ހުއްދަނެތި އުމްރާ އަށް މީހުން ގެންދިޔަ މަޝްއަރު ގްރޫޕުގެ މައްސަލަ ފުލުހަށް ހުށަހަޅަނީ

Wed, 17 Apr 2024 01:35 PM

View on this article on Hurihaa.mv

ހުއްދަނެތި އުމްރާ އަށް މީހުން ގެންދިޔަ މަޝްއަރު ގްރޫޕުގެ މައްސަލަ ފުލުހަށް ހުށަހަޅަނީ

އުމްރާއަށް މީހުން ގެންދިއުމާ ބެހޭ ގޮތުން ރާއްޖޭގައި އަމަލުކުރަމުން އަންނަ ރަސްމީ އުސޫލުތަކާ ހިލާފަށް އަމަލު ކުރި ޖަމާއަތެއްގައި މައްސަލަ ފުލުހަށް ހުށަހަޅުއްވަން ނިންމަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.



މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީހުން އަތުން ލާރި ނަގައި އެއަށް އިހުމާލުވަމުންދާ ޖަމާއަތެއްގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް މިއަދު ފުލުހުންނަށް ހުށަހަޅާނެ ކަމަށެވެ. އެހެންނަމަވެސް މި ޖަމާއަތާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު ހާމަކުރައްވާފައެއް ނުވެ އެވެ.

މިނިސްޓަރު ޝަހީމް މި ގޮތަށް ވިދާޅުވެފައިވާ އިރު "އަލް މަޝްރައު ހައްޖު އުމްރާ" ޖަމާއަތުގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން ރާއްޖެއަށް ނާދެވި މައްކާގައި ވަނީ ތާށިވެފަ އެވެ.

އަލް މަޝްއަރު ހައްޖު އުމްރާ ގްރޫޕުގެ ހައްޖާއި އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ މިދިޔަ އަހަރު އިސްލާމިކް މިނިސްޓްރީން ވަނީ ބާތިލް ކޮށްފަ އެވެ.

އަލް މަޝްއަރު" އުމްރާ ގްރޫޕާ މެދުވެރިކޮށް ނިމިދިޔަ ރަމަޟާން މަހު އުމްރާއަށް ދިޔަ ގުރޫޕެއްގެ ޗެކް ބައުންސްވެ، ރާއްޖެ ނާދެވުނު މައްސަލައެއް ފެންމަތިވި އެވެ.

ދިމާވި މައްސަލައަކާ ގުޅިގެން ރިޓާން ޓިކެޓަށްވާ ފައިސާ ނުދެއްކި އޮތްކަން އެ ޖަމާއަތުން ބުނެފައިވާ ކަމަށާއި ފައިސާ ހުރި ނަމަ، އަމިއްލަ ހަރަދުގައި ރިޓާން ޓިކެޓު ނަގައިގެން ފުރުމަށް އުމްރާވެރިންނަށް އެންގި ކަމަށް ސޯޝަލް މީޑިއާގައި ދަނީ މައުލޫމާތު ފެތުރެމުންނެވެ.

އިސްލާމިކް މިނިސްޓްރީގެ ހުއްދަ ނެތި ދެ ކުންފުންޏަކުން މީހުން އުމްރާއަށް ގެންދިއުމަށް ފައިސާ ނަގާތީ އެކަމަށް ސަމާލުވުމަށް މި އަހަރުގެ ޖެނުއަރީ މަހު އެ މިނިސްޓްރީން އިލްތިމާސް ކުރި އެވެ.




More from Hurihaa.mv