ސްކޭމް ކޯލްތަކާއި އޮޅުވާލައިގެން ސިމް ނެގުން ހުއްޓުވަން އެއްބަސްވުމެއް

Thu, 25 Apr 2024 07:25 PM

View on this article on Hurihaa.mv

ސްކޭމް ކޯލްތަކާއި އޮޅުވާލައިގެން ސިމް ނެގުން ހުއްޓުވަން އެއްބަސްވުމެއް

ސްކޭމް ކޯލްތަކާއި އޮޅުވާލައިގެން ސިމް ނެގުން ފަދަ ކަންކަން ހުއްޓުވުމަށް ދިރާގުގެ ކަސްޓަމަރުންގެ ވެރިފިކޭޝަން ޕްރޮސެސް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އެ ކުންފުނިން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނާ (ޑީއެންއާރް)އާ އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.



ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު، ކަސްޓަމާ ސާވިސަސް އެންޑް ރީޖަނަލް އޮޕަރޭޝަންސް، މަސްއޫދު އަލީއެވެ. އަދި ޑީއެންއާރްގެ ފަރާތުން ސޮއިކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު، އަޙްމަދު އާލީ އެވެ.

މި ފަހުމުނާމާގައި ސޮއިކުރުމާ ގުޅިގެން، ދިރާގުން ޑީއެންއާރު މެދުވެރިކޮށް، ހިދުމަތްތަކަށް އެޕްލައިކުރުމަށްޓަކައި ކަސްޓަމަރުން ހުށަހަޅާ ގައުމީ އައިޑީ ކާޑުގެ ވެރިފިކޭޝަން އިތުރަށް ހަރުދަނާވެގެންދާނެ އެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އިތުރަށް ކަށަވަރުކޮށްދީ، ކުރިއަށްވުރެ ރަނގަޅުވެގެންވެސްދާނެ އެވެ.

"މި ސޮއި ކުރެވުނު ފަހުމުނާމާގެ ސަބަބުން ދިރާގު ކަސްޓަމަރުންނަށް އިތުރު ސަލާމާތްތެރިކަން ލިބިގެންދާނެކަން ޔަޤީން. އަދި މި ފުރުސަތުގައި ޑީ.އެން.އާރްގެ ފުރިހަމަ އެއްބާރުލުން ދިރާގަށް އަބަދުވެސް ލިބިގެންދާނެކަމުގެ ޔަޤީންކަން ދެން،" ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު، އަހްމަދު އަލީ ވިދާޅުވި އެވެ.

ކަސްޓަމާ ސާވިސަސް އެންޑް ރީޖަނަލް އޮޕަރޭޝަންސް މަސްއޫދު އަލީ ވިދާޅުވީ މިއަދު ސޮއިކުރި ފަހުމުނާމާގެ ސަބަބުން ކަސްޓަމަރުންނާމެދު ކުރެވޭ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެ ކަމަށެވެ.

"ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނާ ގުޅިގެން މިފަދަ މުހިންމު ޑިޖިޓަލް އިނީޝިއޭޓިވިއެއް ފެށުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ސަލަމާތްތެރިކަން ފޯރުކޮށްދީ، އެފަރާތްތައް އަޅުގަނޑުމެންނާ ކުރެވޭ މުއާމަލާތްތަކުގެ ސައްހަކަން ޔަޤީންވެގެން ދާނެ. އަދި މީގެ ސަބަބު ކަސްޓަމަރުންނަށް ޚިދުމަތްދޭ އިތުރު ޗެނަލްތައް ގާއިމުވެ، އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ މަގުތައް ހުޅުވިގެންދާނެކަން ޔަޤީން،" މަސްއޫދު ވިދާޅުވި އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށްދީ، 'ޑިޖިޓަލް ރާއްޖެ'އަކަށް އެފަރާތްތައް ވާސިލްކޮށްދިނުމަށެވެ.




More from Hurihaa.mv