ޕީއެންސީން މައުލޫމާތު ދީފައިވާގޮތުގައި އެ ޕާޓީއަށް ސޮއިކޮށްފައިވަނީ ހުރާ ދާއިރާއަށް އިންތިހާބުވި ޑރ. އަނާރާ ނައީމް، މަތިވެރި ދާއިރާއަށް އިންތިހާބުވި ޙަސަން ޒަރީރު، މައްޗަންގޮޅި މެދު ދާއިރާއަށް އިންތިހާބުވި އަހްމަދު ޒަމީރު، ތިމަރަފުށި ދާއިރާއަށް އިންތިހާބުވި އަހްމަދު ރިޔާޒް، ނައިފަރު ދާއިރާއަށް އިންތިހާބުވި ޔާސީން އަބްދުﷲ އަދި ވިލިނގިލި ދާއިރާއަށް އިންތިހާބުވި އާޒިމް އަބްދުލް އަޒީޒެވެ.
"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކެންޑިޑޭޓަކު ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. އިންތިހާބުގައި ވާދަކޮށްގެން އޭނާ ހޮވިއްޖެ އެވެ. އޭނާ ސިޔާސީ ޕާޓީއަކަށް ނިސްބަތްވެ އެވެ. އެކަމަކު އޭނާ ހޮވުނީ މިނިވަން އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. އިލެކްޝަންސް ކޮމިޝަނުން އޭނާ ޕާޓީއަކަށް ނިސްބަތްވާކަމުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން ދެންވާނީ ކިހިނެއްތޯ؟،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަބީބު ސުވާލު އުފައްދާފައިވެ އެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެންބަރުން ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ ކުރުން މޭ 28 ގައި އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން މައުލޫމާތުދެއެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިބޭނެއެވެ.
މިދިޔަ އާދީއްތަ ދުވަހު ކުރިއަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ޕާޓީ، ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދާފައެވެ. އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ޕީއެންސީން ވަނީ 93 ގޮނޑީގެ ތެރެއިން 66 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 12 ގޮނޑިއެވެ. މިނިވަން 11 ބޭފުޅަކު ގޮނޑި ކާމިޔާބު ކުރެއްވިއިރު، އެމްޑީއޭ 2 އަދި އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީން އަށް އެއް ގޮނޑި ކާމިޔާބުކޮށްފައިވެއެވެ.