އައްޑޫ ސިޓީގައި އިސްލާމީ މަރުކަޒެއް ބިނާ ކުރަން ހަވާލުކޮށްފި

Sat, 25 Mar 2023 09:40 AM

View on this article on Hoara Online

އައްޑޫ ސިޓީގައި އިސްލާމީ މަރުކަޒެއް ބިނާ ކުރަން ހަވާލުކޮށްފި
އައްޑޫ ސިޓީ ހިތަދޫގައި އިސްލާމީ މަރުކަޒެއް އިމާރާތްކުރަން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި ކަމަށް އިއްޔެ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވި އެވެ.

ހަތަރު ސަތޭކަ ފަންސާސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މި އިސްލާމީ މަރުކަޒު ތަރައްގީކުރުމުގެ ކޮންޓްރެކްޓް ހަވާލުކޮށްފައި ވަނީ ފީޑޯ ޕްރައިވެޓް ލިމިޓެޑާ އެވެ.

އައްޑޫ އިސްލާމިކް ސެންޓަރު ތަރައްގީ ކުރާނީ 1500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކާއި ހަތަރު ކްލާސްރޫމާއި ދެ ސެމިނާ ރޫމްގެ އިތުރުން އިދާރީ އޮފީހާއި އިސްލާމިކް ލައިބްރަރީ އަދި ޕޭންޓްރީ ހިމެނޭ ގޮތަށެވެ.

އައްޑޫގައި އިސްލާމިކް ސެންޓަރެއް ހެދުމަށް އެންމެ ފުރަތަމަ މަޝްވަރާ ކުރެވުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އޭގެ އަމަލީ ސިފަ ނުޖެހި، އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެކަމަށް ވައުދުވެފަ އެވެ.

ނައިބު ރައީސް އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ އައްޑޫ ސިޓީ ހިތަދޫގައި އިމާރާތްކޮށްފައިވާ މިސްކިތް ވެސް ރަސްމީކޮށް ހުޅުވައިދެއްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ސަރުކާރުން ޚަރަދުކޮށްގެން އައްޑޫގައި މިސްކިތެއް ނާޅާތާ ވަރަށް ގިނަ ދުވަސް ވެއްޖެކަމަށެވެ. ނަމަވެސް މި ދައުރުގައި އައްޑޫގައި ފަސް މިސްކިތް އެޅުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އޭނާ ވިދާޅުވިއެވެ.

"މި މިސްތިތްތަކާ އެކު އަޅުގަނޑު އުންމީދު ކުރަނީ އައްޑޫއަކީ ދީނީ ކަންކަމުގައި ޚާއްސަކަން ދެވިގެން ގިނަ އިލްމުވެރިން އުފެދި، ރައްޔިތުން ވެސް މިހާރަށް ވުރެ ބޮޑަށް ދީނީ ކަންކަމަށް ޚާއްސަކަން ދޭ ތަނެއްގެ ގޮތުގައި ވެގެންދާނެ ކަމަށް،" މޭޔަރު ވިދާޅުވިއެވެ.



More from Hoara Online