ޝެއިޚް ހަސީނާ ހައްޔަރުކުރުމަށް ކޯޓު އަމުރު ނެރެފި

Thu, 17 Oct 2024 10:23 PM

View on this article on Khabaru Online

ޝެއިޚް ހަސީނާ ހައްޔަރުކުރުމަށް ކޯޓު އަމުރު ނެރެފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ހައްޔަރުކުރުމަށް ބަންގްލަދޭޝްގެ ކޯޓަކުން އަމުރެއް ނެރެފިއެވެ. 20 އަހަރަށްވުރެ ގިނަ ދުވަހު ވެރިކަން ކުރެއްވި ހަސީނާ ވަނީ މިދިޔަ އޮގަސްޓް މަހު، ގިނަ ބަޔަކު މުޒާހަރާކުރަން ފެށުމާ ގުޅިގެން އިންޑިއާއަށް ވަޑައިގެންފައެވެ.



ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރިމިނަލް ޓްރައިބިއުނަލްއިން ހަސީނާ ހޯދަން ފަށާފައިވަނީ، އޭނާގެ ވެރިކަމުގައި ހިނގި މުޒާހަރާތަކުގައި އިންސާނިއްޔަތާ ދެކޮޅަށް ހިންގި ޖަރީމާތަކުގައި ބައިވެރިވި ކަމުގެ ތުހުމަތުގައެވެ. ކޯޓުން އަމުރުކޮށްފައިވަނީ ހަސީނާ ހައްޔަރުކޮށް ނޮވެމްބަރު 18 ގައި ކޯޓަށް ހާޒިރުކުރުމަށެވެ. މީގެ އިތުރުން، ކުރީގެ ސަރުކާރުގެ ވަޒީރުންނާއެކު 45 މީހަކު ހައްޔަރުކުރުމުގެ އަމުރުވެސް ވަނީ ނެރެފައެވެ.

ބަންގްލަދޭޝްއިން ފިލައިގެން ދިޔަފަހުން ހަސީނާ އާންމުކޮށް ފެނިފައެއް ނުވެއެވެ. އިންޑިއާގައި އޭނާ ހުރުމަކީ ވަގުތީ ސަރުކާރަށް އޮތް ގޮންޖެހުމެއް ކަމަށް ބެލެވެއެވެ. އާ ސަރުކާރުން ވަނީ ހަސީނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ބާޠިލްކޮށް، އޭނާ އަނބުރާ ގެނައުމަށް އެކްސްޓްރެޑިޝަން އެއްބަސްވުމެއްވެސް ހަދާފައެވެ.

މަޤާމުން ދުރުކުރެވުނު ފަހުންވެސް، ހަސީނާއާ ދެކޮޅަށް އިތުރު 4 މީހެއްގެ މަރުގެ މައްސަލަ ހުށަހެޅިފައިވެއެވެ. މިހާރު ޖުމްލަ 71 މީހެއްގެ މަރުގެ މައްސަލަ އޭނާއާ ދެކޮޅަށް ހުށަހެޅިފައިވެއެވެ. މި މައްސަލަތަކުގައި ހިމެނެނީ ޖަތުރަބާރީ، މުހައްމަދުޕޫރު، ޑެމްރާ އަދި މީރުޕޫރު ސަރަހައްދުތަކުގައި ހިނގާފައިވާ މަރުގެ ހާދިސާތަކެވެ. މި މައްސަލަތަކުގައި ހަސީނާއާއެކު އިތުރު ގިނަ ބަޔަކުގެ މައްޗަށްވެސް ދަޢުވާ އުފުލިފައިވެއެވެ.

The post ޝެއިޚް ހަސީނާ ހައްޔަރުކުރުމަށް ކޯޓު އަމުރު ނެރެފި first appeared on Khabaru Online.



More from Khabaru Online