުމަށް ސަރުކާރަށް ގޮވާލަމެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ 20ވަނަ ދައުރުގައި މިފަދަ ތަރައްޤީގެ މަޝްރޫއުތައް މިގޮތަށް ބަދަލުކުރުމާ ހުއްޓާލުން ޤާނޫނީ ގޮތުން މެދު ނުކެނޑި ކުރިއަށް ގެންދެވޭނެ ޤާނޫނީ ހައްލެއް މިޕާޓީއިން ހޯދައިދޭނެކަމުގެ ޔަޤީންކަން ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަރުވަމެވެ.

01 އޭޕްރިލަ 2024



More from MDP