އާބަންކޯއިން ހިންމަފުށީގައި ތަރައްގީކުރި ޖަލުގެ މަސައްކަތް ނިންމާލައިފި

Mon, 05 Jun 2023 11:09 AM

View on this article on Hurihaa.mv

އާބަންކޯއިން ހިންމަފުށީގައި ތަރައްގީކުރި ޖަލުގެ މަސައްކަތް ނިންމާލައިފި

އާބަންކޯގެ ފަރާތުން ހިންމަފުށީގައި ތަރައްގީކުރި ޖަލުގެ މަސައްކަތް ނިންމާލައިފި އެވެ.

އާބަންކޯގެ ކޮމިއުނިޓީ ރެޕިޑް ރެސްޕޮންސް (ސީއާރްއާރް) ޓީމުގެ ފަރާތުން ކުރިއަށްގެންދިޔަ މި ޕްރޮޖެކްޓަކީ މާލެ ޖަލު ހިންމަފުއްޓަށް ބަދަލުކުރުމުގެ ގޮތުން ކުރެވުނު މަސައްކަތެކެވެ. އެގޮތުން މާލެ ޖަލު ހުރި ސަރަހައްދުގައި ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް ހަދައި ނިމެން ގާތްވެފައިވާއިރު، އެތަނުގައި ދަރިވަރުންނަށް ކިޔަވައިދޭން ފަށަންވާއިރަށް ޖަލު އެ ސަރަހައްދުން ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެހެންވެ ރައީސް އޮފީހުގެ އެދުމުގެ މަތިން އަބަންކޯގެ ފަރާތުން ހިންމަފުށީގައި ތަރައްގީކުރީ މީގެ ކުރިން ބޭނުންކޮށް، ވީރާނާވެފައިވާ ބާ އިމާރާތެކެވެ. އެތަނުގައި އެ ކުންފުނީގެ ޓީމުން މިހާރު ވާނީ ހަތަރު ބްލޮކް ހިމެނޭ ގޮތަށް ޖަލެއް އިމާރާތްކޮށްދީފަ އެވެ. ޖާގައިގެ ގޮތުން މީގެއިން ކޮންމެ ބްލޮކެއްގައި ގާތްގަނޑަކަށް 16 ގައިދީން ބޭތިއްބޭނެ އެވެ. އަދި ގައިދީން ބޭނުންކުރުމަށް 12 ފާހަނައިގެ ފާހަނަ ބަރިއެއް އެތަނުގައި އިމާރާތްކޮށްފައިވާނެ އެވެ. އަދި މައި އިމާރާތުގެ ސްޓަރްކްޗަ އާއި، ކަރަންޓުގެ މަސައްކަތާއި، ރިނޮވޭޝަންއަށް ބޭނުންވާ ހުރިހާ ކަމެއް އެ ކުންފުނިން ވާނީ ކޮށްފައެވެ. މަސައްކަތްތައް ނިންމާލުމަށް ފަހު ކުންފުނީގެ ފަރާތުން މިހާރު ވާނީ އެތަން ކަރެކްޝަންސްއާ ހަވާލުކޮށްފަ އެވެ.

އާބަންކޯގެ މައިގަނޑު މަސައްކަތުގެ ތެރޭގައި ހުޅުމާލެ ތަރައްގީކުރުމާއި، ހުޅުމާލެ އަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން ހިމެނުނުކަމުގައިވީ ނަމަވެސް މި ކުންފުނީގެ ބިޔޯންޑް ހުޅުމާލެ ޕްލޭންގެ ދަށުން ކުންފުނިން އަންނަނީ އާންމު މުޖުތަމައުއަށް ބޭނުންވާ އެހެނިހެން ކަންކަން ވެސް ކޮމިއުނިޓީ ރެސްޕޮންސް ޓީމުގެ ދަށުން ކުރަމުންނެވެ. އެގޮތުން ހިންމަފުށީ ޖަލުގެ މަސައްކަތަކީ ވެސް އެ ޕްލޭންގެ ދަށުން ކުރެވުނު މަސައްކަތެކެވެ.



More from Hurihaa.mv