ފަނޑިޔާރުން ހުވާކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަނޑިޔާރުންނަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.
ހައިކޯޓުގެ ފަނޑިޔާރަކަށް މިއަދު އައްޔަންކުރެއްވީ މުހައްމަދު ޝަނީޒް އަބްދުﷲ އެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރެއްވީ އާއިޝަތު ނުޒުހާ އެވެ.
މީގެ އިތުރުން ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވި އައިޝަތު ޝިހާބު ވަނީ ހުވާ ކުރައްވާފަ އެވެ.
ކްރިމިނަލް ކޯޓަށް އައްޔަނުކުރި އަލްއުސްތާޛާ އާއިޝަތު ނުޒުހާ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ (ވިތް އޮނަރސް) އަދި މާސްޓަރ އޮފް ލޯ ޙާސިލްކުރައްވާފައިވެއެވެ. ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރެއްގެ މަޤާމް އަދާކުރައްވަމުން ގެންދެވި އަލްއުސްތާޛާ އާއިޝަތު ނުޒުހާވަނީ ޤާނޫނީ ދާއިރާގައި 07 އަހަރު ދުވަހުގެ ދިގުމުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ.
ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް އައްޔަނުކުރި އަލްއުސްތާޛާ އައިޝަތު ޝިހާބް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރިއާ އެންޑް ލޯ ހާސިލްކުރައްވައިފައެވެ. ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ނިންމެވިއިރު، އަލްއުސްތާޛާ އައިޝަތު ޝިހާބް ހުންނެވީ ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަޤާމްގައެވެ.