އިބްރާހީމް މުހައްމަދު ސޯލިހަކީ ޑިމޮކްރަސީގެ ދުޝްމަނެއް: ބޮންޑެ

Mon, 29 May 2023 12:32 PM

View on this article on Hoara Online

އިބްރާހީމް މުހައްމަދު ސޯލިހަކީ ޑިމޮކްރަސީގެ ދުޝްމަނެއް: ބޮންޑެ
"މި ސަރުކާރަކީ ހަމަ ސީދާ މީޑިއާގެ ދުޝްމަނެއް. ޑިމޮކްރަސީގެ ދުޝްމަނެއް، އިބްރާހީމް މުހައްމަދު ސޯލިހަކީ ޑިމޮކްރަސީގެ ދުޝްމަނެއް، ލޯފަން މީހަކަށްވެސް އޮޅުވާލާނެ. އިބްރާހީމް މުހައްމަދު ސޯލިހުގެ ބުއްދި ލޯފަން ވެފަ އެހެރީ،" "ޗެނަލް-13" އިން ގެނެސްދިން ލަވަތަކެއްގައި ރައީސަށް ނިސްބަތްކޮށް "ޗޯރު" ބޭނުންކުރާތީ ބްރޮޑްކާސްޓިން ކޮމިޝަނުން އެ ޓީވީ ސްޓޭޝަނަށް އިންޒާރު ދިން މައްސަލައިގައި މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށައެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި 28 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަން ބޭނުންކޮށްގެން، ސަމާސާ އަދަބުގެ ތެރެއިން ލަވައާއި މިއުޒިކު ބޭނުންކޮށްގެން، ޚިޔާލެއް ފާޅުކުރުމުން ޗެނަލް-13 އަށް އިންޒާރުދީ ބްރޯޑްކާސްޓިން ކޮމިޝަނުން ހިންގި އަމަލަކީ ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

"...[އެއީ]ބްރޯޑްކާސްޓުކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ (ނ) އިންތިހާއަށް ފުޅާކޮށް މާނަކޮށްގެން، މި ޢިއްޒަތްތެރި މަޖިލީހުން އިސްވެ ދެންނެވި ދެ ޙައްޤު ހިފަހައްޓާފައިވާ މިންވަރަށްވުރެ ބޮޑަށް އެ ހިފަހެއްޓުން ފުޅާކޮށްގެން ހިންގި އަމަލެއްކަން ފާހަގަ[ކުރަމެވެ]،" ކުއްލި މައްސަލާގައި ޝިޔާމް ވިދާޅުވި އެވެ.

ބްރޯޑްކޮމް އިން ޗެނަލް 13 އަށް އެޅި ފިޔަވަޅަކީ ސަރުކާރުން ޕްރެޝާކޮށްގެން އެޅި ފިޔަވަަޅެއް ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ. އެއީ ގާނޫނުއަސާސީއާއި، އަސާސީ ޙައްގުތަކާއި، ޑިމޮކްރެޓިކް އަގުކުރުންތަކާއި، ވެރިކަން ހިންގުމުގެ ރަނގަޅު އުސޫލުތައްކަމަށް ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަނެފައިވާ މިންގަނޑުތަކާއި، 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރު އެމައްޗަށް ބިނާކުރާނެކަމަށް ބުނި އުސޫލުތަކާއި އަސާސްތަކާ ހިލާފަށް އެޅި ފިޔަވަޅެއް ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ

"...އެ އަމަލު ކުށްވެރިކޮށް، މުސްތަގިއްލުކަމާއެކު ވަކި ބައެއްގެ ނުފޫޒަށް ތަބާނުވެ މަސައްކަތްކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް ގޮވައިލުމާއެކު، ސަރުކާރަށް ފާޑުކިޔާ މީޑިއާތަކަށް ބިރުދެއްކުމާއި އިންޒާރުދިނުން ހުއްޓައިލުމަށް ސަރުކާރަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ގޮވައިލާ މި ކުއްލި މައްސަލަ ހުށަހެޅީމެވެ،" ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޝިޔާމް ވިދާޅުވި އެވެ.

އެ މައްސަލައަށް ބަހުސްކުރައްވަމުން ބޮންޑެ ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން ހުންނެވި ރައީސުންނަށް ނިސްބަތްކޮށް ވެސް އެފަދަ ވަނަންތައް ބޭނުންކޮށްފައި އެބަހުއްޓެވެ. އަދި ދައުލަތުގެ މީޑިއާއިން އެފަދަ މޭރުމަކުން ދޭހަވާ ގޮތަށް، ވާހަކަދައްކާ ކަމަށް ބޮންޑެ ވިދާޅުވި އެވެ.

