ނޯތު ކޮރެއާއިން ޖާސޫސީ ސެޓެލައިޓެއް އަނެއްކާ ވެސް ފޮނުވާނެ ކަމަށް ބުނެފި

Mon, 05 Jun 2023 08:42 AM

View on this article on Hurihaa.mv

ނޯތު ކޮރެއާއިން ޖާސޫސީ ސެޓެލައިޓެއް އަނެއްކާ ވެސް ފޮނުވާނެ ކަމަށް ބުނެފި

ނޯތު ކޮރެއާއިން ޖައްވަށް ފޮނުވަން އުޅެނިކޮށް ކަނޑަށް ވެއްޓުނު ޖާސޫސީ ސެޓެލައިޓުގެ މައްސަލައިގައި ޔޫއެންއިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އަނެއްކާ ވެސް އެފަދަ ސެޓެލައިޓެއް ފޮނުވާނެ ކަމަށް ވިދާޅުވެ، ނޯތު ކޮރެއާގެ ލީޑަރުގެ ކޮއްކޮ ޔޫއެންއަށް ގޮން ޖައްސަވައިފި އެވެ.

ނޯތު ކޮރެއާއިން މިދިޔަ ބުދަ ދުވަހު ވަނީ އެމެރިކާގެ ހަނގުރާމައިގެ އަމަލުތަކަށް ފާރަލުމަށް ކަމަށް ބުނެ ސެޓެލައިޓެއް ޖައްވަށް ފޮނުވަން މަސައްކަތް ކޮށްފަ އެވެ.

މި ސެޓެލައިޓު އޭގެ މަންޒިލަށް ނުދެވި ވަނީ ކޮރެއަން ޕެނިންސިއުލާގެ ހުޅަނގުން ކަނޑަށް ވެއްޓިފަ އެވެ. ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިމައްސަލައާ ގުޅޭ ގޮތުން ބާއްވާފައި ވަނީ އެމެރިކާއާއި ޖަޕާނާއި ސައުތު ކޮރެއާގެ އެދުމަށެވެ. ސަބަބަކީ ބެލެސްޓިކް ޓެކްނޮލޮޖީ ބޭނުންކޮށްގެން ރޮކެޓް ފޮނުވުން އެ ކައުންސިލުން ނޯތު ކޮރެއާއަށް މަނާކޮށްފައިވަނިކޮށް ކުރި މި އަމަލުން އެ އެޖެންސީގެ އަމުރާ ޚިލާފުވެފައި ވާތީ އެވެ.

ނޯތު ކޮރެއާގެ ލީޑަރުގެ ކޮއްކޮ ކިމް ޔޯ ޖޮންގް

ނޯތު ކޮރެއާގެ ލީޑަރުގެ ކޮއްކޮ ކިމް ޔޯ ޖޮންގް ވިދާޅުވީ ޔޫއެންއަކީ އެމެރިކާގެ ބައެއްގެ ގޮތުގައި ހަރަކާތްތެރިވާ ތަނެއް ކަމަށެވެ.

އެކަމަނާ ސިފަކުރެއްވި ގޮތުގައި ޔޫއެންގެ ސެކިއުރިޓީ ކައުންސިލުން އެމެރިކާގެ "ގޭންގްސްޓާ ސްޓައިލް"ގެ ގޮވާލުންތަކަށް ބައްދަލުވުން ބާއްވާއިރު ސެޓެލައިޓަކީ ދުނިޔޭގެ އެތައް ގައުމަކުން ޖައްވަށް ފޮނުވާ އެއްޗަކަށްވެފައި ނޯތު ކޮރެއާއަށް އެކަން ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.

އެކަމަނާ ވިދާޅުވި ގޮތުގައި ނޯތު ކޮރެއާއަށް އެމެރިކާ އާއި އެގައުމާ ގުޅިފައިވާ ގައުމުތަކުން ދައްކަމުންގެންދާ ހަނގުރާމައިގެ ބިރުވެރިކަމުން ސަލާމަތްވުމަށް ހޯދަން ޖެހޭ މައުލޫމާތު ހޯދުމަށް ބޭނުންވާ ސެޓެލައިޓް ޖައްވަށް ފޮނުވުމަކީ ގާނޫނާ ޚިލާފު ކަމެއް ނޫނެވެ.

ޔޫއެންއިން ނޯތު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް އެމެރިކާއިން މަސައްކަތް ކުރި ނަމަވެސް ރަޝިޔާ އާއި ޗައިނާގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން އިތުރު ފިޔަވަޅެއް އެޅޭ ގޮތް ވަނީ ނުވެފަ އެވެ.



More from Hurihaa.mv