އެމްޑީޕީ ލީޑާޝިޕް އިސްތިއުފާ ދޭކަށް ނުވިސްނާ: ފައްޔާޒު

Thu, 02 May 2024 12:02 PM

View on this article on Hoara Online

އެމްޑީޕީ ލީޑާޝިޕް އިސްތިއުފާ ދޭކަށް ނުވިސްނާ: ފައްޔާޒު
މިވަގުތަކީ އެމްޑީޕީ ލީޑާރޝިޕް އިސްތިއުފާ ދޭންވީ ވަގުތު ނޫން ކަމަށާއި އަނެއްކާވެސް ޕާޓީ ނަގައި ކޮޅަށް ޖެހުމަށް ލީޑާޝިޕް ބޭނުންވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވި އިރު، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ޕާޓީގެ ލީޑާޝިޕް ބޭފުޅުންގެ އިސްތިއުފާއަށް ވެސް ސޯޝަލް މީޑިއާގައި ގޮވާލާފައިވެ އެވެ.



މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބިފައި ވަނީ 93 ގޮނޑީގެ ތެރެއިން އެންމެ 12 ގޮނޑި އެވެ. ވާދަވެރި އަދި ސަރުކާރު ނިސްބަތްވާ ޕީއެންސީއަށް 66 ގޮނޑި ލިބިފައިވެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ވަނީ އެ ޕާޓީއަށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން އެކަން މެދުވެރިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ހެދުމަށް ފާސްކޮށްފަ އެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީ ދެމިއޮތުމާއި އެ ޕާޓީ މިވަގުތު ނަގާ ކޮޅަށް ޖެހުމަކީ ޕާޓީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ މަސައްކަތް ކަމަށެވެ. އިންތިހާބެއްގައި އޮންނާނީ މޮޅުވުމާއި ބަލިވުން ކަމަށްވާތީ ލިބުނު ބައްޔާ އެކު ދެން އޮންނާނީ ޕާޓީ އަނެއްކާވެސް ނަގާ ކޮޅަށް ޖެހުން ކަމަށްވެސް ވިދާޅުވި އެވެ.

"އަންނަ އަހަރު އެބައޮތް އެމްޑީޕީގެ ކޮންގްރެސްވެސް. މިހާރު މިއޮތް ލީޑަޝިޕް އިސްތިއުފާ ދޭންޖެހޭ ނަމަ އޭރުން އެ ފުރުސަތުވެސް ފަހިވާނެ،" މިއީ އިސްތިއުފާ ދޭންޖެހޭ ވަގުތެއް ނޫން ކަމަށް ހާމަކުރައްވަމުން ފައްޔާޒު ވިދާޅުވި އެވެ. 

ފައްޔާޒު އިސްތިއުފާ ދެއްވާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ފައްޔާޒު މަޤާމުން އިސްތިއުފާ ދީގެން ނުވާނެ ކަމަށާއި އެމްޑީޕީގެ ލީޑަރޝިޕަކީ ބަލިވުމުން މައިދާން ދޫކޮށް ދާނެ ބައެއް ނޫން ކަމަށެވެ. އަދި މިއީ ޖެހިޖެހިގެން އިންތިހާބުތަކުން ބަލިވި ފުރަތަމަ ފަހަރު ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.




More from Hoara Online