ޔޫޕީއައި ރާއްޖެއަށް ތަޢާރަފް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

Sun, 20 Oct 2024 09:03 PM

View on this article on Kaafu Online

އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް،  ޔޫޕީއައި ރާއްޖޭގައި ތަޢާރަފް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސުލްޖުމްހުރިއްޔާ އެގޮތަށް ނިންމެވީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުށަހެޅުއްވި ކަރުދާހަށް މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށްފަހު އެވެ.
ކެބިނެޓުން ނިންމާފައި ވަނީ، “ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް” ތަޢާރަފުކުރުމަށްޓަކައި، ކޮންސޯޓިއަމެއް ގާއިމުކުރުމަށެވެ. އަދި އެ ކޮންސޯޓިއަމްގައި، ރާއްޖޭގެ ބޭންކުތަކާއި، ޓެލެކޮމް ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތަކާއި ރާއްޖޭގައި ހަރަކާތްތެރިވާ ފިންޓެކް ކުންފުނިތައް ހިމެނުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މި ކޮންސޯޓިއަމް ލީޑް ކުރާނެ އޭޖެންސީއަކީ، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑެވެ.



މީގެ އިތުރުން ޔޫޕީއައި ގާއިމުކުރުމުގެ މަސައްކަތް ވިލަރެސްކުރުމުގައި އިސްކޮށް އުޅޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުންނެވެ.  އެމިނިސްޓްރީގެ އިތުރުން، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ހިމެނޭ އިންޓަރ އޭޖެންސީ ކޯޑިނޭޝަން ޓީމެއް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެކުލަވާލައްވާފައެވެ.

ރާއްޖޭގައި، އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތަށް، މިމަހުގެ 7 ވަނަ ދުވަހު ވަނީ އިފްތިތާހުކޮށްފިއެވެ. ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ހަދައި، އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފްކުރެވުމުން ދެ ޤައުމުގެ ރައްޔިތުންނަށްވެސް ފައިސާގެ މުޢާމަލާތް ކުރުމުގައި ފަސޭހަތަކެއް ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.



More from Kaafu Online