މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީ މައުމޫންގެ މައްޗަށް ހަތް ދައުވާއެއް ކޮށްފި

Thu, 25 Apr 2024 06:00 PM

View on this article on Hurihaa.mv

މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީ މައުމޫންގެ މައްޗަށް ހަތް ދައުވާއެއް ކޮށްފި

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫނު (މާނު) ގެ މައްޗަށް ހަތް ދައުވާއެއް އުފުލައި، އޭނާ ބަންދުކޮށްގެން ރާއްޖެ ގެނައުމުގެ މަސައްކަތް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފަށައިފި އެވެ.



ޕީޖީ އޮފީހުން ބުނީ މައުމޫންގެ މައްޗަށް ރިޝްވަތުގެ ހަތް ދައުވާއެއް ކުރަން މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓަށް ފޮނުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި އޭނާ ހުރި ދުވަސްވަރު އެ ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް ހަވާލުކުރި ކުންފުނިން މައުމޫނާއި އޭނާއާ ގުޅުން ހުރި މީހުންގެ އެކައުންޓްތަކަށް އެކި ފަހަރު މަތިން 298،000 ޑޮލަރު (ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ) ޖަމާކޮށްފައިވާތީ އެއީ ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ފައިސާ ކަމަށް ވާތީ ކަމަށެވެ.

މައުމޫނަކީ މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ މީހެއް ކަމަށް އެންޓި ކޮރަފްޝަން ކޮމިޝަނުން މައުލޫމާތު ދީފައިވާތީ އޭނާ ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް އަވަސްކުރުމަށް މި މައްސަލައިގެ އަޑުއެހުމެއް ވީއެންމެ އަވަހަކަށް ބޭއްވުމަށް ކޯޓުގައި ދަންނަވާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. އަދި ދަޢުވާ ލިބޭ މީހާ ޝަރީއަތަށް ހާޒިރުވުމަށް އިންކާރުކޮށްފިނަމަ އޭނާ ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ނެރޭ ދެއްވުމަށް ވެސް ކޯޓުގައި ޕީޖީން ވަނީ އެދިފަ އެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި މައުމޫން ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރަން ކޯޓުން އަމުރު ނެރެދީފި ނަމަ ބައިނަލްއަގްވާމީ ފުލުހުންގެ ޖަމިއްޔާ ކަމަށްވާ އިންޓަޕޯލް މެދުވެރިކޮށް ރާއްޖެ ގެނައުމުގެ ފުރުސަތު ލިބޭނެ އެވެ.

ޕީޖީ އޮފީހުން ބުނީ ރިޝްވަތު ހިފުމުގެ މައްސަލައިގައި އަބްދުﷲ މައުމޫނަށާއި އޭނާގެ އާއިލާގެ ބައެއް ފަރާތްތަކާއި އޭނާއާ ގުޅުން އޮންނަކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް މި މަހުގެ 18 ވަނަ ދުވަހު ހުށައަޅާފައިވާ ކަމަށެވެ. މައުމޫނަށް ދައުވާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޕީޖީއަށް ފޮނުވާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ.




More from Hurihaa.mv