އަޖޭގެ "ސިންގަމް އަގެއިން"ގައި ސަލްމާންގެ ހާއްސަ ފެނިލުމެއް!

Sat, 21 Sep 2024 07:27 AM

View on this article on Hurihaa.mv

އަޖޭގެ "ސިންގަމް އަގެއިން"ގައި ސަލްމާންގެ ހާއްސަ ފެނިލުމެއް!

ނޮވެމްބަރު މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ އަޖޭ ދޭވްގަންގެ ފިލްމު "ސިންގަމް އަގެއިން"ގައި ސަލްމާން ޚާންގެ ހާއްސަ ފެނިލުމެއް ފެނިގެންދާނެ ކަމަށް ބުނެފި އެވެ.



ހަބަރުތައް ބުނާ ގޮތުގައި އެ ފިލްމުގައި ސަލްމާން ފެނިގެންދާނީ އޭނާގެ މަޝްހޫރު ފިލްމު ފްރެންޗައިޒް "ދަބަންގް"ގައި ދައްކުވައިދޭ "ޗުލްބުލް ޕާންޑޭ"ގެ ރޯލުންނެވެ.

ސަލްމާންގެ ފެނިލުމެއް އެ ފިލްމުގައި ފެންނާނެ ކަމަށް އަޑުއަރާފައިވާއިރު މިއީ ބޮކްސް އޮފީހުގައި އެ ފިލްމާ ވާދަކުރާ ކާތިކް އާރްޔަންގެ ފިލްމު "ބޫލް ބުލައްޔާ 3"އަށް އޮތް ގޮންޖެހުމެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

ސަބަބަކަށްވަނީ ސަލްމާންގެ ފެނިލުމެއް ފިލްމުގައި ހިމެނޭނަމަ އެ ފިލްމު ބަލަން ގިނަ ބަޔަކު ބޭނުންވެ ބޮކްސްއޮފީސް ރޭހުގައި ކުރި ހޯދުމުގެ ފުރުސަތު އެ ފިލްމަށް ބޮޑުވުމެވެ.

ފިލްމުގެ ޑައިރެކްޓަރު ރޯހިތު ޝެޓީ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ "ސިންގަމް"ގެ ފިލްމުތަކަކީ ސަލްމާންގެ ފިލްމު "ވޯންޓެޑް"އިން ހިތްވަރު ލިބިގެން ފެށި ފްރެންޗައިޒްއެއް ކަމަށެވެ. އެ ފިލްމުގައި ސަލްމާންގެ ފެނިލުމެއް ހިމަނަން ނިންމީ އެ ސަބަބަށްޓަކައި ކަމަށް ބެލެވެ އެވެ.

"ސިންގަމް އަގެއިން" އެންމެ ފުރަތަމަ ރިލީޒް ކުރަން އޮތީ އޮގަސްޓް މަހު ނަމަވެސް އެ ދުވަހަށް ފިލްމު ނުނިމުމުން ރިލީޒްކުރާ ދުވަސް ފަސްކުރީ އެވެ.

އަޖޭގެ އިތުރުން "ސިންގަމް އަގެއިން"އިން ފެންނަ ތަރިންގެ ތެރޭގައި ރަންވީރު ސިންހް، ޓައިގާ ޝްރޮފް، އަކްޝޭ ކުމާރު، އަރްޖުން ކަޕޫރު، ދީޕިކާ ޕަދުކޯން އަދި ކަރީނާ ކަޕޫރު ހިމެނެ އެވެ.




More from Hurihaa.mv