މިހާރުން މިހާރަށް ނިޒާމީ ވޯޓެއް ނުނެގޭނެ, އެކަމަށް ވަގުތު ބޭނުންވާނެ: އީސީ

Tue, 19 Sep 2023 05:46 PM

View on this article on Hurihaa.mv

މިހާރުން މިހާރަށް ނިޒާމީ ވޯޓެއް ނުނެގޭނެ, އެކަމަށް ވަގުތު ބޭނުންވާނެ: އީސީ

ނިޒާމީ ވޯޓެއް ނެގުމަކީ މިހާރުން މިހާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް މަދުވެގެން 30 ދުވަސް ބޭނުން ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ރާއްޖޭގައި ވެރިކަންކުރާ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރަގެ މެމްބަރު އިލްޔާސް ލަބީބު ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ އެ ގަރާރު ފާސްކޮށްފަ އެވެ.

އިލްޔާސް ހުށަހަޅަފައިވާ ގަރަރުގައި ވަނީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަ ޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު އެވެ. ޑިމޮކްރެޓްސް އިން ބޭނުންވަނީ މި މަހުގެ 25ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށެވެ.

ނިޒާމީ ވޯޓާ ގުޅެގޮތުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެ ނަމަ، އެފަދަ ވޯޓެއް ނެގުމަށްޓަކައި، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ތެރެއިން އެކަމަށް މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް އެ އިންތިޚާބު ބޭއްވުމަށްޓަކައި ބޭނުންވާ ކަމަށެވެ.

އެ އިންތިހާބު ބޭއްވުމަށް ގާތްގަނޑަކަށް 40 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ މިފަދަ ވޯޓެއް ނަގާއިރު އެންމެ މުހިންމު ކަމަކީ އެކަމަށް ރައްޔިތުން ހޭލުންތެރިކުރުން ކަމަށެވެ. ވަކި ނިޒާމަކަށް ތާއީދުކޮށް ވޯޓުލުމުގައި އެ ނިޒާމެއްގެ ފައިދާ އާއި ގެއްލުމާމެދު، ވޯޓުލާ މީހުން ހޭލުންތެރިކުރުވުމަކީ، އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ޒިންމާއެއް ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ. ހަބީބު ވިދާޅުވީ އެފަދަ ވޯޓެއް މިހާރުން މިހާރަށް ނެގުމަކީ ނުވާނެ ކަމެއް ކަމަށެވެ.More from Hurihaa.mv