ރައްޔިތުން އެދޭ ތަރައްގީ ގެނައުމުގައި ދެން ސްޕީޑް އަވަސް ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރަށް ސުޕަ މެޖޯރިޓީ ލިބުމުގެ އުފަލުގައި މިރޭ ހެދިގޮނޑުދޮށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ރައްޔިތުން މި ސަރުކާރަށް އިތުބާރުކޮށް، މަޖިލީހުގެ ސުޕަ މެޖޯރިޓީ ހަވާލު ކުރުމުން، ރައްޔިތުން އެދޭ ތަރައްގީ ގެނައުމުގައި ދެން ސްޕީޑް އަވަސް ވާނެ ކަމަށެވެ. ގައުމު ތަރައްގީވާން ފެށޭނީ ދެން ކަމަށް ރައީސް ވިދާޅުވިއެވެ.
ވަޅުޖެހިފައިވާ ދިވެހި މަސްވެރިކަމުގެ ސިނާއަތް ނަގާ ކޮޅަށް ޖެހުމަށްޓަކައި މި ސަރުކާރުގެ މެނިފެސްޓޯގައި ވަނީ ގިނަ ކަންތައްތަކެއް ހިމަނާފައެވެ. އޭގެ ތެރެއިން ބައެއް ކަންކަން، މި ވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައިވެސް ވަނީ ފަށާފައެވެ.
އެގޮތުން އެންމެ ފަހުން ސަރުކާރުން ނިންމާފައި ވަނީ، ދިވެހިރާއްޖޭގެ މަސްވެރިން ބާނާ ކަޅުބިލަމަހުގެ މިންވަރު އިތުރުކުރުމަށާއި މަސް ރައްކާކުރާ މިންވަރު އިތުރުކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުގައި މަސް ގަންނަ ފެސިލިޓީއާއި މަސް މަސް ރައްކާ ކުރެވޭ ކޯލްޑް ސްޓޯރޭޖްތައް ގާއިމު ކުރުމަށެވެ. އެ މަޝްރޫއު ނިމުމުން 23،500 ޓަނުގެ ރޯމަސް ރައްކާ ކުރެވޭނެ ގޮތް ފަހިވެގެން ދާނެއެވެ.
އެގޮތުން ބަލާއިރު، ގދ. ތިނަދޫގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖްއަކާއި ޅ. ފެލިވަަރުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް މިހާރު ކުރިއަށް އެބަ ދެއެވެ.
ހއ. އިހަވަންދޫގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް އަދި ދ. އަތޮޅުގައި 1500 ޓަނުގެ ސްޓޯރޭޖްގެ އިތުރުން ގދ. ފިޔޯރީގައި 1000 ޓަނު ސްޓޯރޭޖް ގާއިމު ކުރުމަށް ވަނީ ރޭވިފައެވެ.
ހަމައެޔާއެކު މ. މުލަކުގައި 500 ޓަނު އަދި ގއ. ކޫއްޑޫ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ގާއިމު ކުރުމަށް ވަނީ ޓެންޑަރ ކުރެވިފައެވެ.
އެހެންކަމުން މި މަޝްރޫއު ނިމިގެން ދާއިރު ރާއްޖޭގެ ހަތް ސަރަހައްދެއްގައި މަސް ރައްކާ ކުރެވޭ ފެސިލިޓީތައް ގާއިމު ވެގެން ދާނެއެވެ.
މަސްވެރިންގެ އުންމީދަކީ މި ސަރުކާރުން މަސްވެރިންނަށް ވީ ވައުދާ އެއްގޮތަށް، މި ސިނާއަތަކީ ގަދަރުވެރި، ދެމެހެއްޓެނިވި ސިނާއަތެއްގެ ގޮތުގައި އޮންނާނެ ފަދައިން ކަންކަން ކޮށްދިނުމެވެ.