ޔޫސުފް ނައީމްގެ ހުކުމް ބާތިލްކޮށް އަލުން ބަލަން އަންގައިފި

Thu, 18 Apr 2024 04:09 PM

View on this article on Hoara Online

ޔޫސުފް ނައީމްގެ ހުކުމް ބާތިލްކޮށް އަލުން ބަލަން އަންގައިފި
ވ. އާރަށުގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޝްވަތު ދިން ކަމަށް ބުނެ ދައުލަތުން ދައުވާ ކުރި ޔޫސުފް ނައީމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ހުރި ގޯސްތައް ފާހަގަކޮށް މައްސަލަ އަލުން ބަލަން ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އުފުލީ މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. ދެ ފަރާތުން ހުށަހެޅި އިސްތިއުނާފަށް ހުކުމް ކުރުން މިއަދު ކުރިއަށްދާ އިރު ޔޫސުފް ނައީމްގެ އިސްތިއުނާފަށް މިހާރު ވަނީ ނިންމައިފަ އެވެ.



ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ ދައުލަތުން ހުށަހެޅި ސަޕްރައިޒް ނުވަތަ ކުއްލި ހެކިތައް ފުރުސަތު ދިނުމަށް ފަހު އެ ހެކިތައް ތައުނު ކުރުމަށް ދިފާއުއަށް ފުރުސަތު ނުދިނުމަކީ ދިފާއުގެ ހައްގުތައް ފޯރުކޮށްނުދެވުން ކަމަށެވެ.

ހައި ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު ހުޒައިފާ މުހައްމަދު، އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބަލަން ރިޔާސަތު ފަނޑިޔާރު ޝަފީއު އިއްވެވި ރައުޔަށް ތާއީދު ކުރުމާއެކު ފަނޑިޔާރު ސަލީމް ވަނީ އިތުރު ކަންތައްތަކެއް ވެސް ފާހަގަކުރައްވައިފަ އެވެ.

"ދިފާއުން ކުރި ސުވާލުތަކަށް އެއްވެސް ޖަވާބެއް ނުލިބުމަކީ ދިފާއަށް ލިބެން ޖެހޭ ދުސްތޫރީ ހައްގުތައް ނުލިބުން ކަމަށް އަހުރެން ދެކެން،" ފަނޑިޔާރު ޝަފީއު ވިދާޅުވި އެވެ.

ފަނޑިޔާރުގެ އެ ގޯސްތަކުގެ ސަބަބުން ޔާމީން އަދި ޔޫސުފް ނައީމްގެ މައްޗަށް ކުށް ސާބިތު ކޮށްފައިވާ ގޮތަކީ ބޭއިންސާފެއް ކަމަށް ވެސް ސިފަކުރެއްވި އެވެ.



More from Hoara Online