އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް އަޅުގަޑާ ދެކޮޅަށް ދެއްކޭނެ އެއްކަމެއްވެސް ނޯންނާނެ: ރައީސް

Wed, 17 Apr 2024 12:51 AM

View on this article on Khabaru Online

އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް އަޅުގަޑާ ދެކޮޅަށް ދެއްކޭނެ އެއްކަމެއްވެސް ނޯންނާނެ: ރައީސް

ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކުން އެ މަނިކުފާނުގެ އިސްތަށިފުޅުގައި "ދޮގު އަޅުވަން އުޅެއުޅެ" އެކަން ވާގޮތެއް ނުވި ކަމަށާއި އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް އެމަނިކުފާނާ ދެކޮޅަށް ދެއްކޭނެ އެއްކަމެއްވެސް ނޯނާން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓު، މުޙައްމަދު އިބްރާހީމްގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅުދަައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނަކީ ރައްޔިތުންގެ ހައްގުގައި ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށާއި، ރައްޔިތުންގެ މުދަލާއި ފައިސާގައި ވެސް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމުގައެވެ.

އެހެންވީމަ އަދި ތިގޮތަށް އަޅުގަޑުގެ ބޮލުގަ ކަމެއް އަޅުވަންއުޅެ ކުރީގަވެސް ނުވިކަމެއް. ދެނެއްވެސް ނުވާނެ. އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް އަޅުގަޑާ ދެކޮޅަށް ދެއްކޭނެ އެއްކަމެއްވެސް ނޯންނާނެ. އެހެންވީމަ ކުރިޔަށް ވަޑައިގަންނަވާ.



ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ރޯހައުސް ކުއްޔަށް ދީފަ ހުންނާނީ ބޭރު ބަޔަކަށް ކަމަށާއި، ލީކު ކޮށްލާފައިވާ ރިޕޯޓުގައި ހުރީ އެ ރެންޓުގެ ވާހަކަ ކަމުގައެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސިޔާސީ ބޭނުމުގަ ލީކުކޮށްލައިގެން އުޅެނީ ޕޮލިސް އިންޓެލިޖެންސް ރިޕޯޓުގެ ނަމުގަ ޑްރާފްޓް ރިޕޯޓެއް ކަމަށާއި، އޭގަ ތަތްގަޑެއްވެސް ތާރީޚެއްވެސް ނެތްކަމުގައެވެ.

އެމީހުން ބޭނުން ގޮތަކަށް ހަދާލާފަ.. އެމީހުން ހޯދިނަމަ ފެންނާނެތާ. އެމީހުންގެ ވެރިކަން މިދިޔަ 5 އަހަރު އޮތީ. އުޅެ އުޅެވެސް ނުފެނުނީ ކަމެއް.

ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ދެން ހުރީ ބައްޕަގެ ކިބައިން ވާރުދަވި މުދަލުގެ ވާހަކަ ކަމަށާއި، އެބޭފުޅުން އެ ބުނާފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށެވެ.

ރައީސް މުއިއްޒު ކޮށްފައިވާކަމަށް ބުނާ މާލީ އެތައް މުއާމަލާތުތަކެއް ހިމެނޭ، އެމްއެމްއޭގެ ފައިނޭންސް އިންޓެލިޖެންސް ޔުނިޓުން ތައްޔާރުކޮށްފައިވާކަމަށް ބުނާ ރިޕޯޓަކާއި އަދި ޕޮލިސް އިންޓެލިޖެންސް ރިޕޯޓެއް ކަމަށް ބުނާ ރިޕޯޓެއްވެސް ކާކުކަން ނޭގޭ ސޯޝަލް މީޑިއާގެ އެކައުންޓަކުން އިއްޔެވަނީ ލީކު ކޮށްލާފައެވެ.

The post އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް އަޅުގަޑާ ދެކޮޅަށް ދެއްކޭނެ އެއްކަމެއްވެސް ނޯންނާނެ: ރައީސް first appeared on Khabaru Online.



More from Khabaru Online