"ދައުލަތުގެ މީޑިއާ ބޭނުންކޮށްގެން ވޯޓުލާ ދުވަހު ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި، ބުއްދިއަށް އޭނައަށް ފެންނަ އިހްސާސްތައް އޮޅުވާލުމަކީ އެއީ މާބޮޑު ކަމެއް، ވޯޓުލާ މީހެއް މިނިވަންކަން އިހުސާސް ކުރެވޭ ވަރަށް ބުއްދި، އޭނަގެ ބުއްދި ތަގައްޔަރު ނުވާ ވަރަށް ދައުލަތުން މީޑިއާ ޖެހޭނެ ދޫކޮށްލަން. ދައުލަތުގެ މީޑިއާ 7 ފެބްރުއަރީގައި ހިސާރުކުރި މީހާ އެހެރީ މިހާރުވެސް ހޯމް މިނިސްޓަރަކަށް،" ބޮންޑެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ލާދީނީ މީހުން އުޅޭ ކަމަށް ދައުލަތުގެ މީޑިއާގައި ބުނެ "ސަރުކާރު ވައްޓާލައި" ހޯމް މިނިސްޓަރަކަށް މިހާރު ހުންނެވި އިމްރާން އަބްދުﷲ ގެ މައްސަލަ ވެސް އޭނާ އިދާރާތަކަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ވެސް މި ސަރުކާރުން ނުބަލަ އެވެ.

ބޮންޑެ ވިދާޅުވި ގޮތުގައި މި ސަރުކާރަކީ މީޑިއާގެ ދުޝްމަނެކެވެ. އަދި ރައީސްގެ މަގާމުގައި ހުންނެވި އިބްރާހީމް މުހައްމަދު ސޯލިހަކީ ވެސް މީޑިއާއާއި ޑިމޮކްރަސީގެ ދުޝްމަނެއް ކަމަށް ވިދާޅުވި އެވެ.

"އިންސާނާ ދިރިހުއްޓައި ހަމައެކަނި ލޯފަން ވަނީކީ ލޮލެއް ނޫން، ބުއްދިއާއި ވިސްނުމާ ލޯފަންވޭ، އެހިސާބަށް ގޮސްފަ މިހާރު އެހެރީ." ދަ ޑިމަކްރެޓްސްގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މެންބަރުން އުފައްދަން މަސައްކަތް ކުރއްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޮންޑެ ވިދާޅުވި އެވެ. 

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް އިދިކޮޅުން ކިޔާ ވަނަމެއް މަޖިލީހުގެ ތަޅުމުގައި މިއަދު ފުރަތަމަ ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެގޮތުން ދެއްކެވި ވާހަކައިގަ އެވެ. އޭނާ ވިދާޅުވީ ރައިސް މައުމޫނުގެ 30 އަހަރުވީ ދިގު ވެރިކަމުގެ އޮފު ކަނޑުވައިލީ އެމަނިކުފާނަަށް ނިސްބަތްކޮށް، ކިޔަން ފެށި ވަނަމަކުން ކަމަށެވެ.

ކުރީގެ ރައީސް ޔާމީނަށާއި ރައީސަކަށް ހުންނެވި އިރު ނަޝީދާ ދިމާލަށް މީހުން ގޮވި އެއްޗިހީގެ ހަނދާން ވެސް އޭނާ އާކުރެއްވި އެވެ.

"އެހުރިހާ ވާހަކަ އަކީ [ރައީސުންނަށް ފާޑުކިޔަން ދައްކާ ވާހަކަތަކަކީ] އަޅުގަނޑުމެން އެއްބަސްވާ ކަންކަމަކަށް ވާކަށް ނުޖެހޭ،" އީވާ ވިދާޅުވި އެވެ.

އީވާ އަބްދުﷲ ދެއްކެވި ވާހަކަތަކާ ގުޅުވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނު ހަނދާން ކޮށްދޭނަން ބޭނުންވެ ވަޑައިގަންނަވަނީ ކުރީގެ ރައީސް އިބްރާހިމް ނާސިރަށް "ކަރުކުރު ބައިސާ" އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް "ގޮޅާބޯ" އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް "ގަންޖާބޯ" އާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް "ބާޣީ ވަހީދު" އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް "ރާނގޮނޑި ރާޖާ"، އެ ނަންތައް ރައްޔިތުންގެ މަޖިލީހުގަ އާއި އަދި ރާއްޖޭގެ އެހެން އެތައް ތަނެއްގައި އެކި ގޮތް ގޮތަށް ކިޔާ ގޮވާ ހަދާފައިވާ ކަމަށާއި ގޮވަމުން ގެންދާ ކަމަށެވެ.

"މިއަދު 'ޗޯރު އިބުރޭ' ކީމާ އެކަމާ އަޅުގަނޑުމެން ހަމައިން ނައްޓައިގެން ދާ މިންވަރަށް ކަންބޮޑުވުން އިތުރު ކޮށްފިނަމަ އެއީ އަޅުގަނޑު ދަންނަވަނީ އެއީ ޑިމޮކްރެސީގެ ރޫހުގައި ފަހަތަށް އެޅޭ ފިޔަވަޅެކޭ"   



More from Hoara Online