އޮސްޓްރޭލިއާގެ ބީޗަކަށް ލެއްގި ބޮޑު ސަންފިޝްއަކަށް ގިނަ ބައެއްގެ ސަމާލުކަން

Thu, 02 May 2024 07:19 PM

View on this article on Masverin

އޮސްޓްރޭލިއާގެ ބީޗަކަށް ލެއްގި ބޮޑު ސަންފިޝްއަކަށް ގިނަ ބައެއްގެ ސަމާލުކަން

ކަނޑުގެ ވަރަށް ފުނުގައި އުޅޭ މަހެއްކަމުގައިވާ ޖަޔަންޓު ސަންފިޝްއެއް މަރުވެގެން ދެކުނު އޮސްޓްރޭލިއާގެ ބީޗަކަށް ލައްގައިފިއެވެ.



ސައިޒުގެ ގޮތުން ވަރަށް ބޮޑު މިމަސް މަރުވެގެން ލައްގާފައިވާއިރު، އޭތި މިހާރު ވަނީ ކުނިވާންވެސް ފަށާފައެވެ. މިއާ އެކު އެ ސަރަހައްދަށް ވަނީ ކުނިވަސް ފެތުރިފައެވެ.

ސަންފިޝްގެވެސް އެކި ބާވަތްތައް ހުންނަ އިރު، މަރުވެގެން ލައްގާފައިވަނީ ޖަޔަންޓު ސަންފިޝްއެއް ކަމަށް ދެކުނު އޮސްޓްރޭލިއާގެ މިއުޒިއަމްއިން ހާމަކުރެއެވެ.

ސަންފިޝްއަކީ އާއްމުކޮށް ފެންނަ ބާވަތުގެ މަހަކަށް ނުވުމުން މި މަސް ބަލާލުމަށް ގިނަ އަދަދެއްގެ ބަޔަކު ބީޗަށް ދަނީ އަންނަމުންނެވެ.

މި ސަންފިޝްގެ ބޮޑުމިނުގައި 2 ނޫނީ 3 މީޓަރު ހުންނާނެ ކަމަށް ލަފާކުރެއެވެ. މިއީ ދެކުނު އޮސްޓްރޭލިއާގެ ބީޗަކަށް ސަންފިޝްއެއް ލެއްގި ފުރަތަމަ ފަހަރެއް ނޫނެވެ.

އެގޮތުން 2019ވަނަ އަހަރުވެސް ސަންފިޝްއެއް އެ ސަރަހައްދަށް ލައްގާފައިވެއެވެ.

ސަންފިޝްއަށް އެނަން ދެވިފައިވަނީ ކަނޑުގެ ލޮނުގަނޑުގެ މައްޗަށް އައުމާއި އެކު އޭތި އިރާ ދިމާއަށް އެބުރިގެން ތިބޭތީއެވެ. އަދި މިގޮތަށް ތިބުމަށްފަހު، އޭގެ ގަޔަށް އެދެވޭ މިންވަރަކަށް ހޫނުވުމުން އަނބުރާ ކަނޑުގެ އަޑިއަށް ދެއެވެ.

 



More from Masverin