ރައީސް ފޮނުވި ސިޓީ މަޖިލީހާއި ހިއްސާކުރަންޖެހޭ، ސިއްކުރުކަން އުޅެނީ ބައި ގޯލު ޖެއްސެވުމަށް: ޝާހިދު

Fri, 26 May 2023 11:15 AM

View on this article on Khabaru Online

ރައީސް ފޮނުވި ސިޓީ މަޖިލީހާއި ހިއްސާކުރަންޖެހޭ، ސިއްކުރުކަން އުޅެނީ ބައި ގޯލު ޖެއްސެވުމަށް: ޝާހިދު

ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާތަނެއް ކަމަށް ބުނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ސަރުކާރަށް ފޮނުވި ސިޓީ ރައްޔިތުންގެ މަޖިލީހާއި ހިއްސާ ކުރަންޖެހޭކަމަށް ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ.އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.



ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލައިގައި 1982 އިން ފެށިގެން ރާއްޖެ އިން ނިންމާފައިވާ ހުރިހާ ނިންމުމެއް ހާމަކުރުމަށް ވެސް ޑރ.ޝަހީދު ވަނީ މީގެ ކުރިން ގޮވާލާފައެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ހޯދުމަށް މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ރާއްޖެއިން ކުރިން ގެންގުޅުނު ސިޔާސަތު ބަދަލުވެ، ރައީސް މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީގައި އަޑިނޭގޭ ކަންތައްތަކެއް ހުރިކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ބޮޑެތި ތުހުމަތުތައް ކުރަމުންނެވެ.

ޗާގޯސް މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީފުޅު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ވެސް ހާމަ ނުކުރެވޭނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މިމައްސަލާގައި ޝަހީދު ވިދާޅުވީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން އެސިޓީ ހާމަ ނުކުރި ނަމަވެސް، ރައްޔިތުންގެ މަޖިލީހާއި އެސިޓީ ހިއްސާ ކުރަންޖެހޭކަމަށެވެ. ޝަހީދު ވިދާޅުވީ އެސިޓީއަކީ މިހާރު މޮރިޝަސްއިން ބޭރުގެ އެކި ފަރާތްތަކާއި ހިއްސާކޮށްފައިވާ އަދި އިޓްލޮސްގެ ހުކުމުގައިވެސް ސިޓީގައިވާ ކަންކަމަށް ރިޢާޔަތްކޮށްފައި ވާކަމަށެވެ. އެހެންކަމުން ސިޓީ ސިއްރު ކުރުމުގެ މާނައެއް ނެތްކަމަށާއި، މަޖިލީހާއި ސިޓީ ހިއްސާ ކުރަންޖެހޭކަމަށެވެ.

މޮރިޝަންގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ފޮނުވި ސިޓީ RTI ގެ ދަށުން އާންމު ނުކުރި ނަމަވެސް ރައްޔިތުންގެ މަޖިލީހާއި ހިއްސާ ކުރައްވަން ޖެހޭ. ސަބަބަކީ މޮރިޝަސް ސަރުކާރުން ވަނީ ބޭރުގެ ބައެއް ފަރާތްތަކާއި އެސިޓީ ހިއްސާކޮށް، އަދި ރާއްޖޭގެ މައްޗަށް އިއްވި ހުކުމުގައި އިޓްލޮސްއިން ހިމަނާފަ.

– ޝަހީދު ވިދާޅުވިއެވެ.

ޑރ.ޝަހީދު ވިދާޅުވީ ރައީސް ޞާލިހު އެހާލަތުގައި ސިޓީ ފޮނުވީ ރާއްޖޭޭގެ ލިސިގޭޝަން ސްޓްރެޓެޖީގެ ދަށުން، ލީގަލް ޓީމުގެ ލަފަޔާއިއެކު ފޮނުއްވި ސިޓީއެއް ކަމުގައިވާނަމަ، އެސިޓީ އެވަގުތު ފޮނުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެޅުއްވި ޚިކުމަތްތެރި ފިޔަވަޅެއްކަމަށް ބެލުމުގެ ޖާގަ ވަރަށް ބޮޑު ކަމަށެވެ. ނަމަވެސް މިކަމުގައި ސަރުކާރުން ރަނގަޅަށް ކުރި ކަމެއްވެސް ފޮރުވުމަށް ބައެއް ބޭފުޅުން އުޅުއްވުމަކީ ރައީސަށް ދޭ ލަނޑެއްގެ ގޮތުގައި ޝަހީދު ސިފަ ކުރެއްވިއެވެ.

ސިޔާސީ އޮއިވަރެއްގެ ތެރެއިން މޮރިޝަސްއިން އިޓްލޮސް އަށް ހުށަހެޅި މައްސަލައެއް ކަމަށް ވާތީ، އައިސީޖޭ ގެ އެޑްވައިޒަރީ އޮޕީނިއަން ރާއްޖެ އިން ބަލައިގަތުމަށް ނިންމުމަކީ ސިޔާސީ މޮޅު އުކުޅަކަށްވެސް ވެދާނެ. ވީމާ ރާއްޖޭޭގެ ލިޓިގޭޝަން ސްޓްރެޓެޖީ ގެ ދަށުން، ލީގަލް ޓީމުގެ ލަފަޔާއިއެކު ފޮނުއްވި ސިޓީއެއް ކަމުގައިވާނަމަ، އެސިޓީ އެވަގުތު ފޮނުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެޅުއްވި ޚިކުމަތްތެރި ފިޔަވަޅެއްކަމަށް ބެލުމުގެ ޖާގަ ވަރަށް ބޮޑަށް އެބައޮތް. އެސިޓީ ސިއްރުކަމަށް ބާރު އަޅުއްވާ ބޭފުޅުންނަށް އެކުރެއްވޭ ކަމަކީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ދެކޮޅަށް، އޮޅިގެން ނަމަވެސް ބައި ގޯލަށް ޖެއްސެވުން.

– ޝަހީދު ވިދާޅުވިއެވެ.

މޮރިޝަސް އާއި ރާއްޖެއާ ދެމެދު އުފެދުނު ކަނޑުގެ މައްސަލަ ބައިނަލްއަގްވާމީ ޓްރައިބިއުނަލުން ވަނީ ނިންމައިފައެވެ. ޓްރައިބިއުނަލުން އެ މައްސަލަ ނިންމީ ކަނޑުގެ ސަރަހައްދު ދެ ގައުމުގެ ދެމެދުގައި ބަހާލުމަށެވެ.

އެ މައްސަލައާ ގުޅިގެން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އޮތީ ވައްދައިފައެވެ.



More from Khabaru Online