އަސްމާއާއި ސައުދާ އައިޕީޔޫގެ ދެ މަގާމަކަށް އިންތިޚާބު ވެއްޖެ

Thu, 17 Oct 2024 10:17 PM

View on this article on Khabaru Online

އަސްމާއާއި ސައުދާ އައިޕީޔޫގެ ދެ މަގާމަކަށް އިންތިޚާބު ވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދުދާއިރާގެ މެންބަރު އަސްމާ ރަޝީދުއާއި ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސައުދާ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ ދެ މަޤާމަކަށް އިންތިޚާބުވެފައެވެ.



މިހާރު ޖެނީވާގައި ކުރިއަށްދާ އައިޕީޔޫގެ 149 ވަނަ އެސެމްބްލީގައި، އަސްމާ ވަނީ ހައި-ލެވެލް އެޑްވައިޒަރީ ގްރޫޕް އޮން ކައުންޓަރިން ޓެރަރިޒަމް އެންޑް ވަޔޮލެންޓް އެކްސްޓްރީމިޒަމްގެ އޭޝިޔާ ޕެސިފިކް ސަރަޙައްދުގެ ތަމްސީލުކުރާ މަޤާމަށް ހޮވިފައެވެ. އަދި ސައުދާ ވަނީ ޔަންގް ޕާލަމެންޓޭރިއަންސް ފޯރަމްގައި އޭޝިޔާ ޕެސިފިކް ސަރަޙައްދު ތަމްސީލުކުރާ މަޤާމަށް އިންތިޚާބުވެފައެވެ.

މި ދެ މަޤާމަކީވެސް އޭޝިޔާ ޕެސިފިކް ސަރަހައްދުގެ އަންހެން މެންބަރުންނަށް ޚާއްޞަކޮށްގެން ހުޅުވާލެވުނު މަޤާމުތަކެކެވެ. ޔަންގް ޕާލަމެންޓޭރިއަންސް ފޯރަމްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރާ އައިޕީޔޫގެ ޚާއްޞަ ޕްލެޓްފޯމެކެވެ. މި ފޯރަމްއިން، ސިޔާސީ ނިންމުންތައް ނިންމުމުގައި ޒުވާނުންގެ އަޑު އިއްވުމަށް މުހިންމު ދައުރެއް އަދާކުރެއެވެ.

ހައި-ލެވެލް އެޑްވައިޒަރީ ގްރޫޕްއަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި އަނިޔާވެރި ހަރުކަށި ފިކުރު ހުއްޓުވުމަށް ޤާނޫނު ހަދާ މަޖިލިސްތަކުން ކުރާ މަސައްކަތްތަކަށް އެހީތެރިވެދޭ ގްރޫޕެކެވެ. މި ގްރޫޕުން، އެފަދަ މައްސަލަތަކަށް ހައްލު ހޯދުމަށް ސިޔާސަތުތަކާއި ފިޔަވަޅުތަކާ ބެހޭގޮތުން ޤާނޫނުހަދާ މަޖިލިސްތަކަށް ލަފާ ދެއެވެ.

ރައްޔިތުންގެ މަޖިލިސް އައިޕީޔޫގެ މެންބަރަކަށްވީ 2005 ވަނަ އަހަރުގައެވެ. އޭގެފަހުން، މަޖިލީހުގެ އެކި މެންބަރުން ވަނީ އައިޕީޔޫގެ އެކި މަޤާމުތައް އަދާކުރައްވާފައެވެ. މިފަހަރު އަސްމާ ރަޝީދުއާއި ފާޠިމަތު ސައުދާ މި މުހިންމު މަޤާމުތަކަށް ހޮވުމަކީ، ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިރާއްޖޭގެ ޕާލަމެންޓަރީ ދާއިރާއަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

The post އަސްމާއާއި ސައުދާ އައިޕީޔޫގެ ދެ މަގާމަކަށް އިންތިޚާބު ވެއްޖެ first appeared on Khabaru Online.



More from Khabaru Online